ރާއްޖޭގެ ކުންފުނިތަކުން މިސްކިތްތަކަށް އެހީތެރިކަން ފޯރުކޮށްދީ، ޢަމަލީ ގޮތުން އެކަން ތަންފީޒުކުރާ މަންޒަރު ފެނުމަކީ ރާއްޖޭގައި ހެދިބޮޑުވާ ޖީލުތަކުގެ ހިތުގައި މިސްކިތްތަކަށް އޮންނަ ޤަދަރު އުފުލޭނެ ކަމެއްކަމަށް، އިސްލާމީ ކަންތައްތަކާ އައުޤާފާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމު ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ އާއި އުރީދޫ މޯލްޑިވްސް ގުޅިގެން، ރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
"އުރީދޫ މަސްޖިދުނާ"އަކީ، ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މިސްކިތްތައް މަރާމާތުކުރުމަށާއި، އެ ތަންތަނުގެ ހާލަތު ރަނގަޅުކުރުމަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައި، އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
ވަޒީރު ވިދަޅުވީ މިފަދަ މުހިންމު ކަމެއް އުރީދޫއިން ފެށުމުން އުފާކުރައްވާ ކަމަށެވެ. އުރީދޫ އިން މިފަދަ ކަންކަމަށް އަބަދުވެސް އެއްބާރުލުން ދެއްވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމަކީ ދީނީގޮތުން ބަލާއިރު މަތިވެރި މަޤާމެއް އެކަމަށް ދެވިފައިވާ ކަމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިސްކިތް ފަންޑާއި، ފޯނު މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުން ފެށުމާއި، މުސްޙަފު މާލްދީބު ކުރިއަށްގެންދިއުން ފަދަ ޤައުމީ މަސައްކަތްތަކުގައި އެ ކުންފުނިން އަދާކުރި މުހިންމު ދައުރު ފާހަގަކުރައްވާ އެކަމަށްޓަކާ ވަޒީރުވަނީ އުރީދޫއަށް ޝުކުރު އަދާކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ ކުންފުނިތަކުން މިފަދަ ކަންކަމުގައި ހަރަކާތްތެރިވުމަކީ ޖީލުތަކަށް އޭގެ ހެޔޮ އަސަރު ކުރާކަމެއްކަށެވެ.
"މިސްކިތުގެ ކުނިކޮޅު ބޭރުކޮށްލުމަކީވެސް ވަރަށް ސަވާބު ލިބޭނެ ކަމެއް. މިކަން ކުރިއަށް ދާނީ އިރީދޫއާ ކައުންސިލާ ގުޅިގެން." އިސްލާމީ ކަންތައްތަކާ އައުޤާފާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމު ވިދާޅުވިއެވެ.
އުރީދޫގެ ސީއީއޯ ގަވަސްމީ ވިދާޅުވީ އުރީދޫގެ މަސްޖިދުނާގެ މަސައްކަތަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށެވެ. އުރީދޫއިން އަބަދުވެސް މަސައްކަތްކުރަނީ މިފަދަ މަސައްކަތްތަކުގައި ވީހާވެސް ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވުމަށްކަމަށް ސީއީއޯ ވިދާޅުވިއެވެ. އަދި ރާއްޖޭގެ މުޖުތަމަޢު އާއި ގުޅުން ހުރި ކަންކަމުގައި ދިވެހިންނާއި ގުޅިގެން މަސައްކަތްކުރުމަށް އެ ކުންފުނިން އަބަދުވެސް ޝައުގުވެރިވާކަން ސީއީއޯ ފާހަގަކުރެއްވިއެވެ.
"އުރީދޫ މަސްޖިދުނާ"ގެ ދަށުން، ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފަސް މިސްކިތެއް މަރާމާތުކުރުމަށް ހަމަޖެހިފައިވެއވެެ. އަދި އެ މި މަސައްކަތްތައް ނިންމުމަށް ހަމަޖެހިފައިވަނީ ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހުގެ ކުރިންނެވެ.
"އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވްއަކީ، ރާއްޖޭގެ އިސްލާމީ އުމްރާނީ ތަރައްޤީ ކުރިއެރުވުމުގައި ސަރުކާރާއި އަމިއްލަ ކުންފުނިތަކާ ގުޅިގެން ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް މިނިސްޓްރީން ކުރަމުންދާ ދެމެހެއްޓެނިވި މުހިންމު މަސައްކަތްތެއްކަން އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވުޒާރާއިން ހާމަކުރައްވައެވެ.