މުޅިން އަލަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެ، ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރަމުން އަންނަ ގައްދޫ ރެކްރިއޭޝަން ކުލަބާއި ދިއްދޫ ސްޕޯޓްސް ކުލަބަށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މެމްބަރުކަން ދޭން ނިންމައިފިއެވެ.
އެފްއޭއެމްގެ މެމްބަރު ކުލަބުތަކުގެ ތެރޭގައި ހިމެނެނީ ފުރަތަމަ ޑިވިޝަނުގައި ހިމެނޭ ކުލަބުތަކުގެ އިތުރުން ދެވަނަ ޑިވިޝަނުގެ 13 ކުލަބެވެ.
އެހެންނަމަވެސް ރަސްމީ ސިފައެއްގައި ދިއްދޫ ސްޕޯޓްސް ކުލަބަށް އަދި ގައްދޫ ރެކްރިއޭޝަނަކީ އެފްއޭއެމްގެ މެމްބަރު ކުލަބުތަކެއްގެ ގޮތުގައި ހަމަޖައްސައި އެކަން އިއުލާނުކުރާނީ މިރޭ ބާއްވާ އެފްއޭއެމްގެ ޙާއްސަ ކޮންގްރެސްގެ ތެރެއިންކަމަށް "ޕީއެސްއެމް ނިއުސް" އަށް ވަނީ މައުލޫމާތު ލިބިފައެވެ.
މުޅިން އަލަށް ދިވެހި ލީގަށް ދެން ޕްރޮމޯޓުވި ބިސްބުރު ސްޕޯޓްސް ކުލަބަކީ މިހާރުވެސް އެފްއޭއެމްގެ މެމްބަރު ކުލަބެކެވެ. އެ ކުލަބަށް މެމްބަރުކަން ލިބިފައިވަނީ ދެވަނަ ޑިވިޝަނުގެ ކުލަބެއްގެ ގޮތުގައި އޮއްވައެވެ.
މި ކޮންގްރެސް ފަށާނީ މިރޭ 20:45 ގައެވެ.
މެމްބަރު ކުލަބެއްގެ ހައިސިއްޔަތުން ދިއްދޫ އަދި ގައްދޫއަށް، އެފްއޭއެމްގެ ހިންގުމުގެ ކަންކަމުގައި ބަސްބުނެ، ވޯޓު ލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ އެފްއޭއެމް އިން ދިވެހި ލީގުގެ ފޯމެޓަށް ގެނައި ބަދަލާއެކު އަތޮޅު ތެރޭގެ ޓީމުތަކަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިން ފަހުން، އެ ފޯމެޓުގެ ދަށުން އެފްއޭއެމްގެ މެމްބަރުކަން ލިބިގެންދާ ފުރަތަމަ ދެކުލަބެވެ.
މި ކޮންގްރެސްގައި ދެ ކުލަބަކަށް މެމްބަރުކަން ދިނުމުގެ އިތުރުން، އެފްއޭއެމްގެ ކޮމިޓީތަކަށް މެމްބަރުން އައްޔަންކުރުން ވެސް އޮންނާނެއެވެ. އެފްއޭއެމް އިން މިދިޔަ ޖުލައި މަހު ބޭއްވި ކޮންގްރެސްގައި ވަނީ، ތިން މަސް ދުވަހުގެ ތެރޭގައި އެ އެސޯސިއޭޝަންގެ ކޮމިޓީތަކަށް މެމްބަރުން ހޮވުމަށް ނިންމާފައެވެ. އެ މުއްދަތު ހަމަވާނީ މި މަހުގެ 25ވަނަ ދުވަހުގެ ނިޔަލަށެވެ.
މަޑުޖެހި، ވަޅުޖެހެމުންދިޔަ ދިވެހި ފުޓުބޯޅަ އަލުން ކޮޅަށްޖަހައި، މި ކުޅިވަރު އޭގެ އަސްލު މަގާމަށް ވާސިލްކުރުމަށްޓަކައި އެފްއޭއެމްގެ އައު ޒައާމަތުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ މަސައްކަތްތަކުގެ ދަށުން އެތެރޭގެ ހިންގުން ދެފުށްފެންނަ ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދެވޭނެ މަގު އެ އެސޯސިއޭޝަނުން ވަނީ ފަހިކޮށްފައެވެ.
މީގެއިތުރުން، ދިވެހި ފުޓުބޯޅައިގައި އަތޮޅުތެރޭގެ ޓީމުތަކުގެ ބައިވެރިވުން އިތުރުކުރުމުގެ މަސައްކަތް ވެސް އެ އެސޯސިއޭޝަނުން އަންނަނީ ކުރަމުންނެވެ. އެގޮތުން ނިންމި އެއް ނިންމުމަކީ، އެފްއޭއެމްގެ ރީޖަނަލް އެސޯސިއޭޝަންތަކެއް ހަތަރު އަތޮޅެއްގައި ގާއިމްކުރުމަށް ނިންމުމެވެ.