ޚަބަރު

ނަފްސާނީ ބައްޔަށް ޚާއްސަ ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދަން އިޢުލާނުކޮށްފި


  • ހޮސްޕިޓަލް އަޅާނީ ހުޅުމާލޭގައި

  • 14،000 އަކަފޫޓުގެ ބިމެއް ހަމަޖައްސާފަވާކަމަށް ސަރުކާރުން ހާމަކޮށްފަވޭ

ހުޅުމާލޭގައި އަޅަން ނިންމާފައިވާ ނަފްސާނީ ބަލީގެ ޚާއްސަ ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދުމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާއިން އިޢުލާންކޮށްފިއެވެ.

ނަފްސާނީ ބަލީގެ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް، އެކަމަށް ޚާއްސަކޮށް އަޅަން ނިންމާފައިވަނީ 50 އެނދުގެ ހޮސްޕިޓަލެކެވެ. މި މަޝްރޫޢުއަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށައެޅުމުގެ ސުންގަނޑިއަކީ އަންނަ މަހުގެ 25ވަނަ ދުވަހުގެ މެންދުރު 01:00އާ ހަމައަށެވެ. ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 864،000 ހުށައަޅަން ޖެހޭނެއެވެ.
އިތުރު މަޢުލޫމާތު މާލީ ވުޒާރާގެ ބީލަން ޕޯޓަލްއިން ލިބޭނެއެވެ.

މެންޓަލް ހެލްތު ހޮސްޕިޓަލް ތަރައްޤީކުރުމަށް 14،000 އަކަފޫޓުގެ ބިމެއް ކަނޑައަޅާފައިވާކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ. މި މަޝްރޫޢު ކުރިއަށްގެންދާނީ ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެންނެވެ.

މުޅި ރާއްޖޭގެ ތަފާސްހިސާބަށް ބަލާއިރު މިއަހަރުގެ ފުރަތަމަ 4 މަސް ދުވަހު، މަހުގެ 24 ވަނަ ދުވަހާއި ހަމައަށް 10000 އަށްވުރެ ގިނަ މީހުން ނަފްސާނީ ބަލިތަކާއި ގުޅިގެން އެކި ބަވަތުގެ ފަރުވާ ހޯދާފައިވާއިރު މީގެތެރެއިން 8000 އަށްވުރެ ގިނަ މީހުން ފަރުވާ ހޯދާފައިވަނީ މާލެ ސަރަޙައްދުންނެވެ.

ފަރުވާ ފުޅާކުރުމަށް، މި ދާއިރާއިން ދިވެހި ބިނާކުރުމުގެ ތަފާތު ޕްރޮގްރާމްތައްވެސް އަންނަނީ ހިންގަމުންނެވެ. އަދި މިވަގުތަށް، އަތޮޅުތަކުގައި މި ޚިދުމަތްތައް ލިބޭނެ މަގު ފަހިކުރުމަށް، ބޭރު ޑޮކްޓަރުން ހޯދާ، ހުރިހާ އަތޮޅު ހޮސްޕިޓަލްތަކަށް ފޮނުވުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

ނަފްސާނީ ސިއްޙަތުގެ ބިލު މިއަހަރު މަޖިލީހަށް ހުށައެޅުމަށްވެސް ސަރުކާރުން ނިންމަވާފައިވެއެވެ. ނަފްސާނީ މައްސަލަތަކާ ގުޅިގެން ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރުމަށް، މިމަހުގެ 20ވަނަ ދުވަހު ވަނީ، ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްސަ ހޮޓްލައިން "1456"ވެސް ތަޢާރަފުކޮށްފައެވެ.

ކަމާބެހޭ އިދާރާތަކުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ނަފްސާނީ ޚިދުމަތްތައް ހޯދާ މީހުންގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ޒުވާނުންނެވެ. ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން 2022 ވަނަ އަހަރު ރާއްޖޭގައި ކުރި ދިރާސާއަކުން ދައްކާގޮތުގައި، ރާއްޖޭގެ އާބާދީގެ %20 ނުވަތަ ކޮންމެ 5 މީހަކުން 1 މީހަކީ ނަފްސާނީ ބަލިމަޑުކަމެއްގެ އަލާމާތްތައް ތަހައްމަލުކުރާ މީހެކެވެ.