އެމެރިކާގެ ނިއުޔޯކްގައި ބޭއްވުނު އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާ، އޯއައިސީގެ ޚާރިޖީ ވަޒީރުންގެ އަހަރީ ކޯޑިނޭޝަން ބައްދަލުވުމުގެ ރިޔާސަތު ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ހަކަން ފީދާން ބަލަހައްޓަވައިފިއެވެ.
ތުރުކީވިލާތުގެ ޚާރިޖީ މަޞްދަރުތަކުން ބުނި ގޮތުގައި ބުރާސްފަތި ދުވަހު ބޭއްވުނު މި ބައްދަލުވުމަކީ، އދގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހަވާސާގައި ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ ރިޔާސަތު ތުރުކީވިލާތުން ބަލަހައްޓާފައިވަނީ، އެ ޤައުމަކީ މިހާރު އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ ދަޢުރުވާ ރިޔާސަތު ބަލަހައްޓާ ޤައުމަށް ވާތީއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ޔަހޫދީ ދައުލަތުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ނަސްލުނައްތާލުމުގެ ހަނގުރާމައާއި، މުޅި ފަލަސްޠީނުގެ މައްޗަށް ވެރިވެގަތުމާއި ބިންތައް ފޭރުމުގެ ޙަރަކާތްތައް ފީދާން ވަނީ ކުށްވެރިކުރައްވައިފައެވެ.
އަދި މީގެ އިތުރުން ސޫރިޔާއާއި ލުބުނާނަށް ޔަހޫދީ ދައުލަތުން ދެމުންދާ ޙަމަލާތަކާ ގުޅޭގޮތުންނާއި، އިރާން، ޔަމަން، ލީބިޔާ، ސޫދާން އަދި ސޯމާލިއާގެ ޙާލަތު ހިމެނޭ ގޮތަށް މުޅި އިސްލާމީ އުއްމަތަށް އަސަރުކުރާ އެކިއެކި މައްސަލަތަކުގެ މައްޗަށްވެސް އޭނާގެ ވާހަކަފުޅުގައި އަލިއަޅުވައިލެއްވިއެވެ. ހަމައެއާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ މުސްލިމުންނާއި އިސްލާމީ ޖަމާޢަތްތަކުގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި އޯއައިސީން އަދާކުރާ މުހިންމު ދަޢުރު ފިދާން ފާހަގަކުރެއްވިއެވެ.
އދގެ އާންމު މަޖިލީހުގެ ހަވާސާގައި ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ މި ކޯޑިނޭޝަން ބައްދަލުވުމަކީ، އޯއައިސީގެ އަހަރީ ޚާރިޖީ ވަޒީރުންގެ ކައުންސިލް ބައްދަލުވުމުގެ އިތުރުން، މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ މެދުގައި ޚިޔާލު ބަދަލުކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުޞަތެކެވެ. ޚާރިޖީ ވަޒީރުންގެ ކައުންސިލް އާންމުކޮށް އަހަރަކު އެއްފަހަރު ބޭއްވި ނަމަވެސް، އިސްލާމީ އުއްމަތަށް ދިމާވާ ބޮޑެތި މައްސަލަތަކާ މެދު އަވަސް ފިޔަވަޅުތަކެއް އެޅުމަށްޓަކައި ޚާއްޞަ ކުއްލި ބައްދަލުވުންތައްވެސް ބޭއްވެއެވެ.
ތުރުކީވިލާތުން އޯއައިސީގެ ދަޢުރުވާ ރިޔާސަތާ ހަވާލުވީ 2025 ވަނަ އަހަރުގެ ޖޫން 21 އިން 22 އަށް އިސްތަންބޫލްގައި "ބަދަލުވަމުންދާ ދުނިޔެއެއްގައި އޯއައިސީ" މި ޝިޢާރުގެ ދަށުން ބޭއްވުނު ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ 51 ވަނަ ސެޝަން ކާމިޔާބުކަމާއެކު ބޭއްވުމަށްފަހުގައެވެ.
މީގެ ކުރިންވެސް ތުރުކީވިލާތުގައި ވަނީ 1976، 1991 އަދި 2004 ވަނަ އަހަރު އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ކައުންސިލް ބައްދަލުވުންތައް ބާއްވައިފައެވެ.