ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވައި ސުލްޙަ ޤާއިމުކުރުމަށްޓަކައި، އެމެރިކާއާއި ރަޝިއާ އަދި ޔޫކްރެއިން ބައިވެރިވާ ޚާއްޞަ ބައްދަލުވުމެއް ޔުނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ބޭއްވުމަށް އެމެރިކާއިން ހުށަހަޅައިފިއެވެ.
ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވި ގޮތުގައި، ދިގުލައިގެން ގޮސްފައިވާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ފަންނީ ފެންވަރުގެ ތިންފަރާތުގެ ބައްދަލުވުމެއް ބޭއްވުމަށް އެމެރިކާއިން ވަނީ ހުށަހަޅާފައެވެ. މިއީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިއާއިން ޔޫކްރެއިންގައި ފެށި ހަނގުރާމައަށް ސުލްޙަވެރި ޙައްލެއް ހޯދުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މަސައްކަތެކެވެ.
ޒެލެންސްކީ ފާހަގަކުރެއްވި ގޮތުގައި، މި ބައްދަލުވުން ޔޫއޭއީގައި ބޭއްވުމަށް އެމެރިކާއިން ހުށަހަޅާފައިވާއިރު، ބައްދަލުވުން އޮންނާނެ ސީދާ ތާރީޚެއް ކަނޑައެޅުމަށް އެމެރިކާގެ ނިންމުމަކަށް މިހާރު އަންނަނީ އިންތިޒާރު ކުރެވެމުންނެވެ.
ނިއުޔޯކްގައި ބޭއްވުނު އދ. ގެ ޢާންމު މަޖިލީހުގައި، ޒެލެންސްކީ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވައި، ހަނގުރާމަ ނިންމުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. އެ ބައްދަލުވުމަށްފަހު، ޔޫކްރެއިންގެ މަޝްވަރާ ޓީމުން އެމެރިކާގެ އިސް އޮފިޝަލުންނާ ބައްދަލުކޮށް އިތުރު މަޢުލޫމާތުތައް ޙިއްޞާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، މި ތަފްޞީލުތައް ވިލާތުގެ އިއްތިޙާދުގެ ޤައުމުތަކާ ޙިއްޞާކުރައްވާނެ ކަމަށާއި، އެމެރިކާއިން ރަޝިއާއާއެކު މިކަމުގައި ވާހަކަދައްކަމުންދާތީ، ކުރިއަށްއޮތް 10 ދުވަހުގެ ތެރޭގައި އެދެވޭ ކުރިއެރުމެއް ފެންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ޒެލެންސްކީ ވިދާޅުވިއެވެ. މިކަމާ ގުޅިގެން ރަޝިއާގެ ކްރެމްލިންއިންވެސް ވަނީ މުސްތަޤްބަލުގައި މިފަދަ ތިންފަރާތުގެ ބައްދަލުވުމެއް ބޭއްވުމުގެ ފުރުޞަތު އެބައޮތް ކަމަށް އިޝާރާތްކޮށްފައެވެ.
ހަމައެއާއެކު، އެމެރިކާއަށް ދަތުރު ކުރައްވަމުން ގެންދަވާ ޗައިނާގެ ރައީސް ޝީ ޖިން ޕިންއާއެކު ބާއްވާ ބައްދަލުވުމުގައި ޔޫކްރެއިންގެ މައްސަލައާއި މެދު މަޝްވަރާކޮށްދެއްވުމަށް ރައީސް ޓްރަމްޕްގެ އަރިހުން އެދިވަޑައިގެންފައިވާނެ ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ. ޚާއްޞަކޮށް ކުރިއަށްއޮތް ފިނިމޫސުމުގެ ކުރިން މަސްރަޙު ހަމަޔަކަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން އެމެރިކާގެ ޖަވާބަކަށް އިންތިޒާރު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެލު ރަޝިއާއިން ވިލާތުގެ ޤައުމުތަކަށް އަމާޒުކޮށް ސިއްރިޔާތުގައި ހިންގާ ހައިބްރިޑް ޙަމަލާތަކުން ދިފާޢުވުމަށް ޔޫކްރެއިންގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތް ކަމަށް ވިދާޅުވި ނަމަވެސް، ވިލާތުގެ ޤައުމުތަކަށް އެކިކަހަލަ ހަމަލާދިނުން ފަދަ ޢަމަލުތައް ހިންގާ ކަމަށް ކުރެވޭ ތުހުމަތުތައް ރަޝިއާއިން ވަނީ ދޮގުކޮށްފައެވެ.