ޚަބަރު

ޔަމަނުގެ ރިޔާސީ ގަނޑުވަރަށް ޙޫޘީން ދިން ހަމަލާއެއްގައި 5 މީހަކު މަރުވެއްޖެ


ޔަމަނުގެ ޢަދަންގައި ހުންނަ އަލް-މަޢާޝީޤު ރިޔާސީ ގަނޑުވަރަށް ޙޫޘީން ދިން މިސައިލާއި ޑްރޯން ހަމަލާއެއްގައި ފަސް މީހުން މަރުވެ 16 މީހުންނަށް އަނިޔާވެއްޖެއެވެ. ސަލާމަތީ ކަންކަން ބަލަހައްޓާ މީހުންނާއި މަދަނީ މުވައްޒަފުން މި ހަމަލާގައި މަރުވެފައިވާ ކަމަށް، ޔަމަނުގެ ޞިއްޙަތާ ބެހޭ ވަޒީރު ޤާސިމް މުޙައިބަޙު ވިދާޅުވިއެވެ. ގަނޑުވަރުގައި ތިއްބެވި ބޮޑުވަޒީރާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް އަނިޔާއެއް ލިބިވަޑައިގަންނަވާފައިނުވާ ކަމުގައި މަޢުލޫމާތާ ބެހޭ ވަޒީރު މުޢައްމަރު އަލް-އިރްޔާނީ ވިދާޅުވިއެވެ. މިއީ، އެމެރިކާއާއި ޔަހޫދީން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމަަ ޔަމަނަށް ފުޅާވެ، އެ ހަނގުރާމައިގެ ތެރެއިން ތެރެއިން ގަނޑުވަރަށް ދިން ފުރަތަމަ ހަމަލާއެވެ.

މި ހަމަލާއަކީ ސަޢޫދީ ޢަރަބިއްޔާއިން ހިންގާ އަސްކަރީ މަރުކަޒަކަށާއި ހަތިޔާރު ގުދަންތަކަކަށް ދިން ހަމަލާއެއް ކަމަށް ޙޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ވިދާޅުވިއެވެ. މިއީ "ކޮންމެ ތަނެއްގައި ވިޔަސް ސަޢޫދީގެ އަސްކަރީ އެއްވުންތަކަށް އަމާޒުކުރުން" ކަމަށް ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ދިން ހަމަލާއެއް ކަމަށް އޭނާ ވިދާޅުވިއެވެ. ޙޫޘީން ހިންގާ ސަބައަ ނޫސް އޭޖެންސީން މި ކަން ކަށަވަރުކޮށްދީފައިވާއިރު، ގަނޑުވަރު ކައިރިން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވުނު ކަމުގައި މަންޒަރު ފެނުނު މީހުން ބުނެފައިވެއެވެ. ޙޫޘީންގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތައް މިނިވަންކުރުމަށް ޔަމަނުގެ ސަރުކާރުގެ ފައުޖުތަކުން ވަނީ ބާބް އަލް-މަންދަބް ކަނޑުއޮޅި ކައިރިން ކުރިއެރުންތަކެއް ހޯދާފައެވެ.

ވޭތުވެދިޔަ ހަފުތާތަކުގައި ޙޫޘީން ވަނީ ސަޢޫދީ ޢަރަބިއްޔާގެ ޢުމްރާނީ ބިނާރަށް ވެސް ހަމަލާތަކެއް ދީފައެވެ. ރިޔާޟްގައި ހުންނަ ކިންގް ޚާލިދު އެއާޕީޓަށް މި މަހު 20 ހަމަލާއެއް ދީ، 17 މީހުން މަރުވެ 333 މީހުންނަށް އަނިޔާވެފައިވާ ކަމަށް ސަޢޫދީ އަސްކަރީ އިއްތިޙާދުގެ ތަރުޖަމާނު ތުރުކީ އަލް-މާލިކީ ވިދާޅުވިއެވެ. އަދި، އަބްހާ އެއާޕޯޓަށް ދިން ހަމަލާތަކެއްގައި ތިން މީހަކު މަރުވެ 28 މީހަކަށް އަނިޔާވެފައިވެއެވެ. އެކުވެރި ދައުލަތްތަކުގެ (އދ) އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަނުން ވަނީ ސަޢޫދީގެ މަދަނީ އެއާޕޯޓުތަކަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށްފައެވެ.

މި ހަމަލާތަކަށް ޙޫޘީން ބޭނުންކުރާ ބެލިސްޓިކް މިސައިލާއި ޑްރޯން ފަދަ ވަސީލަތްތައް ހޯދާފައި ވަނީ ސަރަޙައްދީ ބާރުތަކުގެ އެހީގައި ކަމުގައި އިއްތިޙާދުން ބުނެއެވެ. ޔަމަނުގެ ފަރުބަދަމަތީ ސަރަޙައްދުތަކުގައިވާ ޙޫޘީންގެ ހަތިޔާރު ގުދަންތަކާއި 127 މަންސައެއް ނައްތާލާފައިވާ ކަމަށް ބުނެ، އިއްތިޙާދުން ވަނީ މަދަނީ ތަންތަނަށް ދޭ ހަމަލާތައް ހުއްޓާލުމަށް ގޮވައިލާފައެވެ. ނަމަވެސް، މައްކާއާއި މަދީނާ ފިޔަވައި ސަޢޫދީގެ އެހެން އެއާޕޯޓުތަކަކީ ރައްކާތެރި ތަންތަން ނޫން ކަމަށް ބުނެ ޙޫޘީންގެ ތަރުޖަމާނު އިންޒާރު އައު ކުރެއްވިއެވެ. މީގެ އިތުރުން، ނަޖްރާން އާއި ޖީޒާންއަށް ހަމަލާއެއް ދިނުމުގެ ނުރައްކާ އޮތް ކަމަށް ބުނެ، ސަޢޫދީގެ މަދަނީ ދިފާޢީ އިދާރާއިން ވަނީ ސަމާލުވުމަށް އެ ސަރަޙައްދުތަކުގެ ރައްޔިތުންނަށް އިރުޝާދުދީފައެވެ.