ޚަބަރު

ރިސޯޓުތަކުގައި 1.1 މިލިޔަން ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފި


  • މިއީ ޖުމުލަ ފަތުރުވެރިންގެ %72.17

  • ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓުހައުސްތަކުގައި

އަހަރުގެ މިހާތަނަށް ރިސޯޓުތަކުގައި 1.1 މިލިޔަން ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާކަމަށް މިލިޔަނަކަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ރާއްޖެއައި ފަތުރުވެރިންގެ %72 އެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެތެރެއިން ރިސޯޓުތަކުގައި 1,112,766 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ. ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު 2ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓް ހައުސްތަކުގައެވެ. އެއީ 334,016 ފަތުރުވެރިންނެވެ. މިއީ މުޅި ޖުމުލަ ފަތުރުވެރިންގެ %22.1 އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ހޮޓާތަކުގެ 34,845 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު، ސަފާރީތަކުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިންގެ އަދަދަކީ 28,596އެވެ.

އެންމެ ގިނަ ފަތުރުވެރިން އައި ޤައުމުތައް:

• ޗައިނާ: 284,555 ފަތުރުވެރިން
• ރަޝިއާ: 222,055 ފަތުރުވެރިން
• އިނގިރޭސިވިލާތް: 116,658 ފަތުރުވެރިން
• އިޓަލީވިލާތް: 96,010 ފަތުރުވެރިން
• ޖަރުމަނުވިލާތް: 94,494 ފަތުރުވެރިން

ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި މިވަގުތު ރާއްޖޭގައި 1,277 ތަނެއް ވަނީ ހުޅުވާފައެވެ. މި ތަންތަނުގެ ބެޑް ކެޕޭސިޓީ 67,828 އަށް އަރައެވެ.

ރިސޯޓުތަކުގެ އިތުރުން ރަށްރަށުގެ ގެސްޓްހައުސްތަކަށްވެސް ފަތުރުވެރިންގެ ބޮޑު ތަރުޙީބެއް އަންނަނީ ދެމުންނެވެ. އެގޮތުން، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ބޮޑު އިންސައްތައެއް ލޯކަލް ޓޫރިޒަމް ޚިޔާރުކުރަމުންދާއިރު، މިއީ ރަށްރަށުގެ އިޤްތިޞާދަށާއި އާންމު ފަރުދުންގެ އާމްދަނީއަށް ވެސް ބޮޑު ކުރިއެރުމެއް ލިބެމުންދާ ކަމެކެވެ.