ގަސްގަހާގެހި ހެއްދުމުގައި ޞިއްޙީގޮތުން ރައްކާތެރި ހަމަތައް ހިފެހެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.
އެކަަމަނާ މިކަމަށް އިލްތިމާސްކުރެއްވީ މިއަދޔު ފާހަގަކުރާ ޤައުމީ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު މި ޒަމާނުގެ ދަނޑުވެރިކަމަކީ ކުދި ޖާގަތަކުގައި ބޮޑު މަންފާއެއް ލިބޭނެހެން ކުރިއެރުވޭނެ މަސައްކަތެއް ކަމަށެވެ.
ކޮންމެ ގެއަކާއި ގޯއްޗެއްތެރޭވެސް ދަނޑުވެރިކަމުގެ މަސައްކަތެއް ކުރުމަކީ، ފެހިކަން އިތުރުވެ، ވައި ސާފުވެ، ރަނގަޅު ކާނާ ހޯދުމަށް ފަހި ކުރެވިދާނެ ފުރުޞަތެއްކަން ފަސްޓް ލޭޑީ ވަނީ ފާހަގަކުރައްވާފައެވެ.
ދަނޑުވެރީންގެ ދުވަހުގެ ތަހުނިޔާ، ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ޚިދުމަތްތެރީންނަށް އެކަމަނާ އަރިސްކުކުރައްވާފައިވަނީ ކޮންމެ ދިވެއްސަކީވެސް ގަސްއިންދާ ހެއްދުމަށް ޝައުގުވެރި ރައްޔިތަކަށް ވުމަށް އިލްތިމާސްކުރަމުންނެވެ.
ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު މި ޒަމާނުގެ ދަނޑުވެރިކަމަކީ ކުދި ޖާގަތަކުގައި ބޮޑު މަންފާއެއް ލިބޭނެހެން ކުރިއެރުވޭނެ މަސައްކަތެއް. ކޮންމެ ގެއަކާއި ގޯއްޗެއްތެރޭވެސް ދަނޑުވެރިކަމުގެ މަސައްކަތެއް ކުރުމަކީ، ފެހިކަން އިތުރުވެ، ވައި ސާފުވެ، ރަނގަޅު ކާނާ ހޯދުމަށް ފަހި ކުރެވިދާނެ ފުރުޞަތެއް.
— First Lady Sajidha Mohamed (@sajidhaamohamed) October 15, 2026
ދަނޑުވެރީންގެ ދުވަހުގެ ތަހުނިޔާ، މި ދާއިރާގެ ހުރިހާ ޚިދުމަތްތެރީންނަށް މި އަރިސްކުރަނީ، ކޮންމެ ދިވެއްސަކީވެސް ގަސްއިންދާ ހެއްދުމަށް ޝައުގުވެރި ރައްޔިތަކަށް ވުމަށް އިލްތިމާސްކުރަމުން. ގަސްގަހާގެހި ހެއްދުމުގައި ޞިއްޙީގޮތުން ރައްކާތެރި ހަމަތައް ހިފެހެއްޓެވުމަށް ހަނދުމަފުޅުކޮށް އަރުވަމުން.
ދަނޑުވެރިން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 10 ވަނަ ދުވަހަކީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ހަމަޖެއްސެވިއެވެ.
2020 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 11 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ދަނޑުވެރިންނާއި ދަނޑުވެރިން އުފައްދާ ތަކެއްޗާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ތަފާތު ޙަރަކާތްތައް ހިންގުމަށް މަގުފަހިކުރުމުގެ ގޮތުން، ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ، ދުނިޔޭގެ ކާބޯތަކެތީގެ ދުވަސްކަމުގައިވާ އޮކްޓޫބަރުމަހުގެ 16 ވަނަ ދުވަހާއި ގުޅޭގޮތަށް ދަނޑުވެރިންގެ ދުވަސް ފާހަގަކުރެއްވުމަކީ މުހިންމު ކަމެއްކަމަށް ފެންނާތީ، 2020 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހަކީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ވަޒީރުންގެ މަޖިލީހުން ލަފާއެރުވިއެވެ. އެ ލަފަޔާ އެއްގޮތަށް އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރައްވާގޮތަށް ވަނީ ކަނޑައަޅުއްވާފައެވެ.