މިހާރު ކުއިރަށްދާ ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ އެތުލީޓުން ބޮޑެތި ކުރިއެރުންތަކަކާއިއެކު ތާރީޚީ ކާމިޔާބީތަކެއް ހޯދައިފިއެވެ.
އިންޑިއާގެ އަޙްމަދުއާބާދުގައި ކުރިއަށްދާ ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕުގައި ރާއްޖެއިން ތިން އެތުލީޓަކު ވާދަކުރެއެވެ.
މީގެތެރެއިން ޙަސަން ޝާޒް މުޙައްމަދު ވަނީ، ހޭބޯލް އިވެންޓުގައި، 2025 ވަނަ އަހަރުގެ ޗެމްޕިއަން، ސައުތު އެފްރިކާގެ ކްރެއިގް ބްރައުވާ ބަލިކޮށް، ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައެވެ. މިއީ ބައިނަލްއަގްވާމީ ފެންވަރުގައި މިވަރުގެ ކާމިޔާބީއެއް، ޕޫލް/ބިލިއާޑުގައި ދިވެއްސަކު ހޯދި ފުރަތަމަ ފަހަރެވެ.
ކުއާޓަރ ފައިނަލާ ހިސާބުން ޝާޒްގެ ދަތުރު ނިމުނު ނަމަވެސް، ޝާޒް ހޯދާފައި ވަނީ ޤައުމު ފަޚުރުވެރިވާފަދަ ތާރީޚީ ކާމިޔާބީއެއްކަމަށް ޕޫލް ބިލިއާޑް އެސޯސިއޭޝަނުން ބުނެއެވެ.
ޝާޒްގެ އިތުރުން، ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ދީނާ އަޙްމަދު ވެސް ވަނީ އަންހެނުންގެ ކުއާޓަރ ފައިނަލުގައި ކުޅެފައެވެ.
މިއީ ރާއްޖޭގެ ޕޫލް/ބިލިއާޑުގައި އަންހެން ކުޅުންތެރިއަކު ބައިނަލްއަޤްވާމީ ސްޓޭޖުގައި މެޗަކުން މޮޅުވި އަދި ކުއާޓަރ ފައިނަލުން ޖާގައެއް ހޯދި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ދީނާ ހޯދައިދިން ކާމިޔާބީއަކީ ޤައުމަށް ލިބުނު ބޮޑު ޝަރަފެއްކަމަށާއި، މި ކުޅިވަރުގައި ޝާމިލުވާ އަދި މި ކުޅިވަރަށް ޝައުގުވެރިވާ އަންހެން އެތުލީޓުންނަށް ދީނާ އަކީ ނަމޫނާއެއް ކަމަށް ޕޫލް ބިލިއާޑް އެސޯސިއޭޝަނުން ބުނެއެވެ.
އިންޑިއާގައި ކުރިއަށްދާ ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕުގައި ކޮމަންވެލުގެ 42 ގައުމަކުން، 144 އެތުލީޓުން ވާދަކުރެއެވެ. އެއީ 72 ފިރިހެން އެތުލީޓުންނާއި 72 އަންހެން އެތުލީޓުންނެވެ.
މި ޗެމްޕިއަންޝިޕުގައި ހޭބޯލްގެ އިތުރުން، ސްނޫކަރ، އިންގްލިޝް ބިލިއާޑްސް، 10 ބޯލް އަދި ބްލެކްބޯލްގެ އިވެންޓުތައް ކުރިއަށް ދިޔައެވެ.