ޚަބަރު

ލިޔުންތެރިކަމުގެ ފަންނު ކުރިއަރުވަން ހުރި ގޮންޖެހުންތަކާމެދު މަޝްވަރާކޮށްފި


  • ބައްދަލުވުމަކީ ބޭއްވީ ފަންނާ ބެހޭ ވުޒާރާއިން

  • ދާއިރާގެ ކުރިއެރުމަށް ކުރެވޭނެ ކަންކަމަށް މަޝްވަރާކުރި

  • ޒުވާނުންގެ ޝަޢުގުވެރިކަން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރި

ލިޔުންތެރިކަމުގެ ފަންނު ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު، ދިވެހި ލިޔުންތެރިންނާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފިއެވެ.

ބައްދަލުވުން ކުރިއަށް ދިޔައީ، ވުޒާރާގެ "އިސްވަރު" ހޯލުގައި އިއްޔެއެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤުޞަދަކީ، ލިޔުންތެރިކަމަކީ ވުޒާރާގެ މަސައްކަތްތަކުގެ ތެރެއިން މުހިންމު ދާއިރާއެއްކަމަށްވާތީ، ލިޔުންތެރިކަމުގެ ދާއިރާ މިހާރު އޮތް ހާލަތާއި، ލިޔުންތެރިންނަށް ދިމާވާ މައްސަލަތަކާއި، އެ ކަންކަން ހައްލުކުރުމަށް ބޭނުންވާ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުންކަމަށް ފަންނާއި ސަޤާފަތާ ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ލިޔުންތެރިންގެ ހުރި ކަންބޮޑުވުންތަކާއި ދަތިތަކާއި ޚިޔާލުތައް އަޑުއައްސަވައި، އެ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވައި، މި ދާއިރާގެ މިހާރުގެ ހާލަތު އިތުރަށް ރަނގަޅު ކުރެއްވުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ދިވެހިބަހުގެ އެކަޑަމީގެ ރައީސް ޙަސަން ޝާކިރު މުޙައްމަދާއި، ހާޟިރުވެވަޑައިގެން ތިއްބެވި ބައެއް ލިޔުންތެރިން ވަނީ ލިޔުންތެރިކަމުގައި މިހާރު ހުރި ގޮންޖެހުންތަކާއި، ޒުވާން ޖީލު ލިޔުންތެރިކަމަށް ޝައުޤުވެރިކުރުވޭނެ ބައެއް ކަންކަމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވާފައެވެ.

ލިޔުންތެރިންގެ ޚިޔާލަށް ހުށަހެޅުއްވުމުން ބައެއް ލިޔުންތެރިން ވަނީ އެބޭފުޅުންގެ ކަންބޮޑުވުންތަކާއި، މިހާރަށްވުރެ އިތުރަށް ލިޔުންތެރިކަން ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުވުމުގައި މި ދާއިރާއަށް އަލަށް ވަންނަމުންދާ ޒުވާނުންވެސް ބައިވެރިވިއެވެ. އަދި މި ދާއިރާއަށް ޒުވާނުން ވަނުމުގެ ބޭނުންތެރިކަމާ ގުޅޭގޮތުން ރާއްޖޭގައި މި ދާއިރާގައި ދުވަސްވީ ތަޖުރިބާކާރު ލިޔުންތެރިން ކަމުގައިވާ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ޢަބްދުއްރަޝީދު ޙުސައިންއާއި، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމްގެ އިތުރުންވެސް ބައެއް ލިޔުންތެރިން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުވުމުގެ ތެރެއިން ވަނީ، އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން ލިޔުއްވާފައިވާ ދެ ފޮތްކަމަށްވާ "އިސްލާމީ ސާސްތުރައިގެ ބައެއް މަލަ" މި ފޮތާއި، މަރުޙޫމް އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ ހަނދާނުގައި ލިޔުއްވާފައިވާ "ޙަމީދުގެ ހަނދާނުގައި" މި ދެ ފޮތް ވަޒީރު ހީނާ ވަލީދަށް އަރުވާފައެވެ.