ޚަބަރު

ތައިލެންޑް ސަފީރު ރައީސް އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި


ތައިލެންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު ހިޒް އެކްސެލަންސީ މިސްޓަރ ނޮޕޯން އަދްޗާރިޔަވަނިޗް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް މިބައްދަލުކުރެއްވުމުގައި، ތައިލެންޑް ސަފީރުގެ ދައުރުގައި ރާއްޖޭގެ ސަރުކާރާއެކު ބާއްވަވާފައިވާ ގާތްގުޅުން ފާހަގަކުރައްވައި، އެމަނިކުފާނަށް ފާގަތި މުސްތަޤްބަލަކަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި، ދެ ޤައުމުގެ ރައްޔިތުންގެ ފައިދާއަށްޓަކައި، ރާއްޖެއާއި ތައިލެންޑާ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް ގުޅުންތައް އިތުރަށް ހަރުދަނާވެ، ފުޅާވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14838743498616.jpg|ރައީސް ޔާމީން އަރިހަށް ތައިލެންޑް ސަފީރު ކުރެއްވި ވަދާޢީ ޒިޔާރަތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ތައިލެންޑްގެ ސަފީރު ހިޒް އެކްސެލަންސީ މިސްޓަރ ނޮޕޯން އަދްޗާރިޔަވަނިޗް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ތައިލެންޑާ ދެމެދުގައިވާ، އެއްޤައުމު އަނެއް ޤައުމަށް ކުރާ އިތުބާރާއި އެއްބާރުލުންދިނުމުގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ، ރަހުމަތްތެރި ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ވަރުގަދަ ވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރާއި، ފޮރިން ސެކްރެޓަރީ ޑޮކްޓަރ ޢަލީ ނަޞީރު މުޙަންމަދު ‏ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ތައިލެންޑްގެ ސަފީރުގެ އަރިހުގައި ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ތައިލެންޑްގެ އޮނޮރަރީ ކޮންސަލް މުޙަންމަދު ޞާލިޙް ‏ބައިވެރިވެވަޑައިގެންނެވިއެވެ.