ޚަބަރު

ޝެންހާއީ މާސްޓަރސްގެ ސެމީ ފައިނަލުން ޒުވަރޭވް ކަޓައިފި


  • ފޮކީނާ އަތުން ޒުވަރޭވް ބަލިވީ 2-1 ސެޓުން

  • ޒުވަރޭވް ޝެންހާއި މާސްޓަރސް ތަށްޓާ އެންމެ ގާތަށް ގޮސްފައިވަނީ 2019 ގައި

ޗައިނާގައި މިހާރު ކުރިއަށްދާ ޝެންހާއީ މާސްޓަރސް ޓެނިސް މުބާރާތުގެ ސެމީ ފައިނަލުން މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ޖަރުމަނުވިލާތުގެ އެލެގްޒެންޑަރ ޒުވަރޭވް ކަޓައިފިއެވެ.

މިމުބާރާތުގެ ސެމީ ފައިނަލުން ޒުވަރޭވް ކެޓީ 25 ވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ އަލެހަންޑްރޯ ޑެވިޑޮވިޗް ފޮކީނާ އާއި ބައްދަލުކުރި މެޗުން 2-1 ސެޓުން ބަލިވުމުންނެވެ. މިމެޗުގެ ފުރަތަމަ ސެޓު ފަހެއް ހަތަކުން ކާމިޔާބު ކޮށް ޒުވަރޭވް ހަމަޖެހިލި ނަމަވެސް ދެވަނަ ސެޓުގައި ފޮކީނާ ވަނީ އޭނާގެ ކުޅުން ރަނގަޅުކޮށް ޒުވަރޭވް ހާސް ކަމުގެ ތެރެއަށް ވައްޓާލައިފައެވެ. މިގޮތުން މިސެޓު ފޮކީނާ ކާމިޔާބު ކޮށްފައިވަނީ 6-4 އިންނެވެ. އަދި މިގޮތުން ކުޅުނު ތިންވަނަ ސެޓު ފޮކީނާ ކާމިޔާބު ކޮށްފައިވަނީ 6-3 އިންނެވެ.

އުތުރު އެމެރިކާގައި ބޭއްވި ހާޑް ކޯޓު މުބާރާތްތަކުގައި އަނިޔާގެ ސަބަބުން ބައިވެރިނުވެވުނު ފޮކިނާ މިހާރު މިވަނީ ޗައިނާގައި ކުރިއަށްދާ މުބާރާތް ތަކުގައި ޖެހިޖެހިގެން 9 ވަނަ މެޗު ކާމިޔާބު ކޮށްފައެވެ. އެއީ ޗައިނާގެ ޗެންޑޫގައި ބޭއްވި މުބާރާތާއި މިމުބާރާތާއެކުއެވެ. އޭނާ ވަނީ ޗެންޑޫގައި ބޭއްވި މުބާރާތް ކާމިޔާބު ކޮށްފައެވެ. މިކާމިޔާބީއާއެކު ފޮކީނާ މިވަނީ މިމުބާރާތުގެ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައެވެ.

ޒުވަރޭވަށް ބަލާލާއިރު ޝެންހާއީ މާސްޓަރސްގެ ތަށި މިވަނީ މިފަހަރުވެސް އޭނާއަށް ކާމިޔާބު ކުރެވޭގޮތް ނުވެފައެވެ. އޭނާ މިމުބާރާތުގެ ތަށްޓާ އެންމެ ގާތަށް ގޮސްފައިވަނީ 2019 ވަނަ އަހަރުއެވެ. ނަމަވެސް އެފަހަރުގެ މުބާރާތުގައި ޒުވަރޭވް ވަނީ ފައިނަލްގައި ރަޝިއާގެ ޑަނީލް މެޑްވެޑޭވް އަތުން ބަލިވެފައެވެ.

ނަމަވެސް މިފަހަރުގެ މުބާރާތުގައި މެޑްވެޑޭވްގެ ނަސީބުވެސް އެހާ ރަނގަޅެއް ނުވިއެވެ. މިގޮތުން މިމުބާރާތުގެ ދެވަނަ ސެމީ ފައިނަލްގައި 5 ވަނައަށް ސީޑު ކުރެވިފައިވި މެޑްވެޑޭވްވަނީ 12 ވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ ރަފައެލް ހޯޑާ އަތުން ސީދާ ދެސެޓުން ބަލިވެފައެވެ. މިމެޗުގެ ދެ ސެޓު ހޯޑާ ކާމިޔާބު ކޮށްފައިވަނީ ހައެއް ތިނެއް އަދި ހައެއް ހަތަރަކުންނެވެ. މިކާމިޔާބީއާއެކު އުމުރުން 20 އަހަރުގެ ހޯޑާ ވެފައިވަނީ މިމުބާރާތުގެ ފައިނަލުން ޖާގަހޯދި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.

މިމުބާރާތުގެ ފައިނަލްގައި ވާދަކުރާ ފޮކީނާ އާއި ހޯޑާގެ މި ކުރިމަތިލުމަކީ މިދެ ކުޅުންތެރިން ވާދަވެރި މެޗެއްގައި ފެނިގެންދާ ފުރަަތަމަ ފަހަރެވެ.