ޚަބަރު

އިސްލާމިކް މިނިސްޓްރީގެ އައު ވެބްސައިޓް ލޯންޗުކުރައްވައިފި


އިސްލާމިކް މިނިސްޓްރީގެ އައު ވެބްސައިޓާއި، އިސްލާމިކް މިނިސްޓްރީގެ މޯބައިލް އެޕްލިކޭޝަން ލޯންޗު ކުރައްވައިފިއެވެ.

ވަޤްފު ފަންޑަށް ފައިސާ ހޯއްދެއްވުމަށް އިމާރާތްކުރެއްވި ދާރުލް އީމާން އިމާރާތް ހުޅުއްވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި، އައު ވެބްސައިޓާއި، އިސްލާމިކް މިނިސްޓްރީގެ މޯބައިލް އެޕްލިކޭޝަން ލޯންޗް ކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަޙްމަދެވެ.

އިސްލާމިކް މިނިސްޓްރީގެ އައު ވެބްސައިޓްގައި އެ މިނިސްޓްރީގެ މުހިންމު މަސައްކަތްތަކާއި، ޚިދްމަތްތަކާ ބެހޭ މުހިންމު މަޢުލޫމާތުތައް ހިމެނެއެވެ. 

މިރޭ ލޯންޗުކުރެވުނު މޯބައިލް އެޕްލިކޭޝަނުން، ނަމާދުވަގުތުތައް ބަލާލުމާއި ނަމާދުވަގުތުތަކުގެ ނޮޓިފިކޭޝަން ފޯނަށް ލިބޭނެއެވެ. މީގެ އިތުރުން މިއެޕްލިކޭޝަން މެދުވެރިކޮށް އިސްލާމިކް މިނިސްޓްރީން ދެމުންގެންދާ ޚިދްމަތްތަކަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލައްވާފައެވެ. ދާލައިގެ ނަމުގައި އާއްމުކުރެއްވި މި އެޕްލިކޭޝަންގައި މުސްލިމް ނަންތަކުގެ ދިވެހި މާނަތައް އެކުލެވޭ ފޮތެއްވެސް ހިމަނުއްވާފައިވެއެވެ. މި އެޕްލިކޭޝަން އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ.

ވަޤްފު ބިލްޑިންގް ހުޅުވުމަށް މިރޭ ބޭއްވެވި ރަސްމިއްޔާތުގައި ޙައްޖާއި އުމްރާ އަށް ޚާއްޞަ ޕޯޓަލެއްވެސް ވަނީ ތަޢާރަފް ކުރައްވާފައެވެ.

މި ޕޯޓަލް މެދުވެރިކޮށް ޙައްޖާއި ޢުމްރާއާ ބެހޭ އެންމެހައި މަޢުލޫމާތާއި، އަޅުކަން އަދާކުރުމުގައި އަމަލުކުރަންޖެހޭ ގޮތާއި، ދުޢާތަކާއި ޒިކްރުތައް ހިމެނެއެވެ.

މިރޭގެ ރަސްމިއްޔާތުގައި، ރާއްޖެ އިސްލާމްވި ދުވަހާ ގުޅުވައިގެން ބޭއްވި ދީނީ ޅެން ހެދުމާއި މަޒުމޫނު ލިޔުމުގެ މުބާރާތުން ވަނަތައް ހާސިލްކުރި ފަރާތްތަކަށް އިނާމް ދެއްވާފައިވެއެވެ. އިނާމުތައް ޙަވާލުކޮށްދެއްވީ، ހޯމް މިނިސްޓަރ އަޒްލީން އަޙުމަދާއި އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒިޔާދުއެވެ.