ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މޯލްޑިވްސް ޓީ10 ބްލާސްޓް 2026 މިމަހުގެ 23 ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.
މިމުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބިފައިވަނީ ޕްރިމިއަރ ލީގުގައި ވާދަކުރި 6 ޓީމަށެވެ. މާފަންނު ކުޅިވަރު އެކުވެނީގެ އެއް ނަމްބަރު ދަނޑުގައި ކުރިއަށްދާ މިމުބާރާތުގައި ވާދަކުރާ ޓީމުތަކަކީ އެމްއެސްސީ، ސީބީއެލް، ނިއު ސްޓާ، އަނާކީ، އެމްއެސްއެޗްއެޗްއޭ އަދި ކޮމެޓްސްއެވެ.
އަންނަ ނޮވެމްބަރުމަހުގެ 21 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މިމުބާރާތުގެ ކުޅުން ކުރިއަށްދާނީ ހަފްތާ ބަންދު ދެދުވަހު، ކޮންމެ ދުވަހަކު ތިން މެޗު ކުޅޭގޮތަށެވެ. މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް ނޮވެންވަރުމަހުގެ 14 ވަނަ ދުވަހަށް ރާވާފައިވާއިރު، ފައިނަލް މެޗު ކުޅޭނީ 21 ވަނަ ދުވަހުގެ ހަވީރު 03:00ގައެވެ.