ބޭޒްވޯޓާ މޯލްޑިވްސް ޓެނިސް ޗެމްޕިއަންޝިޕްގެ ޖޫނިއާ އޯޕަން ސިންގަލްސްގެ ފިރިހެން ޗެމްޕިއަންކަން އިބްރާހިމް ޒަފަޔާން މުހައްމަދު ސަލާމް ހޯދައިފިއެވެ.
ޒަފަޔާން ޗެމްޕިއަންކަން ހޯދި ފައިނަލުގައި މުހައްމަދު ނޫހް ނަޒިހްގެ މައްޗަށް ސީދާ ދެ ސެޓުން ކުރި ހޯދައިގެންނެވެ. މި މެޗުގެ ސެޓުތައް ޒަފަޔާން ނެގީ 06-01 އަދި 06-03 އިންނެވެ.
މުބާރާތުގައި ބުރާސްފަތި ދުވަހު ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ފިރިހެނުންގެ އޯޕަން ޑަބަލްސް ޗެމްޕިއަންކަން ޢަބްދުﷲ ފާއިހް ފަޒީލްއާއި އަހްމަދު ސާއީ ވަހީދުގެ ޕެއާވަނީ ހޯދާފައެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗު ފާއިހް އަދި ސާއީގެ ޕެއާ ކާމިޔާބުކުރީ ނޫހް ނާޒިހް އަދި ހުސައިން ނާޒިފްގެ ޕެއާގެ މައްޗަށް 07-05 އަދި 07-06 އިން ކުރި ހޯދައިގެންނެވެ.
މާލޭ ޓެނިސް ކޯޓުގައި ކުރިއަށްދާ މިމުބާރާތުގެ 14 އަހަރުންދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ޔޫސުފް ޒާއިން މުހައްމަދު ސަލާމްއެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އަލްސްނަ ސާމީ މުހައްމަދު 07-05 އަދި 06-03 އިން ބަލިކޮށްގެންނެވެ.
މުބާރާތުގެ 12 އަހަރުންދަށުގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދީ ލަޔާރާ އުސާމާ އަލީއެވެ. ފައިނަލުގައި ލަޔާރާ މަލަކާ މުހައްމަދު އަލީ ބަލިކުރީ ފަސޭހަކަމާއެކު 06-01 އަދި 06-04 އިންނެވެ. މިއުމުރުފުރާގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ރައިން ނިޒާއީއެވެ. ރައިން ފައިނަލުގައި އަހްމަދު ހޫދް ނާޒިހް ބަލިކުރީ ދެ ސެޓު އެއް ސެޓުންނެވެ. މިމެޗުގެ ފުރަތަމަ ސެޓު 06-02 އިން ހޫދް ކާމިޔާބުކޮށްފަވަނިކޮށް، ރައިންވަނީ ފަހު ދެ ސެޓު 06-04 އަދި 10-06 އިން ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން 7 އަހަރުންދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން ޖޫލިއަން ނާޝިޒް ބޮންޑައިވަނީ ހޯދާފައެވެ. ޖޫލިއަން ޗެމްޕިއަންކަން ހޯދީ ރަފައެލް ދާނިޝް އަމީންގެ މައްޗަށް 08-07 އިން ކުރި ހޯދައިގެންނެވެ.
މުޅިން އަލަށް ބާއްވާ ބޭޒްވޯޓާ މޯލްޑިވްސް ޓެނިސް ޗެމްޕިއަންޝިޕްގައި 11 ކެޓަގަރީއަކުން 110 ކުޅުންތެރިންވަނީ ބައިވެރިވެފައެވެ.