ރަޝިއާއިން ދެމުންދާ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި ޔޫކްރެއިނަށް ކޮންމެހެން ބޭނުންވާ އަސްކަރީ ޖާސޫސީ މަޢުލޫމާތު، ކުރު މެދުކެނޑުމަކަށްފަހު އެމެރިކާއިން އަލުން ފޯރުކޮށްދޭން ފަށާފައިވާކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
އެންބީސީއަށް ދެއްވި ބަސްދީގަތުމެއްގައި ޒެލެންސްކީ ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި ޖާސޫސީ މަޢުލޫމާތު ބަދަލުކުރުމަށް އެޅިފައިވާ ހުރަސްތައް މިހާރު ނައްތާލެވިފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި އެމެރިކާގެ ސަރުކާރަށް ޝުކުރު އަދާކުރައްވަމުން، މިހާރު އެ ނިޒާމު ކުރިއެކޭ އެއްފަދައިން ފުރިހަމައަށް ހިނގަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރަޝިއާއިން ޔޫކްރެއިނަށް އަމާޒުކޮށް ފޮނުވާލާ ބެލިސްޓިކް މިސައިލްތައް ދުރާލައި ދެނެގަތުމަށް ޔޫކްރެއިނުން މައިގަނޑު ގޮތެއްގައި ބަރޯސާވަނީ އެމެރިކާގެ އަސްކަރީ ޖާސޫސީ މަޢުލޫމާތަށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މަޢުލޫމާތު ހިއްސާކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް ވިދާޅުވި ނަމަވެސް، ޔޫކްރެއިނުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި ފަހަކަށް އައިސް ރަޝިއާގެ ބައެއް ވަރުގަދަ ހަމަލާތައް އަމާޒުވެފައިވަނީ އެއްވެސް އިންޒާރެއް ދުރާލައި ނުލިބިއެވެ.
ޖާސޫސީ މަޢުލޫމާތު ލިބެން ފެށި ކަމުގައި ވިޔަސް، އެމެރިކާގެ ސިޔާސަތުތަކަށް އަންނަމުންދާ ބައެއް ބަދަލުތަކާމެދު ޒެލެންސްކީ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެގޮތުން ރަޝިއާއިން ޑީސަލް އެތެރެކުރުމަށް އެމެރިކާއިން އެއްބަސްވުމާއި، ރަޝިއާ އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމަކީ ޔޫކްރެއިނުގެ މަސްލަހަތަށް ގެއްލުންހުރި ކަންކަން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އެމެރިކާއިން ފާޅުކަން ބޮޑު ގޮތެއްގައި ރަޝިއާގެ ދިފާއުގައި ތެދުވެއްޖެނަމަ، ހަނގުރާމައިގެ ތެރެއިން ރަޝިއާއަށް ކުރި ހޯދުން ހުއްޓުވަން ޔޫކްރެއިނަށް އުނދަގޫވާނެކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ.
މި ފާޑުކިޔުންތަކާ ގުޅިގެން މީސްމީޑިޔާ މެދުވެރިކުރައްވައި ޓްރަމްޕް ވިދާޅުވީ، މި ނިންމެވުންތަކުގެ މައިގަނޑު މަޤްޞަދަކީ ސުލްޙައިގެ ވާހަކަތަކުން ރަޝިއާ ދުރަށް ހިނގައިދާނެ ފަދަ އެއްވެސް ފުރުސަތެއް ނުދިނުން ކަމަށެވެ.
އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓް ވިދާޅުވީ، ރަޝިއާއަށް ނުދޭ އެތައް އެހީތެރިކަމެއް އެމެރިކާއިން އަދިވެސް ޔޫކްރެއިނަށް ފޯރުކޮށްދެމުންދާ ކަމަށެވެ. ނަމަވެސް، އެމެރިކާގެ އިއްތިހާދީ ބައިވެރިއެއްގެ ގޮތުގައި އަދިވެސް ޔޫކްރެއިން ބަލައިގަނޭތޯ ކުރެވުނު ސުވާލަށް އޭނާ ސީދާ ޖަވާބެއް ނުދެއްވިއެވެ.
ބެސެންޓް އިތުރަށް ވިދާޅުވީ، މި ހަނގުރާމައިން ކޮންމެހެން ޔޫކްރެއިން މޮޅުވާންޖެހޭނެ ކަމަށް ދެކޭ ދެކުމަކީ ޙަޤީޤަތާ ޚިލާފު ވިސްނުމެއް ކަމަށާއި، މި މައްސަލައަށް ހައްލެއް އަންނަންވާނީ ދެފަރާތުގެ ރުހުން ލިބިގެން އެކުލަވައިލެވޭ ސުލްޙައިގެ އެއްބަސްވުމެއްގެ ތެރެއިން ކަމަށެވެ.