ޚަބަރު

ޚާއްސައެހީއަށް ބޭނުންވާ ކުދިންގެ ހުނަރު ދައްކާލެވޭނެ އިންތިޒާމުތަކެއް ފަހިކޮށްދެނީ


  • ރައީސް ވިދާޅުވީ ދިރިއުޅުމުގައި ހަމަހަމަ ފުރުސަތު ވެސް އެފަދަ ކުދިންނަށް އޮންނަން ޖެހޭ ކަމަށް

  • އެފަދަ ކުދިންގެ ހުނަރުތައް ކުރިއެރުވުމަށް "އެމްޕަވަމަންޓް ހަބް"ގެ މަސައްކަތް ދަނީ ކުރަމުން

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހުނަރު ދައްކާލުމަށް ހަމަހަމަ ފުރުޞަތު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ޕުރޮގްރާމްގައި ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ މަންމަ ފާޅުކުރި ކަންބޮޑުވުންތަކަކާ ގުޅިގެންނެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ މަންމަ ރައީސަށް ހުށަހެޅުއްވީ އުމުރުން 18 އަހަރުގެ އަންހެން ކުއްޖާއަކީ ވަރަށް މޮޅަށް ކުރަހާ ކުއްޖެއްނަމަވެސް، އެ ހުނަރު ދައްކާލުމަށް ފުރުޞަތު ނެތުމުގެ ކަންބޮޑުވުމެވެ. އޭނާ ވަނީ އެފަދަ ހުނަރުވެރި ކުއްޖަކަށް ރާއްޖޭގައި ފުރުޞަތު ނެތްކަން ފާހަގަކޮށްފައެވެ. އަދި އެންމެ ފަހުން ހުޅުމާލޭގައި ބޭއްވި އާޓް އެގްޒިބިޝަންގައި ދަރިފުޅު ބައިވެރިވި ނަމަވެސް އޯޓިޒަމް ކުއްޖެއް ކަމަށް ވާތީ އެ ތަނުގައި މާ ގިނައިރު ނުހުރެވޭނެ ކަމަށް އެކަން އިންތިޒާމުކުރި ފަރާތުން އެންގިކަމަށް އޭނާ ބުންޏެވެ. ނަމަވެސް ދަރިފުޅު އެގްޒިބިޝަންގައި މަޑުނުކޮށް، އެ ތަނުގައި ކުރެހުން ބަހައްޓައިދޭން އެދުމުން އެ ކަމަށް ވެސް ޖަވާބެއް ނުލިބުނު ކަމަށް އެ ކުއްޖާގެ މަންމަ ރައީސްއަށް ދެންނެވިއެވެ.

އެ ވާހަކަތައް އަޑު އެއްސެވުމަށް ފަހު، ރައީސް ވިދާޅުވީ އެފަދަ މުބާރާތްތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބައިވެރިވުން ވީހާ ވެސް ބޮޑުކުރަން ޖެހޭ ކަމަށެވެ. އަދި ދިރިއުޅުމުގައި ހަމަހަމަ ފުރުސަތު ވެސް އެފަދަ ކުދިންނަށް އޮންނަން ޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"ވަރަށް ބޮޑަށް ބަލައިދޭނަން، ހާއްސަކޮށް ދަރިފުޅުގެ ޓެލެންޓް ކުރިއަށް ގެންދެވޭނެ މަގެއް ފަހިކޮށްދެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން،" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެކި ގޮތްގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސްކޫލް މާހައުލުންނާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ އިތުރުންވެސް އެހެނިހެން ގޮތްގޮތުންވެސް ދަނީ މަސައްކތް ކުރަމުންނެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުތައް ކުރިއެރުވުމަށް ތަރައްޤީކުރާ "އެމްޕަވަމަންޓް ހަބް"ގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ. އެތަނުގެ ދެބައިކުޅަ އެއްބައިގެ މަސައްކަތްތައް މިހާރު ވަނީ ނިންމާލާފައެވެ. މި ތަނަކީ ރަސްމީ ތަޢުލީމު ނިންމުމަށްފަހު މުޖުތަމަޢުއަށް ނިކުންނަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރު ތަރައްޤީ ކުރުމަށާއި މަސައްކަތުގެ ތަޖުރިބާއާއި، އިޤްތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށް ވުމަށް މަގުފަހިކޮށްދޭނެ ފުރުޞަތުތައް ހޯދައިދިނުމަށް ޤާއިމު ކުރާ މަރުކަޒެކެވެ.

މި ހަބުގައި ކުރިއަށް ގެންދާނެ ޕްރޮގްރާމްތަކުގެ ތެރޭގައި ކަލިނަރީ އަދި ހޮސްޕިޓަލިޓީ ދާއިރާއާއި، ރީޓެއިލް މަސައްކަތުގެ ތަމްރީނާއި، އައިޓީ ދާއިރާގެ ތަމްރީނުތައް ހިމެނެއެވެ. އަދި އަތްތެރި މަސައްކަތް ފަދަ އެކި ފަންނީ ހުނަރުވެރިން ބިނާކުރުމުގެ ގޮތުން ތަފާތު ތަމްރީނުތައް ކުރިއަށް ގެންދާނެއެވެ. މީގެއިތުރުން ބައިވެރިން ތައްޔާރު ކުރާ އަތްތެރި މަސައްކަތްތަކުގެ އުފެއްދުންތައް ދައްކާލުމަށް ޚާއްޞަ ޖާގައަކާއި، އެ ތަކެތި ވިއްކުމަށް ފިހާރައެއް ޤާއިމްކުރާނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުން ތަމްސީލު ކުރާ ޖަމިއްޔާތަކުން ހިންގާ އެކިއެކި ހަރަކާތްތަކާއި، ބައްދަލުވުންތައް ބޭއްވުމަށް ޚާއްޞަ ޖާގައަކާއި، އެފަދަ މީހުންނަށް އަޅާލުމާއި އޯގާތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ޕްރޮގްރާމްތައްވެސް ކުރިއަށް ގެންދާނެއެވެ.

މި މަރުކަޒު ފަރުމާ ކޮށްފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ތަން ބޭނުން ކުރެވޭ ގޮތަށެވެ. ފުރޮޅުލީ ގޮޑި ބޭނުންކުރާ މީހުންނާއި، ފެނުމުން މަޚުރޫމުވެފައިވާ މީހުންނަށް ޓެކްޓައިލް ޕާތުވޭ ހިމެނެއެވެ. އަދި ފާޚާނައާއި ނަމާދު ކޮޓަރިއާއި، އޯޓިޒަމް ހުންނަ ފަރާތްތަކަށް "ސެންސަރޫ ރޫމް"އެއްވެސް ޤާއިމުކޮށްފަވެއެވެ.

މި މަރުކަޒު ވެގެންދާނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިނިވަންކަމާއެކު، މާނަހުރި ގޮތެއްގައި މުޖުތަމަޢުގައި ބައިވެރިވާނެ އެތައް ފުރުޞަތުތަކެއް ފަހި ކޮށްދޭނެ މަރުކަޒަކަށެވެ. އަދި ސްކޫލު ދައުރު ނިންމާ ކުދިންނަށް ބޭނުންވާ އެކި ހުނަރުތަކާއި، ވަޒީފާގެ ބާޒާރަށް ނެރުމުގެ ގޮތުން ކުރިއަށް ގެންދާ އެކި ޕްރޮގްރާމްތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއެކު މަސައްކަތް ކުރާ އެކި ޖަމިއްޔާތަކާ ގުޅިގެން ތަފާތު ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދެވޭނެ ފުރަތަމަ މަރުކަޒަށެވެ.