އަތާއި، ފަޔާއި، އަދި އަނގަޔަށް ޖެހޭ ބަލި، ހޭންޑް ފުޓް އެންޑް މައުތު، އެޗްއެފްއެމްޑީއަކީ ވައިރަހެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބައްޔަކީ ވަރަށް ފަސޭހައިން ފެތުރޭ ބައްޔެކެވެ. މި ބަލި އާންމުކޮށް ޖެހެނީ ތުއްތު ކުދިންނަށެވެ. ނަމަވެސް، އުމުރުން ދުވަސްވީ ކުދިންނާއި ބޮޑެތި މީހުންނަށް ވެސް މި ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ. ރާއްޖޭގެ ބައެއް ހިސާބުތަކުން ހޭންޑު ފުޓް އެންޑް މައުތު ބަލީގެ ކޭސްތައް ދާދިފަހުން ވަނީ ފެނިފައެވެ. އެހެންކަމަށް ވާއިރު މި ބައްޔާމެދު ސަމާލުކަން ދިނުން މުހިންމު ބައެއް ކަންކަން އެބަހުއްޓެވެ.
މި ބަލި ޖެހެނީ "އެންޓެރޯވައިރަސް" ގްރޫޕަށް ނިސްބަތްވާ ވައިރަސްތަކުގެ ސަބަބުންނެވެ. މީގެ ތެރޭގައި ހިމެނެނީ މައިގަނޑު ގޮތެއްގައި "ކޮކްސަކީވައިރަސް އޭ16" އަދި "އެންޓެރޯވައިރަސް އޭ71" އެވެ. މި ބައްޔަކީ ބަލިޖެހިފައިވާ ކުއްޖެއްގެ ކުޅު، އަރިދަފުސް އަދި ބޮޑުކަމުދާ ނަޖިހާއި، ހަމުގައި ނަގާފޮޅުން ނުކުންނަ ދިޔަފަދަ ތަކެތީގެ ޒަރިއްޔާއިން ފަސޭހައިން ފެތުރޭ ބައްޔެކެވެ.
މި ބަލި ޖެހުމުން އަތްތިލަ އާއި ފައިތިލައިގައި ރަތް ކުލައިގެ ތިކިތަކެއް ނުވަތަ ކުދި ފޮޅުތަކެއް ނަގައެވެ. އަދި އަނގައިގެ ތެރޭގައި ނުވަތަ ދުލުގައި ރިހުން ހުންނަ ފާރުތަކެއް އުފެދުމުގެ ސަބަބުން ކެއުމާއި ބުއިމަށް ދަތިތަކާ ކުރިމަތިވެއެވެ. މި ބަލީގެ އެހެނިހެން އާންމު އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ކަރުގައި ރިއްސުމާއި، ކާހިތްނުވުމާއި، ވަރުބަލިވުން ނުވަތަ ބަލިކޮށް އުޅުމާއި، ތުއްތު ކުދިން މާބޮޑަށް ރުޅިގަދަވެ ރުއިމުގެ އިތުރުން ބައެއް ހާލަތްތަކުގައި ފޫކަޅާ އާއި ފައިގައި ބިހި ނުވަތަ ފޮޅު ނެގުން ހިމެނެއެވެ. މި އަލާމާތްތައް އާންމުކޮށް ފެންނަން ފަށަނީ ވައިރަސް ހަށިގަނޑަށް ވަންނަތާ ތިނެއް ނުވަތަ ހަ ދުވަސް ފަހުންނެވެ. ގިނަ މީހުން ހަތެއް ނުވަތަ ދިހަ ދުވަހުގެ ތެރޭގައި ބަލިން މުޅިން ފަސޭހަވެއެވެ.
މި ބަލި ޖެހިފައިވާ މީހެއްގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރެނީ ކުޅާއި، އަރިދަފުރި ނުވަތަ ނޭވާލާ ނިޒާމުން ބޭރުވާ ދިޔާ ތަކެއްޗާ ސީދާ ދިމާވުންނެވެ. އަދި ހަށިގަނޑުގައި ނަގާފައި ހުންނަ ފޮޅުތަކުން ނުކުންނަ ދިޔައިގައި އަތްލުމާ، ބަލިޖެހިފައިވާ މީހެއްގެ ބޮޑުކަމުދާ ތަކެއްޗާ ކޮންޓެކްޓްވުން (ޚާއްޞަކޮށް ނެޕީ ބަދަލުކުރުމުގައި ނުވަތަ ފާޚާނާ ބޭނުންކުރުމުގެ ތެރޭގައި) އާއި، ވައިރަސް ހުރި ކުޅޭ އެއްޗެހި، މޭޒު، ދޮރުގެ އަތްގަނޑު ފަދަ ތަކެތީގައި އަތްލުމަށްފަހު، އަނގަ، ނޭފަތް ނުވަތަ ލޮލުގައި އަތްލުމުން ވެސް މި ބަލި ޖެހިދާނެއެވެ.
1. ގަވާއިދުން އަތް ދޮވުން : ސައިބޯނިލައިގެން މަދުވެގެން 20 ސިކުންތު ވަންދެން އަތް ދޮންނަންވާނެއެވެ. ޚާއްޞަކޮށް ފާޚާނާ ކުރުމަށްފަހު، ނެޕީ ބަދަލުކުރުމަށްފަހު، ކުއްޖާގެ ނޭފަތް ފޮޅާލުމަށްފަހު އަދި ކާނާ ތައްޔާރުކުރުމުގެ ކުރިންނާއި ކެއުމުގެ ކުރިން އަތް ދޮވުން މުހިންމެވެ.
2. ތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުން: އާންމުކޮށް އަތްލާ ތަންތަނާއި، ކުޅޭ އެއްޗެހި، ފާޚާނާ އަދި ނެޕީ ބަދަލުކުރާ ތަންތަން ގަވާއިދުން ސާފުކޮށް ޑިސްއިންފެކްޓް ކުރަންވާނެއެވެ. ބަލިޖެހިފައިވާ މީހަކު ބޭނުންކޮށްފައިވާ ތަކެތި އެހެން މީހުންނާ ހިއްސާ ނުކުރާށެވެ.
3. ބަލި ޖެހިފައިވާ ކުދިން ގޭގައި ބޭތިއްބުން: ބަލިކޮށް އުޅޭ ކުދިން، ސްކޫލަށް ނުވަތަ ޓިއުޝަނަށް ނުފޮނުވައި ގޭގައި ބޭތިއްބުން މުހިންމެވެ. އަލުން ސްކޫލަށް ފޮނުވަންވާނީ ސިއްހީ އެހީތެރިންގެ ލަފާގެ މަތިންނެވެ.
4. ސިއްހީ ހޭލުންތެރިކަން އިތުރުކުރުން: އަތްދޮވުމާއި، ކެއްސާ ކިނބިހި އަޅާއިރު ސާފުތާހިރުކަން އިސްކުރުމާއި، ތަށި އަދި އަމިއްލަ ބޭނުންތަކަށް ބޭނުންކުރާ ތަކެތި ހިއްސާ ނުކުރުމަށް ބެލެނިވެރިންނާއި މުދައްރިސުން ކުދިންނަށް ދަސްކޮށްދޭންވާނެއެވެ.
އެޗް.އެފް.އެމް.ޑީ އަށް ޚާއްޞަ އެންޓިވައިރަލް ފަރުވާއެއް ނޯވެއެވެ. ފަރުވާގެ މައިގަނޑު އަމާޒަކީ ބަލީގެ އަލާމާތްތަކުން ލުއި ހޯދައިދިނުމާއި ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމެވެ. އެހެންކަމުން ބަލި ޖެހިއްޖެ ނަމަ، ގިނަގިނައިން ފެނާއި އެހެނިހެން ދިޔާ ތަކެތި ބޯން ދިނުމާއި، އަނގަ ފާރުވުމުގެ ސަބަބުން ކެއުމަށް އުނދަގޫވާނަމަ، މަޑު އަދި ފިނި ކާނާ ދިނުމާއި، ކުއްޖާއަށް އަރާމުކުރަން ފުރުސަތު ދިނުން މުހިންމެވެ. ހުން މަޑުކުރުމަށް ނުވަތަ ރިއްސުމަށް ބޭސް ބޭނުންކުރަންވާނީ ސިއްހީ މާހިރެއްގެ ލަފާގެ މަތިން، ކުއްޖާގެ އުމުރާ ގުޅޭ މިންވަރަށެވެ.
ހަށިގަނޑުގައި ނަގާފައިވާ ފޮޅުތައް ފަޅާނުލުމަށާއި، އަދި އެ ތަންތަން ސާފުކޮށް ބަހައްޓަން ސަމާލުކަން ދޭންވާނެއެވެ. ގިނަ ބަލިމީހުން ހަތެއް ނުވަތަ ދިހަ ދުވަހުގެ ތެރޭގައި ބަލިން ފަސޭހަވެއެވެ. މިއީ ވައިރަހެއްގެ ސަބަބުން ޖެހޭ ބައްޔަކަށް ވާތީ، މި ބައްޔަށް އެންޓިބަޔޮޓިކް ބޭނުންކުރުމުން އެއްވެސް ފައިދާއެއް ނުކުރާނެއެވެ.
ކުއްޖަކަށް އެޗް.އެފް.އެމް.ޑީ ޖެހިފައިވާ ކަމަށް ޝައްކުކުރެވޭނަމަ، ލަސްނުކޮށް ސިއްހީ މަރުކަޒަކަށް ގުޅައި އިރުޝާދު ހޯދަންވާނެއެވެ. ބޯންވާ ވަރަށް ދިޔާ ތަކެތި ނުބޮވުން ނުވަތަ އާންމުކޮށް ކުޑަކަމުދާ މިންވަރަށްވުރެ މަދުން ކުޑަކަމުދެވުމާއި، ހުން މަޑުނުވެ ގިނަ ދުވަސްވުން ނުވަތަ މާ ގަދައަށް ހުން އައުމާއި، ބޮލުގައި ވަރަށް ބޮޑަށް ރިއްސުން، އާދަޔާ ޚިލާފަށް ނިދި އައުން ނުވަތަ ހާސްވެ އޮޅުންބޮޅުންވުމާއި، ކަރު ހަރުވުމާއި، ވަރުދެރަވުން ނުވަތަ ފިޓް ޖެހުން އަދި ބަލީގެ އަލާމާތްތައް އިތުރަށް ގޯސްވުން ނުވަތަ ކާނާ ދިރުވަން އުނދަގޫވުމުގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ ވީ އެންމެ އަވަހަކަށް އެކަށީގެންވާ ސިއްހީ ފަރުވާ ހޯދުން މުހިންމެވެ،
މި ބަލީގައި ސީރިއަސް މައްސަލަތައް ދިމާވުމަކީ މަދު ކަމެކެވެ. ނަމަވެސް ހަށިގަނޑުން ފެން މަދުވުމާއި، ވަރަށް މަދު ހާލަތެއްގައި ނާރުގެ ނިޒާމަށް މައްސަލަތައް ދިމާވުން ފަދަ ކަންކަން މެދުވެރިވެދާނެއެވެ.