ސަރަހައްދީ މަސްރަޙު ނުތަނަވަސްވެ، ސައުދީ އަރަބިއްޔާގައި ހުންނަ އެމެރިކާ އެމްބަސީގެ މުވައްޒަފުންނާއި އެމީހުންގެ އާއިލާތައް އެ ގައުމު ދޫކޮށް ދިއުމަށް އެމެރިކާ ސަރުކާރުން އަންގައިފިއެވެ.
ޔަމަނުގެ ހޫޡީން ދެމުންދާ ހަމަލާތައް އިތުރުވަމުންދާތީ، ސައުދީގައި ހުންނަ އެމެރިކާ އެމްބަސީގެ މުހިންމު ނޫން މުވައްޒަފުންނާއި އެމީހުންގެ އާއިލާތައް އެ ގައުމުން ފޭބުމަށް އަންގާފައިވާ ކަމަށް ޑިޕްލޮމެޓިކް މަސްދަރުތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
މީގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، އުރުދުން، ގަތަރު އަދި ބަޙްރައިންގައި ހުންނަ އެމެރިކާގެ އެމްބަސީތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އާއިލާތައް ވެސް އަނބުރާ ގައުމަށް ގެންދިއުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ތައްޔާރުވަމުންދާ ކަމަށް، އެ ގައުމުގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވެއެވެ.
ސައުދީގެ ވެރިރަށް ރިޔާޟްގެ އެއާޕޯޓަށް ދާދި ފަހުން އަމާޒުވި ނުރައްކާތެރި ހަމަލާއާ ގުޅިގެން، އެމެރިކާ އެމްބަސީން ވަނީ އެ ސަރަހައްދުގައި ދިރިއުޅޭ އެމެރިކާ ރައްޔިތުންނަށް ހާއްސަ ސަލާމަތީ އިންޒާރެއްވެސް ނެރެފައެވެ.
މި ނުރައްކާތެރި ހާލަތުގެ ތެރޭގައި، ސައުދީ އަރަބިއްޔާގެ އިރުމަތީ ސަރަހައްދުގައި އޮންނަ ޝައިބާ ތެޔޮ ފީލްޑަށް އަމާޒުކޮށް ޑްރޯނަކުން ދިން ހަމަލާއެއް ވައިގެ ދިފާއީ ނިޒާމުން ވަނީ ވައްޓާލާފައެވެ. އެހެންނަމަވެސް، އެ ހާދިސާގައި 2 މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ވަނީ ހާމަކޮށްފައެވެ. މި ހަމަލާއާ ގުޅިގެން އެ ތެޔޮ ފީލްޑުގެ އޮޕަރޭޝަންތަކަށް އެއްވެސް ބުރޫއެއް އަރާފައިނުވާ ކަމަށް ސައުދީގެ ހަކަތަ އާއި ބެހޭ ވުޒާރާގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.