ޚަބަރު

މިދިޔަ އަހަރު އިސްރަށްވެހިންގެ ދުޅަހެޔޮކަމަށް ގިނަ ހަރަކާތްތަކެއް


  • އުފާވެރި ރާސްތާ ޕްރޮގްރާމް 13 އަތޮޅުގައި ބޭއްވި

  • އެ ޕްރޮގްރާމުގައި 1180 ފަރާތަކުން ބައިވެރިވި

މިދިޔަ އަހަރު މާލޭ އިސްރަށްވެހިންގެ ނާދީގައި އިސް ރަށްވެހިންނަށް އަމާޒުކޮށްގެން 488 ޕްރޮގްރާމް ހިންގާފައިވާކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާއި ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ކުރިއަށް ގެންގޮސްފައިވަނީ، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާއި ބެހޭ ވުޒާރާއިން 2025 ވަނަ އަހަރުގެ ރިޕޯޓު ދިރާސާކުރުމުގެ ގޮތުން އެވުޒާރާގެ ބޭފުޅުންނާ ބައްދަލުކުރުމެވެ. މި ބައްދަލުވުމުގައި 2025 ވަނަ އަހަރު ރިޕޯޓުތަކުން ފާހަގަވާ މުހިންމު ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލާ އެ ވުޒާރާގެ ފަރާތުން ޕްރެޒެންޓޭޝަނެއް ހުށަހަޅާފައިވެއެވެ.

އެ ޕްރެޒެންޓޭޝަން ހުށަހަޅުއްވައިދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ އެ ވުޒާރާގެ ލީޑް ސޯޝަލް ޕްރޮޓެކްޝަން އޮފިސަރ، އަކްރަމް ޙުސައިނެވެ. އަކްރަމް ވަނީ، އެ ވުޒާރާގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެނޫންވެސް މުޖުތަމަޢުގައި ނާޒުކު ޙާލަތްތަކުގައި ތިބޭ ފަރާތްތަކާ ގުޅޭގޮތުން އެ ވުޒާރާއިން ކުރައްވާފައިވާ މަސައްކަތްތަކުގެ ތަފްޞީލު ކޮމިޓީއާ ހިއްސާކުރައްވާފައެވެ.

ހުޅުމާލެ އިސްރަށްވެހިންގެ ނާދީގެ ޚިދުމަތް ވެސް ރަނގަޅަށް ކުރިއަށްދާކަން އަކްރަމް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންގެ ދައުރު އިތުރުކުރުމަށާއި، އެ ފަރާތްތަކަށް އުފާވެރި މާހައުލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ އުފާވެރި ރާސްތާ ޕްރޮގްރާމް 13 އަތޮޅުގައި ކުރިއަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. އެ ޕްރޮގްރާމުގައި 1180 ފަރާތުން ވަނީ ބައިވެރިވެފައެވެ. އަދި މިދިޔަ އަހަރު އިސްރަށްވެހިންގެ ޤައުމީ ސިޔާސަތު އެކުލަވާލުމަކީ، ލިބުނު ކާމިޔާބެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

"އެކަން ތަންފީޒުކުރުމަށް ބޭނުންވާ އެކްޝަން ޕްލޭންވެސް ވަނީ އެކުލަވާލާފައި. އަދި ދާންމަތި ވެފައިވާ މީހުންނަށް ފަސޭހައިން ޚިދުމަތް ދިނުމަށް ޝަރުތު ހަމަވާ 35 ފަރާތަކަށް ޚިދުމަތް ދީފައިވާނެ." ލީޑް ސޯޝަލް ޕްރޮޓެކްޝަން އޮފިސަރ، އަކްރަމް ޙުސައިން ވިދާޅުވިއެވެ.

އެ ވުޒާރާގެ މަސައްކަތްތަކުގެ ތެރެއިން މިދިޔަ އަހަރު އަންހެނުން ބާރުވެރި ކުރުވުމާއި، މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގިނަ ކަންތައްތަކެއް ފުރިހަމަކޮށްފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ. އެގޮތުން ދާއިރާއާއި ގުޅުންހުރި ޤާނޫނުތަކާއި ގުޅޭގޮތުން ހޭލުންތެރި ކުރުމަށް 37 ޕްރޮގްރާމް ހިންގާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން މިދިޔަ އަހަރު އިޖުތިމާއީ އެހީތެރިންނާ ގުޅުންހުރި ސުލޫކީ މިންގަނޑުތަކާއި، އުސޫލުތަކާއި، ޤަވާއިދުތައް އެކުލަވާލާފައިވާކަންވެސް އެ ވުޒާރާއިން ފާހަގަކުރައްވައެވެ. އަދި އިސްރަށްވެހިންގެ ދައުރު ފުޅާކުރުމަށާއި، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރި ކުރުވުމަށްވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އަކްރަމް ފާހަގަކުރެއްވިއެވެ.