ޚަބަރު

ދަނޑުވެރިކަން ފުޅާކޮށް ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް!


  • އޮކްޓޫބަރު 16 ފާހަގަކުރަނީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ގޮތުގައި

  • ދަނޑުވެރިކަން ފުޅާކޮށް ފައިދާވާ ސިނާއަތަކަށް ހެދުމަކީ ސަރުކާރުގެ އަމާޒު

ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހެވެ.

މި ދުވަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ފުޅާ ދާއިރާއެއްގައި ފާހަގަކުރަމުން އަންނައިރު، މިއީ އެކުވެރި ދައުލަތްތަކުގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމުގެ ޖަމްއިއްޔާ 1945 ވަނަ އަހަރު އުފެދުނު ތާރީޚީ ދުވަހާ ގުޅުވައިގެން ފާހަގަކުރަން ފެށި މުހިންމު ދުވަހެކެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްސަދަކީ ދުނިޔޭގެ ކަންކޮޅުތަކުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ބަނޑުހައިހޫނުކަން ނައްތާލުމަށް މަސައްކަތްކުރުމެވެ.
ބާޒާރުގައި ކާބޯތަކެތީގެ އަގުތައް ކޮންޓްރޯލްކޮށް، އެންމެންނަށް އަތްފޯރާ ފަށުގައި ކާނާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމާއި، ސިއްހަތަށް ފައިދާހުރި ރަނގަޅު ކާނާ ކެއުމުގެ މުހިންމުކަމާމެދު އާންމުން ހޭލުންތެރިކުރުވުމަކީ ވެސް މި ދުވަހުގެ އަސާސީ އެއް ބޭނުމެވެ.

ރާއްޖެއަކީ ޒަމާނުއްސުރެ ކާބޯތަކެތީގެ ބޮޑު ބައެއް އިމްޕޯޓަށް ނުވަތަ ބޭރު ޤައުމުތަކަށް ބަރޯސާވެފައިވާ ޤައުމެކެވެ. ނަމަވެސް، ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއި ކާރިސާތަކުގެ ސަބަބުން، ރާއްޖެއިން ބޭރުން ކާބޯތަކެތި އެތެރެކުރުން މަދުކޮށް، ޤައުމީ ފެންވަރުގައި ކާނާގެ ޔަޤީންކަން ނުވަތަ "ފުޑް ސެކިއުރިޓީ" ޤާއިމްކުރުމަށް ސަރުކާރުން މިހާރު ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ވިލުންތެރި އިޤްތިޞާދެއް ބިނާކުރުމަށްޓަކައި، ރާއްޖޭގެ އާބާދީއަށް އެކަށީގެންވާ ވަރަށް އަސާސީ ކާބޯތަކެތި އަމިއްލައަށް އުފެއްދުމަކީ ދިވެހި ސަރުކާރުގެ މައިގަނޑު އެއް އަމާޒެވެ.

މި މުހިންމު ލަނޑުދަނޑި ޙާސިލުކުރުމަށްޓަކައި، ރާއްޖޭގެ ދަނޑުވެރިކަން އައު ހަރުފަތަކަށް ގެންދިއުމަށް އުންމީދީ ދެ މަޝްރޫޢެއް މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިޢުލާންކުރައްވާފައެވެ. އަދި ދަނޑުވެރިކަމުގެ ދާއިރާއަށް އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް ވަރަށް ފަހި މާހައުލެއް މިހާރު ވަނީ ޤާއިމްކޮށްދީފައެވެ.

ރާއްޖޭގެ ކާނާގެ ޔަޤީންކަން ކަށަވަރުކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން، ގއ. ކޮނޑޭ އަދި ކ. ކާށިދޫގައި "ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް މޮޑެލް"ގެ ދަށުން ވިޔަފާރި އުސޫލުން ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރުމުގެ ފުރުޞަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ. މިއީ ޤައުމީ ފެންވަރުގައި ދަނޑުވެރިކަން ކުރިއެރުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ތަރައްޤީކުރުމަށްޓަކައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސްގަނޑެއް ނެތި ފެނުގައި ގަސްއިންދާ "ހައިޑްރޮޕޮނިކްސް" ނިޒާމުތައް ޤާއިމްކޮށް، އެތައް ރައްޔިތުންނަކަށް އަމާޒުކޮށްގެން ފަންނީ ތަމްރީނު ޕްރޮގްރާމްތައް ވަނީ ހިންގާފައެވެ. އަދި ދަނޑުވެރިކަމަށް ބޭނުންވާ ގަސްގަހާގެހި ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެގްރިކަލްޗަރަލް ނާސަރީތައްވެސް ދަނީ އެކި ސަރަޙައްދުތަކުގައި ޤާއިމުކުރަމުންނެވެ.

ކާބޯތަކެތީގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ ގޮތުން ވަކިވަކި ބާވަތްތަކަށް ޚާއްސަ އިސްކަމެއް ދީގެން އާލާކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މީގެތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބާވަތަކީ ފެތްކޭލެވެ. ފެތްކެޔޮ އިތުރަށް އާލާކޮށް، އޭގެއިން "ވެލިއު އެޑެޑް" ނުވަތަ އަގު އެއްކުރެވިފައިވާ ތަފާތު އުފެއްދުންތައް ތައްޔާރުކޮށް ބާޒާރަށް ނެރުމަށްޓަކައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފެސިލިޓީތައް ޤާއިމްކުރުމުގެ ދަނީ ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ ބޭރުގެ އިމްޕޯޓަށް ބަރޯސާވުން ވީހާވެސް ކުޑަކޮށް، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުވެފައިވާ ޤައުމަކަށް ދިވެހިރާއްޖެ ހެދުމެވެ.