ޚަބަރު

ފަލަސްޠީނުގެ މަޝްހޫރު ނޫސްވެރިޔަކު ބަންދުގައި 46 ދުވަސް


ޔަހޫދީ ދައުލަތުގެ ޖަލެއްގައި ފަލަސްޠީނުގެ މަޝްހޫރު ނޫސްވެރިޔާ، ބުޝްރާ އަލް-ޠަވީލް އެކަހެރިކޮށް ބަންދުކޮށްފައި ބަހައްޓާތާ 46 ދުވަސް ވެފައިވާ ކަމަށް ފަލަސްޠީނުގެ އަސީރުންގެ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމްޢިއްޔާތަކުން ބުނެފިއެވެ.

މިކަން ހާމަކޮށްފައިވަނީ ފަލަސްޠީނިއަން ޕްރިޒަނަރސް ސޮސައިޓީއާއި، ހިއުމަން ރައިޓްސް އެސޯސިއޭޝަން، އަދި ޕަލެސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީ.އެލް.އޯ) ގެ ކޮމިޝަން އޮފް ޑިޓެއިނީސް އެންޑް އެކްސް-ޑިޓެއިނީސް އެފެއާރޒް ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ވާގޮތުން، އުމުރުން 33 އަހަރުގެ ބުޝްރާ ޠަވީލް މިހާރު ވަނީ ޔަހޫދީ ދައުލަތުގެ ދެކުނުގައިވާ، ޤައިދީން އެކަހެރިކޮށް ޚާއްސަ ޖަލަކަށް ބަދަލުކޮށްފައެވެ. އޭނާ އެ ޖަލަށް ބަދަލުކުރީ ޔަހޫދީ ދައުލަތުގެ އުތުރު ހައިފާގައި ހުންނަ ދާމޫން ޖަލުގައި އެކަހެރިކޮށް ބެހެއްޓުމަށްފަހު، މެދުތެރޭގައި ހުންނަ އެހެން ޖަލަށް ގެންގޮސް، އެއަށްފަހުގައެވެ.

އެ ޖަމްޢިއްޔާތަކުން ފާހަގަކުރި ގޮތުގައި، ތަކުރާރުކޮށް އެކި ޖަލުތަކަށް އޭނާ ބަދަލުކުރުމާއި އެކަހެރިކޮށް ބެހެއްޓުމުގެ ސަބަބުން، ޤާނޫނީ ވަކީލުން ތަކުރާރުކޮށް އެދުމުންވެސް، އޭނާއާ ބައްދަލުކުރުމުގެ ފުރުޞަތު ވަނީ ނުލިބިފައެވެ. އަދި ބުދަ ދުވަހުވެސް ވަކީލަށް އެންގީ ޠަވީލް އަނެއްކާވެސް އެހެން ޖަލަކަށް ބަދަލުކޮށްފައިވާ ކަމަށާއި، އެހެންކަމުން ހަމަޖެހިފައިވާ ބައްދަލުވުން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

"ނެލްސަން މަންޑޭލާ ރޫލްސް" ގެ ނަމުގައި މަޝްހޫރުވެފައިވާ އދގެ އުޞޫލުތައް ބަޔާންކުރާ ގޮތުގައި، ދުވާލަކު 22 ގަޑިއިރު ނުވަތަ އެއަށްވުރެ ގިނައިރު އެހެން އިންސާނަކާ މުޢާމަލާތުކުރުމުގެ ފުރުޞަތެއް ނެތި ބެހެއްޓުމަކީ އެކަހެރި ބަންދެކެވެ. އަދި ވިދިވިދިގެން 15 ދުވަހަށްވުރެ ދިގު މުއްދަތަކަށް އެފަދައިން ބެހެއްޓުން ވަނީ މަނާކޮށްފައެވެ. އެހެންކަމުން، ޠަވީލް 46 ދުވަސް ވަންދެން އެކަހެރިކޮށް ބެހެއްޓުމަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށް ފަލަސްޠީނުގެ ޖަމްޢިއްޔާތަކުން ބުނެއެވެ.

މި މައްސަލައިން ހާމަވަނީ ފަލަސްޠީނުގެ އަސީރުން، ޚާއްޞަކޮށް އަންހެނުން އެކަހެރިކުރުމުގެ ސިޔާސަތު ޔަހޫދީން ރޭވުންތެރިކަމާއެކު ފުޅާކުރަމުންދާ ކަމެވެ. މިކަމުގެ ސަބަބުން ބަންދުގައި ތިބޭ މީހުންނަށް ކުރެވޭ ތުހުމަތުތައް ސާފުނުވުމާއި، އަމިއްލަ ދިފާޢުގައި މަސައްކަތް ކުރުމުގެ ޙައްޤު ގެއްލުމުގެ އިތުރުން، ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހޭ ކަމަށްވެސް އެ ޖަމާޢަތްތަކުން ފާހަގަކުރެއެވެ.

ބުޝްރާ ޠަވީލަކީ ޔަހޫދީ ޖަލުތަކުގައި ގިނަ އަހަރުތަކެއް ހޭދަކުރައްވާފައިވާ ޖަމާލް އަލް-ޠަވީލްގެ ދަރިކަނބަލުންނެވެ. މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެއްވެސް ދަޢުވާއަކާ ނުލައި އިދާރީ ބަންދެއްގައި ބަހައްޓާފައިވާ ޠަވީލަކީ، ފަހުގެ ތާރީޚެއްގައި މިފަދަ އަނިޔާވެރި ބަންދަކާ ކުރިމަތިލާންޖެހުނު އެންމެ ފާހަގަކޮށްލެވޭ އެއް އަންހެން އަސީރެވެ.

އެހެންކަމުން، އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައި.ސީ.އާރް.ސީ) ހިމެނޭހެން ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ ޖަމްޢިއްޔާތަކުން އިސްނަގައިގެން، އޭނާ އެކަހެރިކޮށްފައި ބެހެއްޓުން ވަގުތުން ހުއްޓުވައި މިނިވަންކުރުމަށް ފަލަސްޠީނުގެ ޖަމްޢިއްޔާތަކުން ވަނީ ގޮވާލައިފައެވެ.

ޔަހޫދީ ދައުލަތުން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްގައި ޔަހޫދީ ވަޒަންވެރިންގެ ޙަމަލާތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ޔަހޫދީންގެ ނިރުބަވެރި ސިފައިން ދަނީ ފަލަސްޠީނުގެ ރައްޔިތުން ހުއްޓުމެއްނެތި ހައްޔަރުކުރަމުންނެވެ.

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޔަހޫދީ ޖަލުތަކުގައި ފަލަސްޠީނުގެ ގާތްގަނޑަކަށް 9,500 މީހުން ބަންދުކޮށްފައި އެބަތިއްބެވެ. އޭގެ ތެރޭގައި 90 އަންހެނުންނާއި 350 އަށްވުރެ ގިނަ ކުޑަކުދިން ހިމެނޭއިރު، އެ މީހުންނަށް ކާން ނުދިނުމާއި، ޖިސްމާނީ އަނިޔާކުރުމާއި، އަދި ޞިއްޙީ ފަރުވާއިން މަޙްރޫމްކުރުން ފަދަ ލާއިންސާނީ އެތައް ޢަމަލުތަކެއް ޔަހޫދީން ދަނީ ހިންގަމުންނެވެ.