ޚަބަރު

އަހަރު ނިމޭއިރު 442 އޮޑިޓުގެ މަސައްކަތް ނިމޭނެ


  • މިހާތަނަށް 183 އޮޑިޓް އާންމުކޮށްފައިވޭ

  • އަންނަ އަހަރު 394 އޮޑިޓުގެ މަސައްކަތް ކުރާނެ

މިއަހަރު ނިމޭއިރު 442 އޮޑިޓް ނިންމައި، އާންމު ކުރެވޭނެ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

އެ އޮފީހުން މިކަން ހާމަކުރެއްވީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވައި، އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން މެންބަރުންނަށް މައުލޫމާތު ދެއްވަމުންނެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހަކީ އޮޑިޓް ޤާނޫނުގެ ދަށުން އުފައްދާފައިވާ، ދައުލަތުގެ މާލީ ހިސާބުތަކާއި ވަސީލަތްތައް ބޭނުންކުރާ ގޮތް މިނިވަންކަމާއެކު އޮޑިޓްކޮށް ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާ ރިޕޯޓްކޮށް ރައްޔިތުންނާ ހަމައަށް އެ މައުލޫމާތު ފޯރުކޮށްދޭ މުއައްސަސާއެކެވެ.

ސަރުކާރުގެ ވުޒާރާތަކާއި، ކައުންސިލްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ހިސާބުތަކާއި ކޮމްޕްލަޔަންސް އޮޑިޓާއި ދައުލަތުގެ ފައިސާ، އެންމެ އެކަށީގެންވާ ގޮތުގައި ބޭނުންކުރެވޭތޯ ބެލުމަށް ޕާފޯމަންސް އޮޑިޓްތައް ކުރިއަށްގެންދިއުމަކީ އެ އޮފީހުގެ މަސްއޫލިއްޔަތެކެވެ.

މި ޒިންމާ އަދާކުރުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފްސީލް އެ އޮފީހުން ވަނީ މާލިއްޔަތު ކޮމިޓީއާ ހިއްސާކުރައްވާފައެވެ. އަހަރުގެ މިހާތަނަށް 183 އޮޑިޓެއްގެ މަސައްކަތް އެއްކޮށް ނިމި، އާންމުކޮށްފައިވާ ކަމަށް އެ އޮފީހުން ވަނީ ވިދާޅުވެފައެވެ. މީގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރު ކުންފުނިތަކާއި، މާލީ އިދާރާތަކާ ގުޅުންހުރި ގިނަ އޮޑިޓްތަކެއް ހިމެނެއެވެ.

މިހާތަނަށް އާންމުކޮށްފައިވާ އޮޑިޓްތައް:

• ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކާ ގުޅުންހުރި 35 އޮޑިޓް
• ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅުންހުރި 34 އޮޑިޓް
• ކައުންސިލްތަކާ ގުޅުންހުރި 62 އޮޑިޓް
• ޚާއްސަ 8 އޮޑިޓް
• ޕަބްލިކް ފަންޑާއި ސްކީމްތަކާ ގުޅުންހުރި 3 އޮޑިޓް
• އިންފޮމޭޝަން ސިސްޓަމްތަކާ ގުޅުންހުރި 5 އޮޑިޓް
• މާލީ އިދާރާތަކާ ގުޅުންހުރި 3 އޮޑިޓް
• ޕަރފޯމަންސް 1 އޮޑިޓް
• ބަޖެޓާއި ފިސްކަލް އަދި ދަރަންޏާ ގުޅުންހުރި 1 އޮޑިޓް

މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް 259 އޮޑިޓް ނިންމާލެވޭނެ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ލަފާކޮށްފައެވެ. މި އޮޑިޓްތަކާއެކު މިއަހަރުގެ ތެރޭގައި ޖުމްލަ 442 އޮޑިޓުގެ މަސައްކަތް ނިންމައި، އާންމު ކުރެވޭނެ ކަމަށް އެ އޮފީހުން ވިދާޅުވިއެވެ.

މިއަހަރަށް ނިންމާ އޮޑިޓުތަކުގެ އިތުރަށް މިހާރު ކުރަމުން އަންނަ އޮޑިޓުތަކުގެ ތެރެއިން 120 އޮޑިޓެއްގެ މަސައްކަތް ނިމޭނީ އަންނަ އަހަރު ކަމަށް ވަނީ ލަފާކޮށްފައެވެ. މި އޮޑިޓުތަކާއެކު އަންނަ އަހަރު 394 އޮޑިޓެއްގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް އޮޑިޓް އޮފީހުން ވަނީ ކޮމިޓީގައި ވިދާޅުވެފައެވެ.