ގްރޭޓަރ މާލެ ރީޖަންގައި މި ސަރުކާރުން އަޅާ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްތަކުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކުރާ ކޮމްޕްލެކްސްގެ މަސައްކަތް، ކުރިއަށް އޮތް ދެ ހަފްތާއެއްހައި ދުވަހުގެ ތެރޭގައި ފައްޓަވާނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވިއެވެ.
"އަހާ ފޯރަމް"ގެ ބައިވެރިއަކު ކުރި ސުވާލަކާ ގުޅިގެން ވަޒީރު ވިދާޅުވީ މާލޭގައި ދިރިއުޅޭ އާބާދީއަށް ފާއިތުވި 33 އަހަރުގެ ތެރޭގައިވެސް އޮތީ އެންމެ އިންޑޯ ސްޕޯޓްސް ހޯލެއްކަމާއި، އެކަން ބަދަލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އެގޮތުން، މިކަމަށް ހައްލެއް ގެނައުމަށްޓަކައި، ރާއްޖޭގެ އެކި ކަންކޮޅުތަކެކޭވެސް އެއްގޮތަށް، މާލޭ ސަރަހައްދުގައިވެސް އިތުރު މަލްޓި ސްޕޯޓްސް އިންޑޯ ކޮމްޕްލެކްސްތަކެއް އެޅުމަށް ސަރުކާރުން ނިންމާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހިގައި ގާއިމްކުރާ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"ސަރުކާރުން 2 ބިމެއް ހުޅުމާލެ ފޭސް 1 އަދި ފޭސް 2 އިން އެވަނީ ހަމަޖައްސާދެއްވާފައި. އެއީ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތަށް. އިރާދަކުރެއްވިއްޔާ ފޭސް 2 ގެ މަސައްކަތް މިހާރު އެދަނީ އެކަމަށް ތައްޔާރީތައްވަމުން. ގާތްގަނޑަކަށް މި ފެށޭ 2 ހަފްތާއެއް ވަރު ތެރޭގައި އެތަނުގެ މަސައްކަތް އަމަލީގޮތުން ފެށިގެންދާނެ. އަދި ފޭސް 1 ގެ މަސައްކަތް ވެސް ފެށިގެންދާނެ" ވަޒީރު ރާފިއު ވިދާޅުވިއެވެ.
ގްރޭޓަރ މާލެ ރީޖަންގައި މަލްޓި ސްޕޯޓްސް ކޮމްޕެލްކްސްތަކެއް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާއެވެ.
2026ގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ރާއްޖޭގެ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަށް ކުޅިވަރާއި ހެށިހެޔޮކަމާބެހޭ ވުޒާރާއާއި އެމްއޭސީއެލްއާ ދެމެދު، 18 އޮގަސްޓް 2025 ގައި ވަނީ ސޮއިކޮށްފައެވެ.