ޚަބަރު

ޑޮކްޓަރުން ސްޕެޝަލައިޒުވުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވާލަނީ


ޑޮކްޓަރުން ތަމްރީނު ކުރެއްވުމުގެ ޕްރޮގްރާމްގެ ދަށުން، މިއަހަރު އިތުރު ޑޮކްޓަރުން ސްޕެޝަލައިޒުވުމަށް ފުރުޞަތު ދެއްވުމަށްޓަކައި، ސްކޮލަރޝިޕް ދެއްވަން ސަރުކާރުން ނިންމަވާފައިވާ ކަމަށް މިނިސްޓަރ އޮފް ހެލްތު ޢަބްދު ﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޑޮކްޓަރުން ސްޕެޝަލައިޒުވުމަށާއި، އެމްބީބީއެސް ހެދުމަށް ސްކޮލަރޝިޕްގެ ފުރުޞަތު ހޯއްދަވައިދެއްވުމަށް ހަމަޖެހިފައިވަނީ ސަރުކާރާއި ބޭރުގެ ފަރާތްތަކާއި ގުޅިވަޑައިގެން ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. ސްޕެޝަލައިޒުވުމަށް މިއަހަރު ފޮނުވުމަށް ނިންމަވާފައިވަނީ ކިތައް ޑޮކްޓަރުން ކަމެއް މިނިސްޓްރީން އަދި ހާމައެއް ނުކުރައްވައެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ހެލްތު މިނިސްޓަރ ޢަބްދު ﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، ޞިއްޙީ ދާއިރާއަށް ބޭނުންވާ ދިވެހި ޑޮކްޓަރުން އެކި ދާއިރާތަކުން ޚާއްޞަވުމަށް މަތީ ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، މިދިޔަ ތިން އަހަރުގެ ތެރޭގައި ސަރުކާރުން ޚަރަދު ކުރައްވައިގެން 40 ޑޮކްޓަރުން އެކި ދާއިރާތަކުން ސްޕެޝަލައިޒުވުމަށް ރާއްޖެއިން ބޭރަށް ފޮނުއްވާފައިވާ ކަމަށެވެ. އަދި މިއީ ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައިވެސް ނުފޮނުވާހާ ގިނަ ޑޮކްޓަރުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. img:http://s2.psmnews.mv/images/660x400/14842124756749.jpg|ހެލްތު މިނިސްޓްރީއާއި އެމްއެންޔޫއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން - ފޮޓޯ: ޕީއެސްއެމް

"މިއަހަރު އެންމެ އިސްކަންދޭނީ ސިއްޙީ ދާއިރާ ފުޅާވަމުން އަންނައިރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށްވާ ހިއުމަން ރިސޯސަސް ތަރައްޤީކުރުމަށް. ޑޮކްޓަރުން ތަމްރީނުކުރަނީ ބޭރުގެ ފަރާތްތަކުގެ އެހީގައި ލިބޭ ސްކޮލަރޝިޕްގައި، ޑޮކްޓަރުންގެ އިތުރުން ނަރުހުންވެސް ހިމެނޭ." ހެލްތް މިނިސްޓަރ އަބްދު ﷲ ނާޡިމް އިބްރާހީމް ވިދާޅުވިއެވެ.

ޤާބިލް ދިވެހި ޑޮކްޓަރުން ތަމްރީނު ކުރެއްވުމުގެ ޕްރޮގްރާމްގެ ދަށުން މިދިޔަ އަހަރުގެ އޭޕްރީލްމަހުވެސް ނުވަ ދާއިރާއަކުން ޚާއްޞަވުމަށް 9 ޑޮކްޓަރަކަށް ސްކޮލަރޝިޕްގެ ފުރުޞަތު ވަނީ ދެއްވާފައެވެ. މީގެތެރޭގައި ޖެނެރަލް ސާރޖަރީ، ރޭޑިޔޯ ޑައިގްނޯސިސް، ކަށީގެ ޚާއްސަ ބަލިތައް، އަންހެނުންގެ ޚާއްސަ ބަލިތައް، ކަރުންމަތީގެ ބަލިތައް، ކުޑަކުދިންގެ ޚާއްސަ ބަލިތައް އަދި ލޮލުގެ ޚާއްސަ ބަލިތައް ފަދަ ދާއިރާތައް ހިމެނެއެވެ. މި ސްކޮލަރޝިޕްތަކަކީ، ސަރުކާރާއި ނޭޕާލުގެ ޔުނިވަރސިޓީއަކާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ލިބިފައިވާ ސްކޮލަރޝިޕްތަކެއް ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. img:http://s1.psmnews.mv/images/660x400/14842126798854.jpg|ހެލްތު މިނިސްޓްރީއާއި އެމްއެންޔޫއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން - ފޮޓޯ: ޕީއެސްއެމް

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި ދިވެހި 193 ޑޮކްޓަރުން މަސައްކަތް ކުރައްވައެވެ. މީގެ ތެރެއިން 74 ޑޮކްޓަރުންނަކީ ސްޕެޝަލައިޒް ޑޮކްޓަރުންނެވެ.