ޚަބަރު

ފަސްޓްލޭޑީ، ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިިޓީއަށް ޒިޔާރަތްކުރައްވައިފި


  • ޑްރެޕްގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވި

ރައީސުލްޖުމްޙޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިިޓީ، ޑްރެޕަށް ޒިޔާރަތް ކުރައްވައިފިއެވެ.

އެ އޮތޯރިޓީއަށް އެކަމަނާ ޒިޔާރަތް ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. އެކަމަނާ ވަނީ، ޕާކިސްތާނުގެ ސިއްޙީ ދާއިރާގެ އެންމެ މައި އިދާރާ ކަމަށްވާ ނޭޝަނަލް ހެލްތު އިންސްޓިޓިއުޓަށްވެސް ޒިޔާރަތް ކުރައްވާފައެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީގެ މަސައްކަތްތައް ބައްލަވައިލައްވައި އެ ޤައުމުން ބޭސް ރެގިއުލޭޓް ކުރާގޮތް ބައްލަވާލައްވާފައެވެ. އަދި އާންމު ސިއްޙަތު ކުރިއެރުވުމާ ގުޅޭގޮތުން މި ޒިޔާރަތުގައި ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީން ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.

ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ އޮފް ޕާކިސްތާނަކީ، 2012 ވަނަ އަހަރުގެ ޑްރެޕް ޤާނޫނުގެ ދަށުން އުފައްދާފައިވާ މުސްތަޤިއްލު އިދާރާއެކެވެ. އިސްލާމްއާބާދުގައި ހުންނަ މި އިދާރާއަކީ، ޕާކިސްތާނުގައި ބޭނުންކުރާ ބޭހާއި، މެޑިކަލް ވަސީލަތްތަކާއި، ޑޮކްޓަރީ ފަރުވާގެ އިތުރަށް އެ ޤައުމުގައި ދޭ ފަރުވާތަކާއި އެ ފަރުވާތައް ދިނުމަށް ބޭނުންކުރާ ވަސީލަތްތަކުގެ ފެންވަރު ބަލަހައްޓާ އިދާރާއެކެވެ.