އިންގްލިޝް ޕްރިމިއަރ ލީގުން މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް އުފުލާފައިވާ ދައުވާތަކުން ސަލާމަތްވެ އެޓީމާއި ދެކޮޅަށް ފިޔަވަޅު ނާޅާނެކަމަށް އުންމީދު ކުރާކަމުގައި ޔުއޭފާ ޗެމްޕިއަންސް ލީގުގެ ވޭތުވެދިޔަ ދެސީޒަންގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖަރމެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި މިރޭ ސިޓީ އާއި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. އެންރީކޭ ބުނީ ސިޓީއާއި ދެކޮޅަށް އުފުލި ދައުވާތަށް ސާބިތުވާކަން އެނގުމުން އެންމެ ފުރަތަމަ ލިބުނީ ހައިރާން ކަމެއް ކަމަށެވެ. ނަމަވެސް ސިޓީ އާއި ދެކޮޅަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ކުރިއަށް ގެންދާ މަރުހަލާތަކަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށާއި އަދި އެންމެ ފަހުގެ ނިންމުމަށް މަޑުކުރަން ޖެހޭ ކަމަށެވެ. އަދި މިކަން ކުރަން ބަޔަކު ކަނޑައަޅާފައިއެބަތިބި ކަމަށާއި އެފަރާތްތަކުން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު ގޮތް ނިންމާނެ ކަމަށެވެ.
އެންރީކޭ އިތުރަށް ބުނީ ފުޓްބޯޅައަށް ބަލާ އެއްޗެއް ބުނާނަމަ ބުނާނީ ސިޓީން މިހާތަނަށް ހޯދި ކާމިޔާބީތައް އެޓީމަށް ހައްގު ކަމަށެވެ. އަދި ސިޓީން ކުޅޭ ކުޅުން އޭނާއަށް ވަރަށް ކަމުދާ ކަމަށްވެސް އެންރީކޭ ބުންޏެވެ. އަދި މިރޭ ދަނޑުން ސިޓީގެ ކުރީގެ ކޯޗު އަދި އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ ޕެޕް ގާޑިއޯލާއާ ދިމާވެއްޖެނަމަ އެކަމާއި ގުޅޭގޮތުން ދައްކާނެ މާޚާއްސަ ވާހަކައެއް ނެތް ކަމަށާއި ދެ މީހުންގެ ދެމެދު ދެކެވޭނީ އަމިއްލަ ވާހަކަތައް ކަމަށެވެ. އަދި ދަނޑުމަތިން ކާމިޔާބު ކުރާ މުބާރާތްތައް އެގޮތުގައި ދެމިއޮށްނަން ޖެހޭނެ ކަމަށް ގަބޫލް ކުރާ ކަމަށާއި އަދި އުންމީދަކީ ސިޓީގެ މައްޗަށް ފިޔަވަޅު އެޅިގެން ނުދިއުން ކަމަށެވެ.
ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި ޕީއެސްޖީ އާއި ސިޓީ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖެގަޑިން ދަންވަރު 12 ޖަހާއިރު ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައެވެ. މިއީ ސިޓީ އާއި ދެކޮޅަށް ޕްރިމިއަރ ލީގުން އުފުލި ދައުވާތައް ސާބިތުވާކަމަށް ނިންމި ފަހުން ސިޓީގެ އަމިއްލަ ދަނޑުގައި ކުޅޭ ފުރަތަމަ މެޗެވެ. އަދި ސިޓީއަށް އޮތް ތާއީދު ހާމަކޮށްދިނުމުގެ ގޮތުން އެޓީމުގެ ކުރީގެ ކޯޗު ޕެޕްވެސް މިމެޗު ބަލާލަން ދާނެކަން ވަނީ ހާމަކޮށްފައެވެ. ދައުވާތައް ސާބިތުވާކަމަށް ނިންމި ފަހުން ސިޓީ ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ އާދިއްތަ ދުވަހު ވަނީ ލިވަޕޫލާއި ރަށުން ބޭރުގައި ބައްދަލުކޮށް 3 ލަނޑު ސުން ލަނޑުން މޮޅުވެފައެވެ. މިރޭގެ މެޗަށް ނިކުންނަ އިރު މިދެ ޓީމުވެސް ވަނީ ފުރަތަމަ މެޗު ކާމިޔާބު ކޮށްފައެވެ.