އިޓަލީގެ އެޓްނާ އަލިފާންފަރުބަދައިން އަޅިއާއި ދުން ބޭރުވާން ފެށުމާ ގުޅިގެން، ސިސިލީގެ ކަޓާނިއާ އެއާޕޯޓުގެ ވައިގެ ދަތުރުފަތުރުތައް އާދީއްތަ ދުވަހުގެ ނިޔަލަށް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.
އިޓަލީގެ ސިސިލީގައި ހުންނަ އެޓްނާ އަލިފާންފަރުބަދައިގެ އުތުރުއިރުމަތީ ކްރޭޓަރުން ބޭރުވި އަޅިއާއި ދުންގަނޑު، ވައިގެ ތެރެއަށް 4 ކިލޯމީޓަރު (2.5 މޭލު) އުހަށް ފެތުރިގެން ދިޔުމާ ގުޅިގެން، ކަޓާނިއާ އެއާޕޯޓުގެ ފްލައިޓުތައް ވަނީ މެދުކަނޑާލާފައެވެ.
އިޓަލީގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޖިއޯފިޒިކްސް އެންޑް ވޮލްކަނޮލޮޖީ (އައިއެންޖީވީ) އިން ވައިގެ ދަތުރުފަތުރަށް ދޭ އިންޒާރުގެ ދަރަޖަ "ރެޑް އެލާޓް" އަށް މަތިކުރުމާ ގުޅިގެން، ކަމާބެހޭ އިދާރާތަކުން ވަނީ އެއާޕޯޓުގެ ވައިގެ ސަރަޙައްދުގެ "ސެކްޓަރ ސީ1" ބަންދުކޮށްފައެވެ. އިޓަލީގެ ފަސްވަނައަށް އެންމެ ބާރުބޮޑު މި އެއާޕޯޓަށް އައުމަށް ހަމަޖެހިފައިވާ ހުރިހާ ފްލައިޓުތަކެއް ވަނީ، އާދީއްތަ ދުވަހަށް ފަސްކޮށްފައެވެ.
އެއާޕޯޓު އެއްކޮށް ބަންދުކުރުމުގެ ކުރިން، ކަޓާނިއާއަށް ޖައްސަން ދަތުރުކުރި މަދުވެގެން 10 ފްލައިޓެއް ވަނީ ސިސިލީގެ އެހެން އެއާޕޯޓުތައް ކަމަށްވާ ޕަލޭރްމޯ، ޓްރަޕާނީ، އަދި ކޮމީސޯ އެއާޕޯޓަށް ބަދަލުކޮއްފައެވެ. މީގެ އިތުރުން، ރޭގަނޑުގެ ވަގުތުގައި ބޯކޮށް ވާރޭވެހި، ގުގުރުމުގެ ސަބަބުން ކުރިމަތިވި ހާލަތުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ވަނީ އިތުރު ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.
ވިލާތުގެ އެންމެ އުސް އަދި އެންމެ ނުރައްކާތެރި އެއް އަލިފާންފަރުބަދަ ކަމަށްވާ މައުންޓް އެޓްނާގެ ހަރަކާތްތަކާ ގުޅިގެން، ކަޓާނިއާ އެއާޕޯޓުގެ ދަތުރުތަކަށް ދޭތެރެދޭތެރެއިން ބުރޫއަރައެވެ. އެހެންނަމަވެސް، މި އަހަރުގެ ހޫނުމޫސުމުގައި މި ހަރަކާތްތައް އިތުރުވެ، ޖޫން، އޮގަސްޓް އަދި ސެޕްޓެމްބަރު މަހުވެސް އެއާޕޯޓު ބަންދުކުރަން ޖެހުމުގެ ސަބަބުން، ޗުއްޓީ ދުވަސްވަރު ދަތުރުކުރި އެތައް ހާސް ފަސިންޖަރުންނަކަށް ވަނީ ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިފައެވެ. މިފަދަ ހާލަތްތަކުގައި ދަތުރުވެރިންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި، ދާއިމީ އަދި ހަރުދަނާ
އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އެކުލަވާލުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ބާރުއަޅަމުންނެވެ.