ޚަބަރު

ދިރާސާކުރުން ކުރިއެރުވުމަށް އަޙައްމިއްޔަތުކަން ދެން - އައިޔޫއެމް


ދިރާސާކުރުމުގެ ޢިލްމު ތަރައްޤީކޮށް ކުރިއެރުވުމަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އައިޔޫއެމް އިން ވަރަށް ބޮޑު އަޙައްމިއްޔަތުކަމެއް ދެއްވާ ކަމެއް ކަމަށް އެ ޔުނިވަރސިޓީގެ ސެންޓަރ ފޯރ ރިސާރޗް އެންޑް ޕަބްލިކޭޝަންގެ ޑީން ޑރ. ދީބާ މޫސާ ވިދާޅުވެއްޖެއެވެ. ދިރާސާކުރުމުގެ ހުނަރު ތަރައްޤީ ކުރެއްވުމަށް އެ ޔުނިވަރސިޓީން ގިނަ މަސައްކަތްތަކެއް ކުރައްވައެވެ.

ދިރާސާކުރުމުގެ ހުނަރަކީ މަތީ ތަޢުލީމު ޙާސިލްކުރާ ދަރިވަރުންނަށް ވަރަށް މުހިންމު ހުނަރެކެވެ. އެހެންކަމުން ރާއްޖޭގައި މަތީ ތަޢުލީމު ޙާސިލްކުރާ ދަރިވަރުންގެ ދިރާސާކުރުމުގެ ހުނަރު ތަރައްޤީކޮށް ކުރިއެރުވުމަކީ ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އައިޔޫއެމްގެ ވަރަށް ޚާއްސަ މަޤުޞަދެއް ކަމަށް އެ ޔުނިވަރސިޓީން ވިދާޅުވެއެވެ.

ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން އެ ޔުނިވަރސިޓީގެ ސެންޓަރ ފޯރ ރިސާރޗް އެންޑް ޕަބްލިކޭޝަންގެ ޑީން ޑރ. ދީބާ ވިދާޅުވީ ޢިލްމީ ހެކިތަކުގެ މައްޗަށް ބިނާކޮށް ރިސާރޗްތައް ކުރުމާއި އެކަމުގެ މުހިންމުކަމާއި މެދު އެ ޔުނިވަރސިޓީގެ މުވައްޒަފުންނާއި ދަރިވަރުން އަދި މުޅި މުޖުތަމަޢު ވެސް ހޭލުންތެރިކޮށް އަހުލުވެރިކުރުވުމަކީ އެ ޔުނިވަރސިޓީން ވަރަށް އިސްކަން ދެއްވާ ކަމެއް ކަމަށެވެ.

"އެވިޑެންސް ބޭސްކޮށް، ޑިސިޝަންސް މޭކްކުރުމަށްޓަކައި ރިސާރޗްގެ މުހިންމުކަން އަޅުގަނޑުމެންގެ ސްޓާފުންނާއި ދަރިވަރުން އަދި މުޅި މުޖްތަމަޢު އަށް އަންގައިދިނުމަކީ އަޅުގަނޑުމެން ވަރަށް މުހިންމުކަމެއް ދޭ މަޤުޞަދެއް." ޑރ. ދީބާ މޫސާ ވިދާޅުވިއެވެ.

އިސްލާމިކް ޔުނިވަރސިޓީ ޤާއިމްވުމާއިއެކު ދިރާސާކުރުމުގެ ހުނަރު ތަރައްޤީ ކުރެއްވުމުގެ މަސައްކަތް ފަށްޓަވާފައިވާ ކަމަށް އެ ޔުނިވަރސިޓީން މައުލޫމާތު ދެއްވައެވެ. އެ ޔުނިވަރސިޓީގެ ސްޓާފުންނާއި ދަރިވަރުން ދިރާސާކުރުމަށް އަހުލުވެރިކުރުމުގެ ގޮތުން އައިޔޫއެމްއިން ޚާއްސަ ވޯރކްޝޮޕްތަކެއް ބާއްވަވާފައިވެއެވެ.

ދަރިވަރުންނާއި މުވައްޒަފުންނަށް ދިރާސާ ކަރުދާސްތަކުން މަޢޫލޫމާތު ހޯދޭނެ އިންތިޒާމް ފަހިކޮށްދެއްވުމަށްވެސް އެ ޔުނިވަރސިޓީން މަސައްކަތް ކުރައްވައެވެ. އެ ގޮތުން ނިމުނު އަހަރު އެ ޔުނިވަރސިޓީން އިންޓަރނޭޝަނަލް ކޮންފަރެންސެއް ބާއްވަވާފައިވާކަން ފާހަގަކޮށްލެވެއެވެ. img:http://s1.psmnews.mv/images/660x400/14842108465066.jpg|އައިޔޫއެމްގެ ލައިބްރަރީ - ފޮޓޯ: އައިޔޫއެމް

"އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިސްލާމިކް އެވޭކެނިންގ ޓުވާރޑްސް ޑައިވާރސް ބަޓް ޔުނިފައިޑް ސޮސައިޓީ" ގެ ނަމުގައި ނިމުނު އަހަރުގެ ނޮވެމްބަރު މަހުގެ 20 ން 21 އަށް ބޭއްވެވި އެ ކޮންފަރެންސް ގައި ދުނިޔޭގެ އެކި ޤައުމުތަކުން ޕްރޮފިސަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރިސާރޗްގެ ހުނަރު ތަރައްޤީ ކުރެއްވުމަށްޓަކައި އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓް އާއި ގުޅިވަޑައިގެން ނިމުނު އަހަރުގެ އޮގަސްޓު މަހުގައިވެސް އައިޔޫއެމް ވަނީ ވޯރކްޝޮޕެއް އިންތިޒާމް ކުރައްވާފައިވެއެވެ. މި ވޯރކްޝޮޕުގައި 50 ޢިލްމުވެރިން ބައިވެރިވެފައިވެއެވެ. އައިޔޫއެމްގައި މާސްޓަރސް އަދި ޕީއެޗްޑީއަށް ކިޔަވާ ދަރިވަރުން މި ވޯރކްޝޮޕުގައި ޢަމަލީ ގޮތުން ޙަރަކާތްތެރިވެފައިވެއެވެ.

އައިޔޫއެމްގައި ހިންގަވާ ކޯސްތަކުގެ ތެރެއިން ޕޯސްޓް ގްރޭޖުއޭޓް ކޯސްތަކުގެ މައިގަނޑު ބައެއްގެ ގޮތުގައި ރިސާރޗް އާއި ގުޅޭ މާއްދާތަކެއް ހިމަނުއްވާފައިވާ ކަމަށް އެ ޔުނިވަރސިޓީން ވިދާޅުވެއެވެ. އެ ޔުނިވަރސިޓީގައި މާސްޓާރސް އަދި ޕީއެޗްޑީ އަށް ކިޔަވާ ދަރިވަރުން މަދުވެގެން 2 ކޮންފަރެންސްގައި ބައިވެރިވުމަކީ މަޖުބޫރުކަމެއްގެ ގޮތުގައި އައިޔޫއެމް އިން ވަނީ ހަމަޖައްސަވާފައެވެ.

"އިސްލާމިކް ޔުނިވަރސިޓީގެ ވަރަށް ޚާއްސަކަމެއް އެއީ، މިކަން މަޖުބޫރުކޮށްފަ އޮތުން. އަޅުގަނޑަކަށް ހިއެއްނުވޭ ރާއްޖޭގެ ހަޔަރ އެޑިއުކޭޝަން އިންސްޓިޓިއުޓެއްގަ، ޕްރޮމޯޓްކޮށްފާނެ، އެކަމަކު ކުރަންޖެހޭ މަޖުބޫރު ކަމެއްގެ ގޮތުގަ ކޯސްތެރެއަށް ލާފަ އިންނާނެހެނެއް ހިއެއްނުވޭ. އެހެންވީމަ ކޮންފަރެންސްތަކަށް ގޮސް އެއިން މަޢުލޫމާތު ހޯދާ ކޮންފަރެންސް އިން ލިބޭ މަޢުލޫމާތުތައް އެހެން މީހުންނާ ޝެއާކުރަން އަޅުގަނޑުމެން ވަރަށް ބޮޑަށް ބާރުއަޅަން." ޑރ. ދީބާ ވިދާޅުވިއެވެ.

އައިޔޫއެމްގެ މުވައްޒަފުންނާއި ދަރިވަރުންގެ ފަރާތުން ދިރާސާ ކަރުދާސްތަކެއް ތައްޔާރުކޮށްފައިވާ ކަމަށާއި އެ ކަރުދާސްތައް ޢާންމު ކުރައްވާފައި ނުވަނީ ޖާރނަލެއްގެ ގޮތުގައި ޝާއިޢުކުރުމަށް ހަމަޖެހިފައިވާތީ ކަމަށް އެ ޔުނިވަރސިޓީން ވިދާޅުވެއެވެ.