އޮޑިޓަރ ޖެނެރަލްގެ އޮފީހަށް އަންނަ އަހަރަށް 133 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސާދެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2027 ވަނަ އަހަރުގެ ބަޖެޓު، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ފާސްކުރުމަށް ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 46 މެމްބަރުން ވަނީ އެ ރިޕޯޓު ފާސްކުރުމަށް ވޯޓުދެއްވާފައެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަންނަ އަހަރަށް ހުށަހެޅި، 133,590,266 ރުފިޔާގެ ބަޖެޓަށް އެއްވެސް އުނި އިތުރެއް ކޮމިޓީ މަރުހަލާގައި ގެނެސްފައެއް ނުވެއެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓުގެ ތަފްސީލަށް ބަލާއިރު ރިކަރަންޓު ޚަރަދުގެ ގޮތުގައި 85.8 މިލިޔަން ރުފިޔާ އަދި ޕީއެސްއައިޕީ މަޝްރޫޢުތަކަށް 43.5 މިލިޔަން ރުފިޔާ ވަނީ ހިމަނާފައެވެ.
މީގެ އިތުރުން އޮޑިޓަރޖެނެރަލްގެ މުސާރަޔާއި އިނާޔާތްތަކަށް 981،000 ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަފައިވާއިރު އެއީ އެ އޮފީހުގެ ބަޖެޓުގެ އެއް އިންސައްތައެވެ. މުވައްޒަފުން ތަމްރީނުކުރުމަށް 10،646،080 ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެެ. އަދި ހުޅުމާލެގައި ހަދާ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އާ އިމާރާތަށް، 43،500،00 ރުފިޔާ ބަޖެޓުގައި ހިމަނާފައިވާއިރު، އޮފީހުގެ އިދާރީ ޚަރަދަށް 19،850،659 ރުފިޔާ ހިމަނާފައިވެއެވެ.
މި ހިނގާ 2026ވަނަ އަހަރަށް ކަނޑައެޅި 134.2 މިލިޔަން ރުފިޔާގެ ތެރެއިން 56.9 މިލިޔަން ރުފިޔާ މީހަތަނަށް އެ އޮފީހުން ވަނީ ޚަރަދުކޮށްފައެވެ. އަދި މި އަހަރު 45 މިލިޔަން ރުފިޔާ އިތުރަށް ޚަރަދުވާނެ ކަމަށް އޮޑިޓަރޖެނެރަލްގެ އޮފީހުން އަންދާޒާކުރައްވައެވެ. އެހެންކަމުން އަހަރު ނިމޭއިރު 31 މިލިޔަން ރުފިޔާ ބޭނުން ނުކުރެވި ހުންނާނެ ކަމަށް ފާހަގަކުރައްވާ އެ ފައިސާ ހިމަނައިގެން އަންނަ އަހަރުގެ ބަޖެޓުގައި ކަންކަން ރާވާފައިވާކަމަށް އެ އޮފީހުން ވަނީ މަޖިލީހުގައި ވިދާޅުވެފައެވެ.
އެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި އަންނަ އަހަރު އެ އޮފީހުން 394 އޮޑިޓު ކުރަން ހަމަޖެހިފައިވެއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓާއި ވަކިން މަޖިލީހަށް ހުށަހަޅައި ފާސްކުރަންޖެހޭ ބަޖެޓެކެވެ. ނަމަވެސް ދައުލަތުގެ ބަޖެޓް މަޖިލީހުން ފާސްކުރާއިރު އޮޑިޓް އޮފީހުގެ ބަޖެޓުވެސް ދައުލަތުގެ ބަޖެޓްގައި ހިމަނަންޖެހެއެވެ.