ކޮންމެ އަހަރަކުވެސް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއާއަށް ހުށަހަޅާ މައްސަލަތަކުގެ ތެރޭގައި ކުޑަކުދިންނާ ގުޅުން ހުރި އެކި މައްސަލަތައް ނިސްބަތުން ގިނައެވެ. މީގެ ތެރޭގައި އެކުދިންނަށް ކުރާ އެކި ބާވަތްތަކުގެ އަނިޔާގެ މައްސަލަތަކާއި އެކުދިންގެ ޙައްޤުތައް ނިގުޅައިގަތުން ފަދަ މައްސަލަތައް ހިމެނެއެވެ. މިފަދަ މައްސަލަތައް ހުއްޓުވުމަކީ މިއަދު އަޅުގަނޑުމެންގެ އެންމެންގެ ބޮލުގައި އެޅިފައި އޮތް ޒިންމާއެކެވެ. ސަރުކާރުގެ "ކޮންމެ ކުއްޖަކަށް އާޢިލާއެއް" މި ސިޔާސަތުގެ ދަށުންވެސް ކޮންމެ ކުއްޖަކީވެސް ޢާއިލީ ވެއްޓެއްގެ ހިމާޔަތާއި ލޯތްބާއެކު ބޮޑުވުމުގެ ފުރުސަތު ލިބިފައިވާ ކުއްޖެއްކަން ޔަޤީން ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާގެ ތަފާސް ހީސަބުތައް ދައްކާ ގޮތުގައި މިދިޔަ އޯގަސްޓް މަހުގެ ނިޔަލަށް ކުޑަކުދިންގެ ޚައްޤުތަކާއި ގުޅޭ 04 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރޭގައި ކުދިންނަށް ވެކްސިންނުދިނުމާއި ގުޅޭ މައްސަލައަކާއި ސިއްޙި ފަރުވައަށް ހުރަސްއެޅުމުގެ މައްސަލައަކާއި ކުދިން ސްކޫލަށް ނުފޮނުވުމުގެ މައްސަލައެއްގެ އިތުރުން ތަޢުލީމަށް ހުރަސްއެޅުމުގެ މައްސަލައެއްވެސް ހިމެނެއެވެ.
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކަށް ބަލާއިރު އޯގަސްޓްމަހުގެ ނިޔަލަށް އެފަދަ 91 މައްސަލައެއް ހުށަހަޅާފައިވެއެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލައެވެ. އެގޮތުން މި ބާވަތުގެ 32 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ. މީގެ ތެރޭގައި ޖިންސީ ހާނިއްކައިގެ 20 މައްސަލަ ހިމެނޭއިރު ޖިސްމާނީ ހާނިއްކައިގެ 13 މައްސަލައެއް ހިމެނެއެވެ. މި ތަފާސްހިސާބުތަކަށް ބަލާއިރު މިއީ ކަންބޮޑުވާންޖެހޭ އަދި މިކަމަށް ދާއިމީ ނިމުން ގެންނަން ޖެހޭ މައްސަލަތަކެކެވެ. އާޢިލާގެ ތެރެއިންނާއި މުޖުތަމަޢުގެ އެކި ހިސާބުތަކަށް ޅަ އުމުރުގައި އެކުދިންނަށް ލިބެމުންދާ އަނިޔާތައް އެ ކުއްޖާގެ މުޅި ހަޔާތުގައިވެސް ދެމިހުރެއެވެ.
ކުޑަކުދިންގެ ޙައްޤުތައް ކަށަވަރު ކުރުމަށްޓަކައި ކުރާ މަސައްކަތްތައް ހަރުދަނާ ކުރުމުގެ ގޮތުން ބައިނަލްއަޤްވާމީ އެކި މުޢާހަދާތަކުގައި ރާއްޖެއިންވެސް ބައިވެރިވެފައިވެއެވެ. ދާދިފަހުން ވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވުމަށާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ނިޒާމު ވަރުގަދަކޮށް، ކުޑަކުދިންނަށް އަނިޔާ ކޮށްގެން ހުށަހަޅާ މައްސަލަތަކަށް އިޖާބަދިނުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކާއި އަދި ގައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަޤުސަދުގައި އެކުލަވާލައިފައިވާ "ބޮގޯޓާ ކޯލް ޓު އެކްޝަން" ޤަރާރުގައި ވެސް ސޮއިކޮށްފައެވެ. ބައިނަލްއަޤްވާމީ މުޢާހަދާ ތަކުގައި ސޮއިކުރުމުގެ އިތުރުން ޤައުމީ ފެންވަރުގައިވެސް އަންނަނީ މަސައްކަތްތައް ކުރަމުންނެވެ.
އަނިޔާގެ ޝިކާރައަކަށްވާ ކުދިން ދަޢުލަތުގެ ބެލުމުގެ ދަށަށް ނެގުމާއި ކޮންމެ ކުއްޖަކަށްވެސް އާއިލޭއެއް ފޯރުކޮށްދިނުމަށްޓަކައި ވަގުތީ ފޯސްޓަރ ނިޒާމެއްވެސް ވަނީ އެކުލަވާލާފައެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޒީނާޒް އަދުނާން ވިދާޅުވީ "ކޮންމެ ކުއްޖަކަށް އާއިލާއެއް"
މި ޕްލެޖްގެ ދަށުން ސިޔާސަތުތައް ކަނޑައަޅާ ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. ޓެމްޕަރަރީ ފޮސްޓަރިން"ގެ ނަމުގައި އެކަމުގައި ލުއިގޮތްތަކެއް ހަމަޖައްސާފައިވާއިރު ކުދިން ފޮސްޓަރކުރާ އާއިލާތަކުގެ ތެރެއިން މާލީގޮތުން ދަތިކަން ހުރި އާއިލާތަކަށް ދައުލަތުގެ ތެރެއިން ކުއްޖަކަށް 5000 ރުފިޔާ މަހަކު ލިބޭގޮތަށް ޚާއްސަ އެލަވަންސްއެއް ދޭންފަށާފައިވާކަން ޒީނާން ވިދާޅުވިއެވެ. ޒީނާން ވަނީ ފޯސްޓަރ ކުރާ މީހުންގެ އަދަދުވެސް މިހާރު އިތުރުވަމުންދާކަން ފާހަގަކުރައްވާ ކުދިން އާޢިލާތަކަށް ހަވާލުކުރިނަމަވެސް މޮނިޓަރ ކުރަމުންދާނެކަމަށް ވިދާޅުވެފައެވެ.
"ރާއްޖޭގެ ހުރިހާ އިބަމަ ތަކާއެކު މިމަހުގެ ތެރޭގައި އިބަމަ ކޮންފަރެންސެއް ބާއްވަން. މައިގަނޑު ބޭނުމަކީ މަސައްކަތްތައް ހަރުދަނާ ކޮށް، ސޯޝަލް ޕްރޮޓެކްޝަންގެ ނިޒާން ހަރުދަނާ ކުރުން. މި ނިޒާމްގެ ތެރެއިން ކުޑަކުދިންނަށް ކުރާ އަނިޔާތައް، ނުވަތަ އެކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތް ޑީސެންޓްރަލައިޒްގެ ތެރެއިން ހައްލުކުރުމަށް މަސައްކަތްތައް ކުރެވިގެންދާނެ." ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޒީނާޒް އަދުނާން ވިދާޅުވިއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން، އެ ކުއްޖާގެ ޢާއިލާ ނޫން އެހެން ފަރާތްތަކާއި ހަވާލުކުރުމުގެ ނިޒާމު ނުވަތަ ފޯސްޓަރކުރުމުގެ ނިޒާމުގެ ތެރެއިން 18 އަހަރު ނުފުރޭ ކޮންމެ ކުއްޖަކުވެސް ފޮސްޓަރކުރެވިދާނެއެވެ. އަދި މި ނިޒާމުގެ ތެރެއިން ވަގުތީގޮތުން އެންމެ ގިނަވެގެން ކުއްޖާ ހަވާލުކުރެވޭނީ 2 އަހަރަށެވެ. ވަގުތީގޮތުން ކުއްޖާއާ ހަވާލުވިނަމަވެސް، ދާއިމީގޮތުން ޤާނޫނީ ބެލެނިވެރިކަމަށް އެދުމުގެ އިޚްތިޔާރު ފޮސްޓަރކުރާ ފަރާތަށް ލިބެއެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން މިއހަރުގެ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ ޖުމްލަ 151 ކުދިންނެވެ. އޭގެ ތެރޭގައި ހިމެނެނީ 89 ފިރިހެން ކުދިންނާއި 62 އަންހެން ކުދިންނެވެ. ހަމައެހެންމެ، އޮގަސްޓް މަހު ދައުލަތުގެ ބެލުމުގެ ދަށުގައިވާ 2 ކުއްޖަކު ފޮސްޓަރިން ޢާއިލާތަކާއި ހަވާލުކޮށްފައިވެއެވެ. އަދި 2 ކުއްޖަކު ޢާއިލާތަކާއި ރީއިންޓިގްރޭޓްވެސް ވަނީ ކޮށްފައެވެ.