ޚަބަރު

ޓްރަމްޕްގެ ހަނގުރާމައާ ހެދި ޝިޕިންގ ރޭޓުތައް ރެކޯޑު މިންވަރަކަށް އުފުލިއްޖެ


އެމެރިކާއިން ޖަޕާނަށް 2 މިލިޔަން ފީފާގެ ތެޔޮ ހިފައިގެން ނޮވެންބަރު މަހުގެ ފަހުކޮޅު ދަތުރުކުރާ 'އެސްޓީމް އެކްސްޕްލޯރަރ' ބޯޓުގެ ދަތުރަށް 81 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދުވާނެއެވެ. މިދިޔަ އަހަރު އެވުރެޖުކޮށް މި ކަމަށް ޚަރަދުވީ 9.1 މިލިޔަން ޑޮލަރެވެ. މި ބޮޑު ބަދަލާއެކު ތެޔޮ ފީފާއަކުން ޝިޕިންގއަށް 40.50 ޑޮލަރު އަރާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ނުވަ ގުނަ އިތުރު ޢަދަދެކެވެ. ތެލުގެ އަގު އުފުލުމުގެ ސަބަބުން ކާބޯތަކެއްޗާއި މުދާ އުފުލުމުގެ އަގުތައް މައްޗަށްގޮސް، އިމްޕޯޓަށް ބަރޯސާވާ ޤައުމުތަކުގައި އިންފްލޭޝަން ނުވަތަ މުދަލާއި ޚިދުމަތުގެ އަގުތައް ދަނީ އިންތިހާއަށް އުފުލެމުންނެވެ.

ޝިޕިންގ ޚަރަދުން އިތުރުވާ ކޮންމެ 10 ޑޮލަރަކާއެކު ޕެޓްރޯލް ގެލަނަކުން 0.23 ޑޮލަރު އުފުލޭ ކަމުގައި މަސްރަޙު ދިރާސާކުރާ ބޭކަރ އިންސްޓިޓިއުޓް ފޯ ޕަބްލިކް ޕޮލިސީގެ ކެނެތު މެޑްލޮކް ވިދާޅުވިއެވެ. "މިއީ، ލަސްލަހުން ދުވާ ރޭލެއް ފަދަ ކަމެއް،" އޭނާ ވިދާޅުވިއެވެ. އަދި، މި ކަން ދިގުލައިގެން ދާވަރަކަށް ކާބޯތަކެތި ވިއްކާ ފިހާރަތަކަށާއި ޢާންމު ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ. އެމެރިކާގެ ތެލުގެ އަގުގެ %40 މިހާރު ޝިޕިންގއަށް ހިނގާ ޚަރަދެވެ. މިއީ، 2025 ވަނަ އަހަރުގެ އެވުރެޖު ކަމުގައިވާ %7 އާ އަޅައިބަލާއިރު ވަރަށް ބޮޑު އުފުލުމެކެވެ. އިންޑިއާ ފަދަ ޤައުމުތަކަށް މީގެ ގެއްލުން ބޮޑެވެ.

ތެލުގެ ޝިޕިންގ އަގުތައް މިހާބޮޑަށް މައްޗަށް ދިޔައީ އެމެރިކާއާއި އީރާން އަދި ރަޝިއާއާއި ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ކަނޑުމަތީގައި ބޯޓުފަހަރަށް ދޭ ހަމަލާތަކުގެ ސަބަބުންނެވެ. މެދުއިރުމަތީގެ ހުރްމުޒް ކަނޑުއޮޅިންނާއި ރަތް ކަނޑުން އޭޝިއާއަށް ތެޔޮ އުފުލާ އަގު ފީފާއަކަށް 34 ޑޮލަރަށް ވަނީ އުފުލިފައެވެ. ސަޢޫދީ ޢަރަބިއްޔާ ފަދަ ޤައުމުތަކުން ނުރައްކާ ކުޑަކުރުމަށް ޓަކައި ގިނަ ބޯޓުތައް ބޭނުންކޮށްގެން ދިގު ރާސްތާތަކުން ދަތުރުކުރެއެވެ. މީގެ ސަބަބުން ބޯޓުތައް ލިބުން ދަތިވެ، ޚަރަދުތައް އިތުރުވެއެވެ.

ބޮޑެތި ބޯޓުތައް މަދުވުމުގެ ސަބަބުން ކުދި ބޯޓުތަކުގެ އަގުތައް ވެސް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ފެބުރުވަރީ މަހު އީރާނާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައިރުޤާނޫނީ ހަނގުރާމައެއް ފެށްޓެވި ފަހުން ޝިޕިންގ ރޭޓުތައް ވަނީ ހަތަރު ގުނަ މައްޗަށް އުފުލިފައެވެ. ބޯޓުތަކުގެ ވެރިންނަށް ފާރިސީ ކަނޑުއޮޅިން ހުރްމުޒް ހުރަސްކޮށް އޭޝިއާއަށް ކުރާ ދަތުރުތަކަށް ދުވާލަކު 1.3 މިލިޔަން ޑޮލަރު ލިބެއެވެ. މިއީ، 2025 ވަނަ އަހަރު އެވްރެޖްކޮށް ލިބުނު 55,000 ޑޮލަރާ ބަލާއިރު އާދަޔާޚިލާފު ބޮޑު ފައިދާއެކެވެ.

ތެލުގެ ބާޒާރަށް އައި މި ބޮޑު ބަދަލާއެކު، މި އަހަރަކީ ބޯޓުތަކުގެ ވެރިންނަށް ތާރީޚުގައި ވެސް އެންމެ ފައިދާ ބޮޑު އަހަރަށް ވެދާނެއެވެ. "ތެޔޮ އުފައްދާ މިންވަރަށްވުރެ ޑިމާންޑް ބޮޑުވާހާ ހިނދަކު، ޓޭންކަރު ރޭޓުތައް ހުންނާނީ މަތީގައި،" ޝިޕިންގ ދިރާސާކުރާ ކުންފުނި، ޕޮޓެން އެންޑް ޕާޓްނަރސްގެ އެރިކް ބްރޮއިޚުޒިއެން ވިދާޅުވިއެވެ. އަދި، ބާޒާރުގެ ޙާލަތު ބަދަލުވެ، ތެޔޮ ލިބުން ފަސޭހަވުމާއެކު ރޭޓުތައް ވަގުތުން ދަށަށްދާނެ ކަމުގައި ވެސް އޭނާ ފާހަގަކުރެއްވިއެވެ.