ޚަބަރު

"ފެށުން" މި ނަމުގައި ކެމްޕެއިނެއް ފަށްޓަވަނީ


2018 ގެ ރިޔާސީ އިންތިޚާބު ރައީސުލްޖުމްހޫރިއްޔާ އަބްދު ﷲ ޔާމީން އަބްދުލްޤައްޔޫމަށް ކާމިޔާބު ކޮށްދެއްވުމަށް އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ފަށްޓަވާ ކެމްޕެއިންގެ މިއަހަރުގެ ޙަރަކާތްތައް މާދަމާރޭ ފެށްޓެވުމަށް ނިންމަވައިފިއެވެ.

"ފެށުން" މިނަމުގައި ފަށްޓަވާ ކެމްޕެއިން ހަރަކާތުގެ ފެށުން އޮންނާނީ ހުޅުމާލޭގައެވެ. މިކަމާގުޅޭ ގޮތުން ރައީސް ޔާމީން ކެމްޕެއިން އޮފީހުގެ ފަރާތުން އިބްރާހިމް މުޢާޒް އަލީ ވިދާޅުވީ، މީގެކުރިން މާލެއާއި، އަތޮޅުތަކުގައި ހިންގި ޙަރަކާތްތަކަކީ ފެށުމެއް ކަމުގައި ބައްލަވައިގެން ފަށްޓަވާ މިކެމްޕެއިނަކީ، ރައީސް ޔާމީނަށް ތާއީދުކުރައްވާ ގިނަ ޢަދަދެއްގެ ރައްޔިތުން ބޭނުންވެގެން ކުރައްވާ މަސައްކަތެއް ކަމަށެވެ. މާދަމާރޭ ހުޅުމާލޭގައި މި ފަށްޓަވާ ކެމްޕެއިން ޙަރަކާތްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ބެއްލެވުމުގެ ދަށުން ހިންގަވާ ޙަރަކާތްތަކެއް ކަމަށާއި، މިޙަރަކާތްތައް މެދުނުކެނޑި ކުރިއަށް ގެންދަވަން ނިންމަވާފައިވާ ކަމަށެވެ.

"ފެށުން މިނަމުގައި މިފެށޭ މަސައްކަތަކީ މީ ތިބޭފުޅުން ހިތަށް އަރާފާނެ އެހިސާބުން ކިހިނެތްތޯ ދެން ކުރިއަށްދާނީ، ޖަވާބަކީ އަޅުގަނޑުމެން މަހާސިންތާތައް ކުރިއަށް ދިޔައިރުވެސް، ސިލްސިލާ އެހެނިހެން ކަންތައްތައް ކުރިއަށް ދިޔައިރުވެސް އަޅުގަނޑުމެންގެ ދެންނެވިން، މީކީ ނިމުމެއް އޮތް ކަމެއް ނޫނޭ. ނިމުމަކީ ކޮބައިތޯ ސުވާލު ކުރައްވައިފިނަމަ، ފަސްޓްލޭޑީ މިކުރައްވާ މަސައްކަތްތަކުގެ ނިމުމަކީ ﷲ ގެ ރަހްމަތްފުޅާއެކު، 2 ވަނަ ދައުރަކަށް އަޅުގަނޑުމެންގެ ރިޔާސީ ކެނޑިޑޭޓް މިހާރުގެ ރައީސުލްޖުމްޙޫރިއްޔާ އިންތިޚާބުކުރުން." އިބްރާހިމް މުޢާޒް އަލީ ވިދާޅުވިއެވެ.

"ފެށުން" މިނަމުގައި ފަށްޓަވާ ކެމްޕެއިނުގެ ހަރަކާތްތައް މާލޭގެ އެކި ސަރަހައްދުތަކުގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައިވެސް ކުރިއަށް ގެންދަވަން ނިންމަވާފައިވާ ކަމަށް މުޢާޒް ވިދާޅުވިއެވެ. އަދި މާދަމާރޭ ބާއްވަވާ އިވެންޓުގައި ތަފާތު ކަންތައްތަކެއް އޮންނާނެކަމުގައި މުޢާޒް ވިދާޅުވިއެވެ.