ޚަބަރު

އެމްއައިބީ ގެސްޓްހައުސް އެވޯޑު 9 ފަރާތަކަށް


  • ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑު ހާސިލުކުރީ ފުވައްމުލަކު ސިޓީ

  • ކަމަދޫއަށް 3 އެވޯޑެއް

މޯލްޑިވްސް އިސްލާމިކް ބޭންކް އެމްއައިބީއިން އިންތިޒާމުކޮށްގެން ބޭއްވި "އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026" ގެ އެވޯޑުތައް 9 ފަރާތަކަށް ރަސްމީކޮށް ދީފިއެވެ.

މި އެވޯޑަކީ ރާއްޖޭގެ ލޯކަލް ޓޫރިޒަމާއި ގެސްޓްހައުސް ސިނާއަތުގައި ފާހަގަކޮށްލެވޭ ޚިދުމަތްތައް ދެމުން އަންނަ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދިން އެވޯޑެކެވެ.

މި ހަފުލާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކޮށްލެވޭ ގެސްޓްހައުސްތަކަށާއި، ފަރުދުންނަށާއި އަދި ރަށަކަށް ވަނީ އެވޯޑު ދީފައެވެ. އޭގެ ތެރޭގައި 10 ކޮޓަރިއަށް ވުރެ ގިނަ ގެސްޓްހައުސްތަކުގެ ޓިއަރއިން ކަމަދޫއިން ވަނީ ތިން އެވޯޑެއް ހޯދާފައެވެ. އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް" ހާސިލުކުރީ ފުވައްމުލަކު ސިޓީއެވެ.

އެވޯޑު ލިބުނު ފަރާތްތައް:

* ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު ޓިއަރ 1 (10 ކޮޓަރިއަށް ވުރެ މަދު): މި އެވޯޑު ހާސިލުކުރީ ކޮނޑޭ ގާޑަން ވިލާއެވެ. އެވޯޑު ހަވާލުކޮށްދެއްވީ ނޮން-އެގްޒެކެޓިވް ޑިރެކްޓަރ މައުސޫމާ ޔޫސުފެވެ.

* ސާވިސް އެކްސެލެންސް އެންޑް ހޮސްޕިޓާލިޓީ ޓިއަރ 2 (10+ ކޮޓަރި): މި އެވޯޑު ހާސިލުކުރީ އޯޝަން ގްރޭންޑްއެވެ. އެވޯޑު ހަވާލުކޮށްދެއްވީ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ އަޙްމަދު ރިޟާއެވެ.

* އޮތެންޓިކް މޯލްޑިވިއަން އެކްސްޕީރިއަންސް ޓިއަރ 2 (10+ ކޮޓަރި): މި އެވޯޑު ހާސިލުކުރީ ކަމަދޫއިންއެވެ. އެވޯޑު ހަވާލުކޮށްދެއްވީ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ އަޙްމަދު ރިޟާއެވެ.

* އައިލެންޑް އެކްސްކަރޝަންސް އެންޑް އެކްސްޕީރިއަންސަސް ޓިއަރ 2 (10+ ކޮޓަރި): މި އެވޯޑު ހާސިލުކުރީ ކަމަދޫއިންއެވެ. އެވޯޑު ހަވާލުކޮށްދެއްވީ ކޮމްޕެނީ ސެކްރެޓަރީ ޙުސައިން ޢަލީ ޙަބީބެވެ.

* ކިއުލިނަރީ އެކްސްޕީރިއަންސް ޓިއަރ 2 (10+ ކޮޓަރި): މި އެވޯޑު ހާސިލުކުރީ ބްލިސް ދިގުރަށެވެ. އެވޯޑު ހަވާލުކޮށްދެއްވީ ޗީފް ކްރެޑިޓް އޮފިސަރ ފާތިމަތު އަޒްމަތު ޢަލީއެވެ.

* އީކޯ-ފްރެންޑްލީ ޓިއަރ 2 (10+ ކޮޓަރި): މި އެވޯޑު ހާސިލުކުރީ ކަމަދޫއިންއެވެ. އެވޯޑު ހަވާލުކޮށްދެއްވީ ޗީފް ފައިނޭންޝަލް އޮފިސަރ ޢަލީ ވާސިފެވެ.

* ކޮމިއުނިޓީ އިމްޕެކްޓް ޓިއަރ 2 (10+ ކޮޓަރި): މި އެވޯޑު ހާސިލުކުރީ ސްވަރން ބައި ހޯކްސްއެވެ. އެވޯޑު ހަވާލުކޮށްދެއްވީ ޗީފް ފައިނޭންޝަލް އޮފިސަރ ޢަލީ ވާސިފެވެ.

* އައުޓްސްޓޭންޑިންގ ޑައިވް މާސްޓަރ (ފަރުދީ އެވޯޑު): މި އެވޯޑު ހާސިލުކުރީ މުޙައްމަދު ޝަމޫން އަމީން އެވެ. އެވޯޑު ހަވާލުކޮށްދެއްވީ ނޮން-އެގްޒެކެޓިވް އިންޑިޕެންޑެންޓް ޑިރެކްޓަރ އިޔާޒް ވަހީދެވެ.

* ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް: މި އެވޯޑު ހާސިލުކުރީ ފުވައްމުލަކު ސިޓީއެވެ. އެވޯޑު ހަވާލުކޮށްދެއްވީ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ މުފައްޟަލް އިދްރީސް ޚުމްރީއެވެ.

ގެސްޓްހައުސް ސިނާއަތަކީ މިވަގުތު ރާއްޖޭގައި ކުރިއަރަމުން އަންނަ ދާއިރާއެކެވެ. މިވަގުތައް ބަލާލާއިރުވެސް ރާއްޖޭގައި 931 ގެސްޓްހައުސްއެއް އަންނަނީ އޮޕަރޭޓްކުރަމުންނެވެ. މި ތަންތަނުގެ ބެޑް ކެޕޭސިޓީ 16،000 އިން މައްޗަށް އަރައެވެ. އަދި މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން %21.8 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ.