ޚަބަރު

ޔަހޫދީ އެޑް ކުންފުންޏަކުން އިންޓަނެޓު ބޭނުންކުރާ މީހުންނަށް ޖާސޫސްކުރަނީ


އިންޓަނެޓު މެދުވެރިކޮށް އިސްތިހާރުކޮށްދޭ ޔަހޫދީ އެޑް ކުންފުންޏެއް ކަމަށްވާ ޑިސްކަވަރީ ޓެކްއިން އިންޓަނެޓު ބޭނުންކުރާ މީހުންނަށް ޖާސޫސްކޮށް، ބައެއް މީހުން ދެނެގަނެ، އެ މީހުންގެ ފޯނުތަކާއި ކޮމްޕިއުޓަރުތައް ހެކް ކުރުމަށް އެހީތެރިވެފައިވާ ކަމަށް ދިރާސާކުރާ ދެ ކުންފުންޏަކުން ބުނެފިއެވެ.

އެމެރިކާއިން ވެސް ބްލެކްލިސްޓުކޮށްފައިވާ ޔަހޫދީ ސްޕައިވެއާ ކުންފުންޏެއް ކަމަށްވާ ކަންޑިރުގެ އިތުރުން އެެހެން ޖާސޫސީ ކުންފުނިތަކަށް ޑިސްކަވަރީ ޓެކްއިން ތައްޔާރުކުރާ އެޑްތަކުގެ ފުޅާ ވިއުގައެއްގެ ތެރެއިން މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ. އެ ގޮތުން އެ ކުންފުނިތަކުން ގޫގްލްއިންނާއި ކޮމްކާސްޓްއާއި ރަޝިޔާގެ ރަންޑެކްސް ފަދަ އެޑްތައް ޝާއިޢުކުރާ މަންސަތައް ބޭނުންކުރުމުގެ މެދުވެރިއެއްގެ ދައުރު ޑިސްކަވަރީ ޓެކްއިން ޢަދާކޮށްފައިވެއެވެ.

ޑިސްކަވަރީ ޓެކްއިން ޖާސޫސުކޮށްފައިވާ ކަމުގެ މަޢުލޫމާތު ޙިއްޞާކޮށްފައި ވަނީ ކެނެޑާގެ ސިޓިޒެން ލެބްއާއި ނިއު ޔޯކުގެ ކޮންފިއަންޓުންނެވެ. ދެ ކުންފުނިން ނެރެފައިވާ ރިޕޯޓުތަކުގައި އިންޓަނެޓު މެދުވެރިކޮށް އިސްތިހާރު ކުރުމުގެ ވިޔަފާރިއަކީ ޖާސޫސްކުރުމަށް ހުޅުވިފައިވާ ދޮރާއްޓެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

ސިޓިޒެން ލެބްގެ އިސް ރިސާޗަރެއް ކަމަށްވާ ވުލްފީ ކްރިސްޓްލް ވިދާޅުވީ މި ޒަމާނުގައި އޮންލައިންކޮށް އިސްތިހާރުކުރުމަކީ އޭގެ ސަބަބުން ސަލާމަތީ ނުރައްކާތައް ކުރިމަތިވާ ކަމެއް ކަމަށެވެ. އެ ގޮތުން ދައުލަތްތަކަށާއި އަމިއްލަ ވިޔަފާރިތަކަށާއި މަދަނީ މުޖުތަމަޢުއަށާއި އާންމުންނަށް ވެސް އެ ނުރައްކާ އޮތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޑިސްކަވަރީ ޓެކްއިން ޝާޢިއުކޮށްފައިވާ ފޯނާއި އިއާޕޮޑު ފަދަ ތަކެތީގެ އެޑްތައް 120،000އަށް ވުރެ ގިނަ ވެބްސައިޓްއާއި 75،000 އެޕުން ދައްކާފައިވާ ކަމަށް ސިޓިޒެން ލެބްއިން ބުނެއެވެ. ބައެއް ކަހަލަ އެޑްތައް ޝާޢިއުކޮށްފައިވާ ވެބްސައިޓްތަކަށް ވަނުމުން ނުވަތަ އެ ފަދަ އެޕްތައް ބޭނުން ކުރުމުން އެ ވެބްސައިޓްތަކާއި އެޕްތައް ބޭނުންކުރާ މީހުން ދެނެގަނެ، އެ މީހުންގެ ފޯނުތަކުގައި ހުންނަ ނަމްބަރުތައް ވެސް ދަމައިގަނެވެއެވެ. ވެބްސައިޓަށް ނުވަތަ އެޕަށް އެޑް އަރާ ހިސާބުން ޖާސޫސް ކުރުން ފެށެއެވެ. މި ފަދަ އެޑްތައް ބޭނުންކޮށްގެން ކެންޑިރުގެ ސްޕައިވެއާ އިންޓަނެޓު ބޭނުންކުރާ މީހުންގެ ފޯނުތަކަށް އަޅައިދެއެވެ.

ކޮންފިއަންޓުން ބުނީ ޑިސްކަވަރީ ޓެކްއިން ދުވާލެއްގެ މައްޗަށް މަދުވެގެން 10 މިލިއަން އެޑް ދައްކާ ކަމަށެވެ. ކުކީ މެޗިންގ ކިޔާ މަޢުލޫމާތު ޙިއްޞާކުރާ އިންތިޒާމެއްގެ ދަށުން އެޑްތައް ނުފޯރާ މީހުންގެ މަޢުލޫމާތު ވެސް އެ ކުންފުންޏަށް އެއްކުރެވޭ ކަމަށް އެ ކުންފުނިން ބުނެއެވެ. އެތައް ސަތޭކަ މިލިއަން މީހުންނެއްގެ މަޢުލޫމާތު ޑިސްކަވަރީ ޓެކްއަށް ލިބިފައި ހުންނާނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.

ކޮންފިއަންޓުން އިތުރަށް ބުނީ ހައްސާސް ވެށިތަކުގައި ބޭނުންކުރާ ވިއުގަތަކުގައި ވެސް ޑިސްކަވަރީ ޓެކްގެ އެޑްތައް ދައްކާ ކަމަށެވެ. އޭގެ ތެރޭގައި އެމެރިކާގެ ޕެންޓެގަންއާއި ބައިނަލްއަޤްވާމީ އެޓޮމިކް ހަކަތައާ ބެހޭ އިދާރާއާއި ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓު ހިމެނެއެވެ. އަދި ފަލަސްޠީނުގެ ކޮންމެ ވެބްސައިޓަކަށް ދިޔަ ނަމަވެސް ޑިސްކަވަތީ ޓެކްގެ އެޑްތައް ފެންނަ ކަމަށް ކޮންފިއަންޓުން ބުނެއެވެ. ސިޓިޒެން ލެބްއިން ވެސް ބުނީ އދއާއި ނޭޓޯއާއި ވިލާތުގެ ކޮމިޝަންއާއި ސަރުކާތުތަކުގައި ބޭނުންކުރާ ޑިވައިސްތަކަށް ވެސް ނުރައްކާތެރި އެޑްތައް އަރާފައިވާ ކަމަށެވެ.

ގޫގްލްއިން ބުނީ އެ ކުންފުނީގެ އެޑް މަންސައިން ޑިސްކަވަރީ ޓެކް މިހާރު ބޭރުކޮށްލާފައިވާ ކަމަށެވެ. ޑިސްކަވަރީ ޓެކްއިން ގޫގްލްގެ ސިޔާސަތުތަކާ ޚިލާފުވެފައިވާ ކަމަށް ގޫގްލްއިން ބުނެއެވެ.