ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026ގެ އޮފިޝަލް ބޭންކިންގ ޕާޓްނަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް ހަމަޖައްސައިފިއެވެ.
ބީއެމްއެލުން ވިދާޅުވީ، މިއީ ރާއްޖޭގެ ވިޔަފާރިތަކާއި، އުފެއްދުންތެރިކަމުގެ އިތުރުން އީޖާދީ މަސައްކަތްތައް ކުރިއެރުވުމަށް އެ ބޭންކުން ދެމުންގެންދާ އެއްބާރުލުމާއި އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި މިދިޔަ އަހަރުގެ މައުރަޒުގެ މެއިން ސްޕޮންސަރަަކީވެސް ބީއެމްއެލްއެވެ.
މީގެ އިތުރުން ޤައުމީ ބޭންކުގެ ދައުރާ އެއްގޮތަށް ދިވެހި ވިޔަފާރިތައް ބާރުވެރިކުރުވައި، އީޖާދީ ވިސްނުންތަކަށް ހިތްވަރުދީ، ރާއްޖޭގެ އިޤުތިޞާދީ ދުވެލި ހަލުވިކުރުމަށް މަގުފަހިކޮށްދޭ މިފަދަ ކޮންމެ ހަރަކާތަކަށް އެއްބާރުލުން ދިނުމުގައި ބީއެމްއެލްއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށްވެސް އެ ބޭންކުން ވިދާޅުވިއެވެ.
އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ގުޅިގެން އިންތިޒާމުކުރާ މި އެކްސްޕޯ ކުރިއަށްދާނީ އޮކްޓޫބަރު 25އިން ނޮވެންބަރު 2ގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
ދިވެހި އުފެއްދުންތެރިކަމާއި ފަންނުވެރިކަމުގެ ހުނަރުތައް ދައްކާލުމަށް ބާއްވާ މި ހަރަކާތަކީ، ވިޔަފާރިވެރިންނާއި އަމިއްލަ އުފެއްދުންތެރިންގެ މަސައްކަތްތައް އިޝްތިހާރުކޮށް، ފަހި މާކެޓުތަކަކަށް ވާސިލުވުމަށް ލިބިގެންދާނެ އަގުހުރި ފުރުޞަތެއް ކަމަށްވެސް ބީސީސީން ވިދާޅުވެއެވެ.