ޚަބަރު

ޔުއެފާއިން އިންފަންޓީނޯއަށް ދެ ހަފްތާގެ މުހުލަތެއް ދީފި


  • ޔޫއެފާއިން އެދިފައިވަނީ މި މުއްދަތުގެ ތެރޭގައި ލިޔެކިއުންތައް ހާމަ ކުރުމަށް

ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ, ޔޫއެފާއިން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ދެ ހަފްތާގެ މުހުލަތެއް ދީފިއެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ރައީސްގެ މަގާމަށް ހަތަރުވަނަ ދައުރަކަށް ކުރިމަތިލާން އިއުލާން ކޮށްފައިވާ އިންފަންޓީނޯއަށް ޔޫއެފާއިން މި މުހުލަތު ދީފައިވަނީ ދާދި ފަހުން އެ އިދާރާއިން ކޮށްފައިވާ ކަންތައްތަކާއި ގުޅޭ ލިޔެކިއުންތައް ހާމަ ކުރުމަށެވެ.

އެގޮތުން އެންމެ ބޮޑު ކަމަކަށް ފާހަގަ ކުރެވެނީ ފީފާ ފުޓްބޯލް އެންޓަޕްރައިޒްގެ ހިއްސާ އަމިއްލަ ވިޔަފާރިތަކަށް ވިއްކާލުމަށް އިންފަންޓީނޯ ނިންމި ނިންމުމުގެ އިތުރުން ނިމިގެންދިޔަ ވޯލްޑްކަޕްގައި އެމެރިކާގެ ފްލޯރިއަން ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ މައްސަލައިގައި ފީފާއިން އަމަލުކޮށްފައިވާ ގޮތުގެ ލިޔެކިއުންތަކަށެވެ.

ޔޫއެފާގެ ޖެނެރަލް ސެކްރެޓާރީ ސޮއިކޮށް ފީފާއަށް ފޮނުވާފައިވާ މި ސިޓީގައި ޖުމްލަ 42 މައްސަލަ އަކާއި ގުޅޭ ގޮތުން ލިޔެކިއުންތައް ހޯދުމަށް ހުށައަޅާފައިވާއިރު, މިދިޔަ ބުރާސްފަތި ދުވަހު އޮތް ފީފާގެ ކައުންސިލް ބައްދަލުވުމުގައިވެސް މި ކަމާއި ގުޅޭ ގޮތުންވަނީ މަޝްވަރާތައް ކޮށްފައެވެ.

ޔޫއެފާގެ މި ސިޓީގައި ބަޔާންކޮށްފައިވާ ލިޔެކިއުންތައް ފީފާއިން ހާމަނުކޮށްފިނަމަ ދެން އަމަލު ކުރާނެ ގޮތުގެ ވާހަކައެއް މި ސިޓީގައި ބަޔާންކޮށްފައެއް ނުވެއެވެ. ނަމަވެސް ޔޫއެފާގެ އިތުރުން ފީފާގެ ގިނަ މެމްބަރު ގައުމުތަކުންވަނީ އިންފަންޓީނޯއަށް އޮތް ތާއީދު އަނބުރާ ގެންގޮސްފައެވެ.

އަންނަ އަހަރު އޮންނަ ފީފާގެ އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުން އަންނަ ނޮވެމްބަރ މަހުގެ 18 ވަނަ ދުވަހުގެ ކުރިން އެކަން ކަށަވަރުކުރަން ޖެހޭއިރު މި މުއްދަތަކީ އިންފަންޓީނޯއަށް އޮތް އިތުރު ޕްރެޝަރެއް ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.

ފީފާގެ ނައިބް ރައީސް އަދި އިނގިރޭސި އެފްއޭގެ ރައީސް ޑެބީ ހެވިޓް ބުނެފައިވަނީ މި މައުލޫމާތުތައް ހާމަކުރުމަށް އިންފަންޓީނޯ ދެކޮޅު ހަދާނަމަ އޭނާއަކީ ފީފާގެ ރައީސް ކަމަށް ޝަރުތުހަމަވާ ފަރާތެއް ނޫން ކަމަށެވެ.