ދިވެހިންގެ ޗުއްޓީ ދަތުރުތަކާއި ވިޔަފާރި ދަތުރުތަކުގެ މިސްރާބު އަބަދުވެސް އޮންނަނީ ވަކި ޚާއްޞަ ސަރަޙައްދުތަކަކަށެވެ. އަވަށްޓެރި ޤައުމުތަކާއި، މެލޭޝިއާ އަދި ތައިލެންޑް ފަދަ މަންޒިލްތަކަކީ ޢާންމުކޮށް އިޚްތިޔާރުކުރާ ތަންތަނެވެ. ނަމަވެސް، މި އާދަކާދައަށް އިންޤިލާބީ ބަދަލެއް ގެނެސްދޭނެ އައު މަންޒިލެއްގެ ގޮތުގައި ވިއެޓްނާމް މިވަނީ ދިވެހިންގެ ޗާޓަށް ވަދެފައެވެ.
ކުރިއަރަމުން އަންނަ އިޤްތިޞާދާއި، ޒަމާނީ ސިޓީތަކާއި، ފިނި ފަރުބަދަމަތީގެ ރީތިކަމާއި، މުއްސަނދި ސަޤާފަތް އެއްތަންވެފައިވާ ވިއެޓްނާމަކީ، ކަނޑައެޅޭ ބަޖެޓެއްގެ ތެރެއިން މުޅިން ތަފާތު ތަޖުރިބާތަކެއް ކޮށްލަން އެދޭ ދިވެހި ޢާއިލާތަކަށާއި ވިޔަފާރިވެރިންނަށް މިވަގުތު އޮތް އެންމެ ރަނގަޅު ފުރުޞަތެވެ.
ވިއެޓްނާމަށް ދަތުރުތައް ފެށުމާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށްޓަކައި، ވިއެޓްޖެޓް އެއާލައިންގެ ރާއްޖޭގެ ރަސްމީ ޖެނެރަލް ސޭލްސް އެޖެންޓް އޮއެފަރު އެވިއޭޝަން ސާވިސަސްގެ ފަރާތުން ވަނީ މިމަހުގެ 9އިން 10އަށް ވ. ފުލިދޫގައި މީޑިއާ ބްރީފިންގ ސެޝަނެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ޢިއުލާނުކުރި އެންމެ މުހިންމު ޚަބަރަކީ، އަންނަ ޑިސެންބަރު މަހުގެ 5ވަނަ ދުވަހުން ފެށިގެން ވިއެޓްޖެޓުން ރާއްޖެއަށް ރަސްމީކޮށް ދަތުރުތައް ފަށަން ނިންމާފައިވާ ކަމެވެ.
މި ދަތުރުތައް ރޭވިފައިވަނީ، ކޮލަމްބޯ މަގުން ރާއްޖެ އަދި ވިއެޓްނާމްގެ މައި ވިޔަފާރި މަރުކަޒު ކަމަށްވާ ހޯޗީމިން ސިޓީ ގުޅާލެވޭ ގޮތަށެވެ. ކޮންމެ ހަފުތާއަކު ތިން ދުވަހު، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު އޮންނަ މި ދަތުރުގައި އެވްރެޖުކޮށް ލަގެޖަށް ލިބޭނީ 20 ކިލޯއެވެ. ދަތުރުތައް ރާވާފައިވާ ގޮތަށް ބަލާއިރު ކޮލޮމްބޯގައި އެއް ގަޑިއިރުގެ ޓްރާންސިޓެއް އިންނަމަވެސް ބޯޓުން ފޭބުމުގެ ފުރުސަތެއް ނުލިބޭނެ ކަމަށް އޮއެފަރުން ފާހަގަކުރެއެވެ. އަދި އެހެން ބަޖެޓް އެއާލައިންތަކޭ އެއްފަދައިން ވިއެޓްޖެޓުގައި ދަތުރުކުރާ ފަރާތްތަކަށް ވިއްކާ ޓިކެޓުގެ އަގު އުޅޭނީ އެވްރެޖްކޮށް 400 ޑޮލަރަށެވެ.
އޮއެފަރު އެވިއޭޝަން ސާވިސަސްއިން ފާހަގަކުރި ގޮތުގައި މި ދަތުރުތަކަކީ ރާއްޖެއާއި، ސްރީލަންކާ އަދި ވިއެޓްނާމާ ދެމެދު ދަތުރުފަތުރުގެ ފަސޭހަކަން އިތުރުވެ، ދިވެހިންނަށް ދެކުނު އިރުމަތީ އޭޝިއާގެ އައު މަންޒިލަކަށް ފަސޭހަކަމާއެކު ވާސިލުވުމަށް އެޅޭ މުހިންމު ފާލަމަކަށް ވެގެންދާނެއެވެ. އޮއެފަރު އެވިއޭޝަނުން ފާހަގަކުރި ގޮތުގައި، ޓިކެޓް ބުކިންގް ހެދުމާއި ދަތުރާ ގުޅޭ މަޢުލޫމާތު ދިނުމުގައި ދިވެހި ދަތުރުވެރިންނަށް އެ ފަރާތުން މެދުނުކެނޑި އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
ޗުއްޓީއެއް ރާވާއިރު ދިވެހި ޢާއިލާތަކުން އެންމެ ބޮޑަށް ވިސްނާ އެއް ކަމަކީ ދަތުރަށް ހިނގާނެ ޖުމްލަ ޚަރަދެވެ. ފުލިދޫގައި އޮތް ސެޝަނުގައި އޮއެފަރުން މި މުހިންމު ނުކުތާއަކަށް އަލިއަޅުވާލިއެވެ. އެގޮތުން ދަތުރެއްގެ ހަޤީޤީ ޚަރަދަކީ ހަމައެކަނި ވައިގެ ޓިކެޓުގެ އަގު ނޫން ކަމާއި، އެ ޤައުމެއްގައި ހުރުމާއި، ކެއިންބުއިމާއި، ދަތުރުފަތުރާއި އަދި ވިޔަފާރިކުރުމަށް ހިނގާ ޚަރަދަކީ ބަޖެޓުގެ ބޮޑު ބައެއް ކަަމަށް އެކުންފުނިން ފާހަގަކުރެއެވެ.
ހަތަރު މީހުންގެ ދިވެހި ޢާއިލާއަކަށް ވިއެޓްނާމުގައި ހަތް ރޭގެ ޗުއްޓީއެއް ހޭދަކުރުމަށް ޓިކެޓާއި ނުލައި ގާތްގަނޑަކަށް 2،000 އާއި 3،000 އެމެރިކާ ޑޮލަރާ ދެމެދުގެ ބަޖެޓެއް ފުދޭނެ ކަމަށް ނަމޫނާ ބަޖެޓެއްގެ ގޮތުގައި ވަނީ ދައްކާފައެވެ. މި ބަޖެޓުގެ ތެރޭގައި ހުރުމާއި، ކެއުމާއި، އެތެރޭގެ ދަތުރުފަތުރާއި، ސައިޓްސީއިންގްގެ އިތުރުން ވިޔަފާރިކުރުމާއި ކުއްލި ޙާލަތްތަކަށް ބޭނުންވާ ފައިސާވެސް ހިމެނެއެވެ.
މިއީ މަތީ ފެންވަރުގެ ޚިދުމަތްތަކާއެކު، އާންމުކޮށް ދިވެހިން ދަތުރުކުރާ އެހެން މަންޒިލްތަކާ އަޅާބަލާއިރު ވަރަށް ބޮޑު ލުޔެކެވެ. ހަމައެއާއެކު، ބޭރު ފައިސާގެ އިންތިޒާމުތަކާއި ކާޑު ޕޭމަންޓްތަކަށް ދުރާލައި ތައްޔާރުވުމަކީ ދަތުރު އިތުރަށް ފުރިހަމަވެގެންދާނެ ކަމެއް ކަމަށްވެސް ފާހަގަކުރިއެވެ.
ދިވެހިރާއްޖޭގެ ޖަޒީރާ ދިރިއުޅުމުން ބޭރުވެ، ތަފާތު މާޙައުލެއް ތަޖުރިބާކޮށްލަން ބޭނުންވާ ފަރާތްތަކަށް ވިއެޓްނާމަކީ "އޯލް-އިން-ވަން" މަންޒިލެކެވެ. މި ދަތުރުގައި ކޮންމެހެންވެސް ޒިޔާރަތްކޮށްލަންޖެހޭ ޚާއްޞަ މަންޒިލްތަކުގެ ތެރޭގައި ޒަމާނީ ޝޮޕިންގ މޯލްތަކާއި ތާރީޚީ ކަންކަން އެކުލެވިގެންވާ ހަލަބޮލި އަދި ގައުމުގެ އިޤްތިޞާދީ މައި ދޮރާށިކަމުގައިވާ ހޯޗީމިން ސިޓީ ހިމެނެއެވެ.
ހަމަމިއާއެކު، ސާފު، ހިތްގައިމު ގޮނޑުދޮށްތަކާއި، ޒަމާނީ ރިޒޯޓުތައް އެކުލެވޭ ޢާއިލާތަކަށް އެންމެ އެކަށޭނަ ސަރަޙައްދުކަމުގައިވާ ދަނަންގް އަދި ފަރުބަދަމަތީގެ ފިނި މާޙައުލުގައި، ދެ ބޮޑު އަތްތިލައިގެ މަތީގައިވާ ފަދައިން ހަދާފައިވާ "ރަން ބްރިޖް" އަދި މުނިފޫހިފިލުވުމުގެ ތީމް ޕާކުތައް ހުންނަ ބާ ނާ ހިލްސް އަދި ގޯލްޑަން ބްރިޖަކީވެސް ކޮންމެހެން ބަލާލަން ދާންޖެހޭނެ ފަދަ ތަންތަނެވެ.
މީގެ އިތުރުން، ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނޭ، ރޭގަނޑު ކުލަކުލައިގެ ފުޅިބައްތިތަކުން ދިއްލާލާފައިވާ ހޮއި އާން އޭންޝަންޓް ޓައުން، ހާ ލޯންގް ބޭގެ ކަނޑުގެ ލޮނުގަނޑުން އުފެދިފައިވާ ހިތްގައިމު ހިލަ ފަރުބަދަތަކާއި ހޮހަޅަތަކުގެ ތެރެއިން ކުރެވޭ ކްރޫޒް ދަތުރުތަކީ ކޮންމެހެން ތަޖުރިބާކޮށްލަންޖެހޭނެ ކަަހަލަ މަންޒިލްތަކެެވެ.
ފެހިކަންގަދަ ސިޑިބަރި ދަނޑުތަކާއި، ފިނި މޫސުމުގެ އިޙްސާސް ލިބޭ އުސް ފަރުބަދަތައް ހުންނަ ސަޕާ ސަރަހައްދާއި، އަބަދުވެސް ބަހާރު މޫސުމުގެ ފިނިކަން އޮންނަ، މާމެލާމެއްޔާއި ޤުދުރަތީ ރީތިކަމުން ފުރިފައިވާ ދާ ލާތުގެ އިތުރުން ފެންމަތީ މާރުކޭޓުތަކާއި، ކޯރުގެ އައްސޭރީގެ ދިރިއުޅުން ކައިރިން ބަލައިލެވޭ މެކޮންގް ޑެލްޓާއަކީވެސް ވިއެޓްނާމް އެކަމަކަށް މަޝްހޫރުވެފައިވާ ތަންތަނެވެ.
ކުޑަކުދިންނާއެކު ދަތުރުކުރާ ޢާއިލާތަކަށް، މިފަދަ ތަންތަނަށް ޒިޔާރަތްކުރުމަކީ ހަމައެކަނި ޗުއްޓީއެއް ނޫނެވެ. އެއީ ދުނިޔޭގެ ތާރީޚާއި، ތަފާތު ސަޤާފަތްތައް ދަސްވެ، ހަނދާނުން ފޮހެވިގެން ނުދާނެ ފަދަ ޢިލްމީ އަދި މަޖާ ތަޖުރިބާއެއްގެ ގޮތުގައި އޮއެފަރުން ފާހަގަކުރެއެވެ.
ވިއެޓްނާމަކީ ހަމައެކަނި ފަތުރުވެރިކަމުގެ މަންޒިލެއް ނޫނެވެ. ދިވެހި ވިޔަފާރިވެރިންނަށް މިއީ އިންތިހާއަށް ފުރުޞަތު ފަހި ޤައުމެކެވެ. މިއަދު ދުނިޔޭގެ އުފެއްދުންތެރިކަމުގެ ބޮޑު ބާރަކަށް ވިއެޓްނާމް ވެފައިވާއިރު، ފޭރާމާއި، ފައިވާނާއި، ފަރުނީޗަރާއި، އިލެކްޓްރޯނިކްސް އަދި އިމާރާތްކުރުމަށް ބޭނުންވާ ސާމާނު އުފައްދާ މައި މަރުކަޒަކީ މިއީއެވެ.
ހޯޗީމިން ސިޓީގެ ހޯލްސޭލް ބޮޑެތި މާރުކޭޓުތަކުންނާއި ފެކްޓަރީތަކުން ފެންވަރު ރަނގަޅު މުދާ ހެޔޮ އަގުގައި ލިބެން ހުރުމަކީ، ރާއްޖެއަށް މުދާ އެތެރެކުރާ ވިޔަފާރިވެރިންނަށް އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމެކެވެ. ޗުއްޓީ ހޭދަކޮށްލުމުގެ އިތުރުން، އަމިއްލަ ފިހާރަތަކަށާއި ވިޔަފާރިތަކަށް ބޭނުންވާ ސާމާނު ހޯދުމަށް ވިއެޓްނާމަށް ދަތުރުކުރުމަކީ ވަގުތާއި ޚަރަދުގެ ގޮތުން ދިވެހިންނަށް ލިބޭނެ ވަރަށް ބޮޑު މަންފާއެކެވެ.
ކޮންމެއަކަސް މިއަހަރުގެ ޑިސެމްބަރު މަހުގެ 5ވަނަ ދުވަހު ވިއެޓްޖެޓުން ފަށާ ދަތުރުތަކަކީ، ރާއްޖެއާއި ބޭރު ދުނިޔެއާ ދެމެދު އޮތް ވައިގެ ދަތުރުފަތުރުގެ ވިއުގައަށް އިތުރުވެގެންދާ ވަރަށް މުހިންމު ބޮޅެކެވެ. މިއީ ދިވެހިން ޗުއްޓީ ހޭދަކުރުމާއި ވިޔަފާރިކުރުމުގައި ގެންގުޅޭ ވިސްނުން އިތުރަށް ތަރައްޤީވެ، އައު ހޯދުންތަކަށް ލޯހުޅުވައިދޭނެ ފުރުޞަތެކެވެ.
ހަމައެކަނި ޚަރަދު ކުޑަވުމުގެ އިތުރުން، ކުރާ ޚަރަދާ އެކަށޭނަ މަތީ ފެންވަރުގެ ތަޖުރިބާތަކެއް ޢާއިލާތަކަށް ހޯދައިދިނުމާއި، އުފެއްދުންތެރިކަމުގެ ބޮޑު މާކެޓަކަށް ދިވެހި ވިޔަފާރިވެރިން ވާސިލުވުމަށް އޮތް މަގު ތަނަވަސްވުމަކީ މި ދަތުރުތަކުގެ އެންމެ ބޮޑު އެއް ފައިދާއެވެ.
ދުރާލައި ދަތުރުތައް ރާވައި، ބަޖެޓު ބަލަހައްޓައިގެން ކުރާ ދަތުރަކުން ލިބޭނެ ހިތްހަމަޖެހުމާއި، ކުޑަކުދިންނާއި ބޮޑެތި މީހުންގެ ހިތްތަކުގައި ބިންވަޅު ނެގިގެންދާނެ އައު މަންޒަރުތަކާއެކު، ވިއެޓްނާމް ވެގެންދާނީ ދިވެހިންގެ ޗުއްޓީ ދަތުރުތަކުގެ އެންމެ މަޤްބޫލު އެއް މަންޒިލަށެވެ. އެހެންކަމުން، މި އަންނަ ޑިސެމްބަރު މަހުން ފެށިގެން ދިވެހި ދަތުރުވެރިންގެ އައު މިސްރާބަކަށް ވިއެޓްނާމް ހެދުމަކީ، ޝައްކެއްވެސް ނެތް ގޮތުގައި ތަފާތު އަދި ފައިދާހުރި ތަޖުރިބާއަކަށް ވެގެންދާނެއެވެ.