ރާއްޖޭގައި އަޅަމުން އަންނަ ބައިނަލްއަގްވާމީ ފެންވަރުގެ ސްވިމިންގް ޕޫލު ފެސިލިޓީގެ މަސައްކަތަކީ، ގުޅިގެން ހިންގަމުން އަންނަ ނަމޫނާ މަސައްކަތެއް ކަމަށް ޒުވާނުން ބާރުވެރިކުރުވުމާ ކުޅިވަރާ ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ކުޅިވަރާ ބެހޭ ވަޒީރު ރާފިއުއާއެކު، ޗަމްޕާ ހުސެއިން އަފީފް ބުރާސްފަތި ދުވަހު ހަވީރު ވަނީ ސްވިމިންގް ޕޫލުގެ މަސައްކަތް ބައްލަވާލައްވާފައެވެ.
ސްވިމިންގް ޕޫލުގެ މަސައްކަތަކީ، ކްރައުން ކޮމްޕެނީ، މޯލްޑިވްސް އެކުއެޓިކްސް އަދި ދިވެހި ސަރުކާރާ، ސްވިމިންގެ މައި ޖަމިއްޔާ ވޯލްޑް އެކުއެޓިކްސް ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. "ޕީއެސްއެމް ނިއުސް"އާ ވާހަކަދައްކަވަމުން، މިކަން ފާހަގަކުރައްވާ، ކުޅިވަރާ ބެހޭ ވަޒީރު، ރާފިއު ވިދާޅުވީ، މިއީ އެހެން ކުޅިވަރުތަކުންވެސް މިސާލު ނަގަން ޖެހޭ ވަރުގެ ކަމެއް ކަމަށެވެ. އެގޮތުން ސްވިމިންގް ޕޫލުގެ މަސައްކަތަކީ އަމިއްލަ ފަރާތެއްގެ ބޮޑު އެއްބާރުލުމަކާއެކު ކުރިއަށް ގެންދާ މަސައްކަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވަނީ ކްރޯން ކޮމްޕެނީގެ ފަރާތުން ޗަމްޕާ ހުސެއިން އަފީފް މި މަސައްކަތައް ވެދެއްވި އެއްބާރުލުމާ އެހީތެރިކަމަށް ޝުކުރުއަދާ ކުރައްވާފައެވެ.
""އަމިއްލަ ފަރާތުކުން މި ކަމަށް އެހީވެދޭކަމީ، މިއީ އަޅުގަނޑުމެންގެ ކުޅިވަރަށް ލިބިގެންދާ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. މިކަހަލަ ވަސީލަތްތައް، ބޭނުން ކުރުމުގައި އަމިއްލަ ފަރާތްތަކުގެ އެއްބާރުލުމާ އެހީތެރިކަން، ލިބިގެންދާކަމީ އަޅުގަނޑުމެންގެ މުޅި ކުޅިވަރު ކޮމިއުނިޓީން އެކަމަށްޓަކައި ޝުކުރުވެރިވާކަމެއް. މި ފެސިލިޓީ، ފަރުމާކުރުމުގައި ޗަމްޕާ ހުސެއިން އަފީފް އަދި ކްރައުން ކޮމްޕެނީ މިކަމުގައި އެހީތެރިވެ، އެއްބާރުލުންދީ ވީހާވެސް އަވަހަށް މިތަން ނިންމުމުގައި ހަމަ ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުން އެބަދޭ. އެހެންވެ އަޅުގަނޑު އަމިއްލަ ނަމުގައި އަދި ކުޅިވަރު ކޮމިއުނިޓީ ނަމުގައި ޗަމްޕާ ހުސެއިން އަފީފަށް ޝުކުރުދަންނަވަން"ޒުވާނުން ބާރުވެރިކުރުވުމާ ކުޅިވަރާ ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު
ވަޒީރު ވިދާޅުވީ، ހުޅުމާލެ ފޭސް1 ގައި އެޅިގެންދާ ސްވިމިންގް ޕޫލަކީ މި ސަރަހައްދުގައި އެޅިގެންދާނެ އެންމެ ފެންވަރު ރަނގަޅު އެއް ފެސިލިޓީ ކަމަށެވެ. އެގޮތުން މި ފެސިލިޓީއާއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ބޭނުން ކުރަން ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ސްވިމިންގް ޕޫލު ފެސިލިޓީއާއެކު ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖެ ގެނައުން އެއީ ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށެވެ.
ސްވިމިންގް ޕޫލުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. އަދި މި މަސައްކަތުގެ ބޮޑުބައި އަންނަ ޑިސެމްބަރު މަހުގެ ކުރީކޮޅު ނިމޭނެ ކަމަށް މޯލްޑިވްސް އެކުއެޓިކްސްއިން މައުލޫމާތުދެއެވެ.