އެމެރިކާ މެދުވެރިވެގެން ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމެއް އެކުލަވާލާފައިވީ ނަމަވެސް، ފަލަސްޠީނުގެ ޣައްޒާގައި ކާބޯތަކެއްޗަށް ޖެހި، ހައިހޫނުކަން ކާރިސާއެއްގެ ދަރަޖައަށް ގޯސްވެފައިވާ ކަމަށް ފަލަސްޠީނުގެ ސިއްޙީ ވުޒާރާއިން ބުނެފިއެވެ.
ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ކާބޯތަކެއްޗާއި ޒަރޫރީ ސިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަކީ މި އެއްބަސްވުމުގެ މައިގަނޑު އެއް މަގުސަދު ކަމުގައި ވިޔަސް، އެ ސަރަހައްދުގެ އިންސާނީ ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ނާޒުކުވަމުންނެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅުވައިގެން ޣައްޒާގެ ސިއްޙީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، 2024 ވަނަ އަހަރުން ފެށިގެން މިހާތަނަށް ކާނާ ނުލިބުމާއި ހައިހޫނުކަމުގެ ސަބަބުން މަދުވެގެން 466 މީހުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރެއިން ތިންބައިކުޅަ އެއްބަޔަކީ ކުށެއްނެތް ކުޑަކުދިންނެވެ. އަދި މި ހާލަތުގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އުމުރުން ދުވަސްވީ މީހުންނަށެވެ. އެގޮތުން ޝަހީދުވި މީހުންގެ 40.5 އިންސައްތަ ނުވަތަ 189 މީހުންނަކީ ދޮށީ އުމުރުގެ މީހުންނެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އުމުރުން ދުވަސްވީ މީހުންގެ 11 އިންސައްތަ މީހުން މުޅި ދުވަސް ހޭދަކުރަނީ އެއްވެސް އެއްޗެއް ނުކައެވެ. އަދި 48 އިންސައްތަ މީހުން އާއިލާގެ އެހެން މެންބަރުންނަށް ކާނާ ފޯރުކޮށްދިނުމަށްޓަކައި، އަމިއްލައަށް ކާ މިންވަރު މަދުކުރެއެވެ.
ސިއްޙީ އިދާރާތަކުން އަންދާޒާކުރާ ގޮތުގައި، ކުރިއަށް އޮތް 2027 ވަނަ އަހަރުގެ އޭޕްރީލް މަހާ ހަމައަށްދާއިރު، ކާނާ ނުލިބުމުގެ ސަބަބުން ކުއްލި ފަރުވާ ބޭނުންވާ ކުޑަކުދިންގެ ޢަދަދު 74،200 އަށް އަރާނެއެވެ. މީގެއިތުރުން، މާބަނޑު އަންހެނުންގެ މެދުގައި ލޭމަދުވުމުގެ މައްސަލަ 61 އިންސައްތައަށް އުފުލިފައިވާއިރު، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެކަނިވެސް ގާތްގަނޑަކަށް 4،000 ބައިގެންދިޔުމުގެ ހާދިސާ ވަނީ ރެކޯޑުކުރެވިފައެވެ. މިއީ ކުރީގެ ތަފާސްހިސާބުތަކާ އަޅާބަލާއިރު ކަންބޮޑުވާންޖެހޭ ފަދަ ބޮޑު އިތުރުވުމެކެވެ. ފިނި މޫސުން ބޯމަތިވަމުން އަންނައިރު، ޣައްޒާގެ އާބާދީގެ 67 އިންސައްތަ މީހުން (1.4 މިލިއަނަށް ވުރެ ގިނަ ރައްޔިތުން) ކާބޯތަކެތީގެ ދަތިކަމާ ކުރިމަތިލާންޖެހޭނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.
އދގެ ކުޑަކުދިންގެ ޙައްޤުތަކާބެހޭ އިދާރާ، ޔުނިސެފުން ވަނީ މި ނުރައްކާތެރި ހާލަތާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. ޔުނިސެފްގެ ތަރުޖަމާނު ރިކާޑޯ ޕިރޭސް ވިދާޅުވީ، ވިޔަފާރި މުދަލާއި އިންސާނީ އެހީ މެދުކެނޑުމެއް ނެތި އެތެރެކުރެވޭނެ އިންތިޒާމު ހަމަނުޖެހިއްޖެނަމަ، އޭގެ ހިތި ނަތީޖާ އެންމެ ބޮޑަށް ތަހައްމަލުކުރަން ޖެހޭނީ ކުޑަކުދިން ކަމަށެވެ. ވޭތުވެދިޔަ ދުވަސްތަކުގައި މި ދާއިރާއިން ހޯދުނު ކުޑަ ކުރިއެރުމަކީ ވެސް ނާޒުކު ހާލަތެއްގައި އޮތް ކަމެއްކަން ފާހަގަކުރައްވައި، ޣައްޒާއަށް ކާބޯތަކެތި ވައްދާ ހުރިހާ މަގުތަކެއް ހުޅުވާފައި ބެހެއްޓުމަށް އޭނާ ވަނީ ގޮވާލައްވައިފައެވެ.
މިދިޔަ ދުވަސްތަކުގައި އެއްވެސް ބާވަތެއްގެ ވިޔަފާރި މުދަލެއް އެތެރެނުވާ ކަމަށް ބުނެ، ޔަހޫދީ ދައުލަތުން އެކަމުގެ އިލްޒާމު ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ ބޮލުގައި އަޅުވަން މަސައްކަތްކުރި ނަމަވެސް، ފަލަސްޠީނުގެ އޮފިޝަލުން ވަނީ އެއީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ބުނެ އެކަން ކަނޑައެޅިގެން ދޮގުކޮށްފައެވެ. އަނިޔާވެރި ޖަރީމާތަކާއި ހިސާރުގެ ސަބަބުން ޣައްޒާގެ ރައްޔިތުން މުޅިންހެން އިންސާނީ އެހީއަށް ބަރޯސާވާން މަޖުބޫރުވެފައިވާއިރު، އެއްވެސް ހުރަހެއް ނެތި ކާބޯތަކެއްޗާއި ޒަރޫރީ ބޭސްފަރުވާ އެތެރެކުރެވޭނެ މަގު ފަހިކޮށްދިނުމަށާއި، އެ ސަރަހައްދުގެ ދަނޑުވެރިކަމާއި އަމިއްލަ އުފެއްދުންތެރިކަން އިޔާދަކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމައުން ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމަށް ޣައްޒާގެ ސިއްޙީ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.