ޚަބަރު

މިހާތަނަށް 34 ނޫސް މަޖައްލާ ރަޖިސްޓްރީކޮށްފި


  • ރީ-ރަޖިސްޓްރީ ކުރުމުގެ މުއްދަތު ހަމަވާން ބާކީ 3 ދުވަސް

  • ރަޖިސްޓްރީ ނުކުރާ ނޫސް މަޖައްލާތައް ބާތިލުވާނެ

މި އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހާ ހަމައަށް ރީ-ރަޖިސްޓްރީ ނުކުރާ ނޫސްމަޖައްލާތަކުގެ ރަޖިސްޓްރީ، އައު ޤަވާއިދުގެ ދަށުން ބާތިލުވާނެ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހިންގަމުން އަންނަ ނޫސް މަޖައްލާތައް މީގެކުރިން ރަޖިސްޓްރީވާން ޖެހެނީ، އެއިރަކު އެމަސްއޫލިއްޔަތު ހަވާލުކޮށްފައި އޮންނަ ކަމާއި ގުޅޭ ވުޒާރާއެއްގައެވެ. ނަމަވެސް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ޤާނޫނާއެކު އެ ކޮމިޝަން އުފެދި، ނޫސްމަޖައްލާތައް ރަޖިސްޓްރީކޮށް ދަފްތަރު ބެލެހެއްޓުމުގެ ޒިންމާ އެކޮމިޝަނާ ވަނީ ހަވާލުކޮށްފައެވެ.

މިމަސައްކަތް ކުރުމަށް ރާއްޖޭގައި ހިންގާ ނޫސް މަޖައްލާތައް ރަޖިސްޓްރީ ކުރުމުގެ ޤަވާއިދެއް މީޑިއާ ކޮމިޝަނުން ވަނީ ޝާއިޢުކޮށްފައެވެ. މި ޤަވާއިދަކީ، ރާއްޖޭގައި ހިންގާ ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމާއި ހިންގުމާއި ނޫސް މަޖައްލާގެ ޚިދުމަތް ދިނުމުގެ އެންމެހައި އުސޫލުތައް ކަނޑައެޅުމަށް އެކުލަވާލާފައިވާ ޤަވާއިދެކެވެ.

މި ޤަވާއިދުގައި ނޫސް މަޖައްލާ 4 ގިންތިއަކަށް ވަނީ ބަހާލާފައެވެ. އެއީ ނޫސްތައް، މަޖައްލާ، ނިއުސް ލެޓަރ އަދި ޖާނަލްއެވެ. މި 4 ބާވަތް ހިންގޭނެ އެކި ވަސީލަތްތަކުގެ ތެރޭގައި ޕްރިންޓް، ވެބްސައިޓް، ސޯޝަލް މީޑިއާ، އެޕްލިކޭޝަން އަދި އިލެކްޓްރޯނިކް މީޑިއާ ވަނީ ކަނޑައަޅާފައެވެ.

މި ޤަވާއިދުގެ ދަށުން މިހާރު ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުންދާ ނޫސް މަޖައްލާތައް އަލުން ރަޖިސްޓްރީ ވާންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ޤަވާއިދަށް އަމަލުކުރަން ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި އެތަނެއް އަލުން ރަޖިސްޓްރީކޮށް، ރެކޯޑުތައް އަދާހަމަ ކުރަންވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

އެ ކޮމިޝަނުން އާންމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރީ-ރަޖިސްތްރީ ކުރުމުގެ މުއްދަތު ހަމަވާން 9 ދުވަހަށް ވެފައިވާއިރު، މިހާތަނަށް 140 ފަރާތަކުން ވަނީ ރަޖިސްޓްރީކުރުމަށް އެޕްލިކޭޝަން ހުށަހަޅާފައެވެ. މީގެ ތެރެއިން 66 ފޯމަކީ، ރަޖިސްޓްރީ އައު ކުރުމަށް އަދި 67 ފޯމަކީ އަލަށް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ފޯމުތަކެކެވެ. މީގެ ތެރެއިން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ރަޖިސްޓްރީ ކޮށްދީފައިވަނީ، 34 ފޯމެވެ. 18 ފޯމެއް އެކި ސަބަބުތަކާއިހުރެ ބާތިލުކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.

މީޑިއާ ކޮމިޝަނުން ނޫސް މަޖައްލާތައް ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވާލި މުއްދަތު މި އޮކްޓޯބަރު މަހުގެ 27 އާ ހަމައަށް ހަމަވާނެއެވެ. އެހެންވެ އެ މުއްދަތާ ހަމައަށް ހުރިހާ ފަރާތްތަކުންވެސް ރަޖިސްޓްރީވުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި އެ މުއްދަތާ ހަމައަށް ރަޖިސްޓްރީ ނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓްރީ ބާތިލުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގަމުންދާ އެކި ބާވަތްތަކުގެ ވިޔަފާރިތަކަށާއި ކޯޕަރޭޓިވް ސޮސައިޓީތަކަށް ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މި ޤަވާއިދު ދަށުން ލިބެއެވެ. މީގެ ތެރެއިން އިސްތިސްނާވަނީ ވަކި ތަނެއްގެ މައުލޫމާތު ގެނެސްދިނުމަށް ނުވަތަ އެތަނެއްގެ މުވައްޒަފުންނަށް ޚާއްސަކޮށް ހަދާ ކުދި މަޖައްލާތަކާއި، އެނޫންވެސް ލިޔުންތައް ކަމަށް ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

މިޤަވާއިދުގެ ދަށުން ނޫސް މަޖައްލާއެއް ރަޖިސްޓްރީ ކޮށްދޭ މުއްދަތަކީ، 5 އަހަރު ދުވަހެވެ. ރަޖިސްޓްރީގެ މުއްދަތު ހަމަވުމުގެ 90 ދުވަސް ކުރިން އެ ރަޖިސްޓްރީ އައުކުރަން ހުށަހަޅަންވާނެ ކަމަށްވެސް ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން ނޫސް މަޖައްލާއެއްގައި ޝާއިއުކުރުން ހުއްޓާލާތާ 12 މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ބާތިލުވާނެ ކަމަށްވެސް މި ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.