ޚަބަރު

ޣައްޒާގައި އަވަސްއަވަހަށް ދިރިއުޅޭ ތަން ބަދަލުކުރަން ޖެހި، ވަގުތީ ހިޔާތައް ވީރާނާވެފައި


ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ޣައްޒާގެ ރައްޔިތުންގެ ގެދޮރު ތަކުރާރުކޮށް ގެއްލިފައިވުމުގެ ސަބަބުން އެ ސަހަރުގައި ހުރި ވަގުތީ ހިޔާތައް ވަރަށް ބޮޑަށް ހަލާކުވެ ވީރާނާވެފައިވާ ކަމަށް އދގެ ހިޖުރަކުރުމާ ބެހޭ އިދާރާ، އައިއޯއެމްއިން ބުނެފިއެވެ.

އައިއޯއެމްގެ ޣައްޒާގެ ކަންކަން ވިލަރެސްކުރާ ރީޖަނަލް ކްރައިސިސް ކޯއޯޑިނޭޓަރ، ކާލް ބޭކާ ވިދާޅުވީ ފާއިތުވި ތިން އަހަރުގެ ތެރޭގައި ޣައްޒާގެ ބައެއް ރައްޔިތުންނަށް އަށް ވަރަކަށް ފަހަރު ދިރިއުޅޭ ސަރަޙައްދު ދޫކޮށް ދިޔުމަށް މަޖުބޫރުވެފައިވާ ކަމަށެވެ. މިގޮތަށް ދިރިއުޅޭ ސަރަޙައްދު ބަދަލުކުރާ ކޮންމެ ފަހަރަކު އެ މީހުން ގެންގުޅޭ ފޭލިގެތަކާއި އެހެން ވަގުތީ ހިޔާތަކަށް ގެއްލުން ލިބޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ބައެެއް ޙާލަތްތަކުގައި އެ ތަކެތި އިތުރަށް ބޭނުން ނުކުރެވޭ ވަރަށް އެއްކޮށް ހަލާކުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެތަކެއްޗަށް ގެއްލުން ލިބުމުން އައު ހިޔާވަހިކަން ހޯދަން އެ މީހުންނަށް މަޖުބޫރުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ހިޔާވަހިކަން ހޯދުމަށް ބޭނުންކުރާ ސަތަރި ފަދަ ތަކެތި ވެސް ހަމަހުން ހަމަހުން އައު ކުރަންޖެހޭ ކަމަށެވެ. ނަމަވެސް ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް އެ ތަކެތި އެ ސަހަރަށް އެތެރެނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ބޭކާ އިތުރަށް ވިދާޅުވީ އިންަސާނީ އެހީ ފޯރުކޮށްދޭ ޖަމްޢިއްޔާތަކުން ވަގުތީ ޙައްލުތައް ފޯރުކޮށްދިނުމުގެ ބަދަލުގައި ދާއިމީ ގޮތަކަށް ބޭނުންކުރެވޭ ފަދަ ހިޔާތަކެއް ޤާއިމްކުރަން ޖެހޭ ކަމަށެވެ.

ފުރާޅުއެޅުމަށާއި ތަޅުން އަޅާ، ވަރުގަދަ ފާރުތައް ރޭނުމަށް ބޭނުންވާ ސާމާނު ޣައްޒާއަށް އެތެރެކުރުމުގެ ފުރުޞަތު ޔަހޫދީން ނުދެއެވެ. އައިއޯއެމް މެދުވެރިވެ އެ ފަދަ ތަކެތި އެތެރެކުރުމަށް މަސައްކަތް ކުރި ނަމަވެސް ޔަހޫދީން އެ ކަމަށް ޙުއްދަ ނުދޭ ކަމަށް ބޭކާ ފާހަގަކުރެއްވިއެވެ. ބޭކާ ވިދާޅުވީ ހަނގުރާމައިގެ ޙާލަތުގައި ތިން އަހަރު ހޭދުވެފައިވާއިރު، އާންމުންނަށް އޮތް ބޯހިޔާވަހިކަމުގެ ފުރުޞަތުތައް އިތުރަުކޮށް ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ. މި ވަގުތު ވަގުތީ ހިޔާތައް ބޭނުންކުރި ނަމަވެސް، ދާއިމީ ހިޔާތަކާ ގާތަށް މަސައްކަތްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ފައިސާ ލިބުމުގައި ހުރި ދަތިތަކާއި ބައިނަލްއަޤްވާމީ ޝިޕިންގ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުވާލައްވައި ބޭކާ ވިދާޅުވީ އޭގެ ސަބަބުން ވެސް ހިޔާވަހިކަން ދިނުމުގެ މައްސަަލައިގައި ދަތިވާ ކަމަށެވެ. ސާމާނު ހޯދުމަށް އައިއޯއެމްއިން ބަރޯސާ ވަނީ ޗައިނާއާއި އިންޑިއާއާއި ޕާކިސްތާނު ފަދަ ޤައުމުތަކުގެ ސަޕްލަޔަރުންގެ މައްޗަށް ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ފައިސާގެ އެހީތެރިކަން ލިބެމުން ދިޔަ ނަމަވެސް، އެއީ ބޯހިޔާވަހިކަމަށް ބޭނުން ޖެހިފަައިވާ 1.9 މިލިއަން މީހުންގެ ބޭނުންތައް ފުއްދައިދެވޭ ވަރުގެ ޢަދަދުތަކެއް ނޫން ކަމަށް އެނާ ވިދާޅުވިއެވެ.

ބޭކާ އިތުރަށް ވިދާޅުވީ ޢާންމުންނަށް ބޭނުން ކުރެވެނީ މުޅި ޣައްޒާގެ ގާތްގަނޑަކަށް 30 އިންސައްތަ ކަމަށެވެ. އޭގެ ސަބަބުން މީހުން ދިރިއުޅޭ ސަރަޙައްދުތައް ވަރަށް ބޮޑަށް ތޮއްޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ސަރަޙައްދުތަކަކީ އާންމުކޮށް ފެން ބޮޑުވާފަދަ ސަރަޙައްދުތަކެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. ކުރިއަށް އޮތީ ފިނި މޫސުން ކަމަށްވިއިރު، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމްޢިއްޔާތަކުން ދަނީ ފެންބޮޑުވާ ސަރަޙައްދުތަކުގައި ފެން ޕަންޕުތައް ބެހެއްޓުމަށް މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތްތަކާއެކުގައި ވެސް، ޣައްޒާގެ ރައްޔިތުންނަށް ފިނި މޫސުން ތަހައްމަލްކުރުން ވާނީ ވަރަށް ދަތިކަމަކަށް ކަމަށް އޭނާ ބޭކާ ވިދާޅުވެފައެވެ.

މި މަހުގެ ކުރީކޮޅު އައިއޯއެމްއިން ބުނީ ވަގުތީ ހިޔާތައް ހެދުމަށް މިހާރު ސާމާނު ހުރި މިންވަރުންނާއި އަންނަން ހުރި ސާމާނު ބޭނުންކޮށްގެން ފުއްދައިދެވޭނީ ޣައްޒާއަށް ފިނިމޫސުމަށް ބޭނުންވާ ކަންކަމުގެ 17 އިންސައްތަ ކަމަށެވެ. ޣައްޒާގައި މިހާރު ބޭނުންކުރާ ވަގުތީ ހިޔާތަކާއި ފޭލިގެތަކުގެ ދެބައިކުޅަ އެއްބައިގެ ޙާލަތު ވަރަށް ދެރައެވެ.