ޚަބަރު

ލޯކަލް ކައުންސިލް އިންތިޚާބު އޭޕްރީލް 8 ވަނަ ދުވަހު ބާއްވަނީ


ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އޭޕްރީލްމަހުގެ 8 ވަނަ ދުވަހު ބޭއްވެވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ. 

ސިވިލް ކޯޓުން ކުރެއްވި ޙުކުމަކާ ގުޅިގެން ފަސްކުރެއްވި އިންތިޚާބު، އޭޕްރީލްމަހުގެ 8 ވަނަ ދުވަހު ބޭއްވެވުމަށް ނިންމެވިކަން އިޢުލާންކޮށްފައިވަނީ، އިލެކްޝަންސް ކޮމިޝަނުން މިރޭ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. 

ލޯކަލް ކައުންސިލް އިންތިޚާބު އޭޕްރީލްމަހުގެ 8 ވަނަ ދުވަހު ބޭއްވެވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމެވިކަން އިޢުލާންކޮށްފައި މިވަނީ ދެ މަސްދުވަހަށް އިންތިޚާބު ފަސްކުރެއްވުމަށް މިދިޔަ ޑިސެމްބަރުމަހުގެ އެއްވަނަ ދުވަހު ސިވިލް ކޯޓުން ކުރައްވާފައިވަނިކޮށެވެ.  

އިލެކްޝަންސް ކޮމިޝަނުން އަންނަ އޭޕްރީލްމަހުގެ 8 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ނިންމަވާފައިވާއިރު، މީގެ ކުރިން އިންތިޚާބުގައި ވާދަކުރުމަށް އެދި ކެނޑިޑޭޓުން ހުށަހެޅި ހުރިހާ ފޯމެއްވެސް ބާތިލްވާނޭކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. އަދި މާދަމާއިން ފެށިގެން ފެބްރުއަރީމަހުގެ 6 ވަނަ ދުވަހާ ހަމައަށް އިންތިޚާބުގައި ވާދަކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް ފޯމް ހުށަހެޅުއްވުމުގެ ފުރުޞަތު އޮންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. 

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ކުރިން ފޯމް ހުށަހެޅުއްވި ބޭފުޅުންނަށް ފަޞޭހަކޮށްދިނުމުގެ ގޮތުން، ކޮމިޝަނަށް ކުރިން ހުށަހެޅުއްވި ފޯމްތައް ފިޔަވައި ދެންހުރި މަޢުލޫމާތުތައް ހިމެނޭ ލިޔެކިއުންތައް އެބޭފުޅުންނާއި ހަވާލުކުރައްވާނޭކަމަށެވެ. 

މީގެއިތުރުން އިންތިޚާބުގައި ވޯޓްލާ ތަން ރަޖިސްޓްރީކުރައްވަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތުވެސް ހުޅުވާލެވިފައިވާކަމަށް ކޮމިޝަނުން ވިދާޅުވިއެވެ. ނަމަވެސް ކުރިން ހުޅުވާލި ފުރުޞަތު ރަޖިސްޓްރީކުރި ފަރާތްތަކުން ވޯޓްލާ ތަން ބަދަލުކުރަން ބޭނުންނުވާނަމަ އިތުރަށް ރަޖިސްޓްރީކުރަން ނުޖެހޭނޭކަމަށްވެސް ކޮމިޝަނުން ވިދާޅުވިއެވެ. 

ސިވިލް ކޯޓުން އިންތިޚާބު ފަސްކުރުމަށް އަމުރު ނެރުއްވީ، ލޯކަލް ކައުންސިލް އިންތިޚާބު ދެ މަސްދުވަހަށް ފަސްކޮށްދިނުމަށް އެދި ޕީޕީއެމުން ސިވިލްކޯޓަށް ހުށައެޅި މައްސަލަ ބެއްލެވުމަށްފަހުއެވެ. ސިވިލް ކޯޓުގެ ޙުކުމުގައި ވަނީ އިންތިޙާބު ބޭއްވެވުމަށް އިލެކްޝަންސް ކޮމިޝަނުން އޭރު ކަނޑައެޅުއްވި 14 ޖެނުއަރީން ފެށިގެން ދެމަސް ދުވަހުގެ މުއްދަތެއް ލިބޭނެ ތާރީޙެއްގައި ލޯކަލް ކައުންސިލް އިންތިޙާބު ބޭއްވެވުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ޙުކުމްކުރައްވާ ކަމަށެވެ.