ސަޢޫދީ އަރަބިއްޔާއިން އިސްނަގައިގެން އުފެއްދި "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން"ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
މިކަމަށްޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން" ގެ ޗާޓަރުގައި ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، އދ. ގެ މުޢާހަދާތަކާއި، ބައިނަލްއަޤްވާމީ ގުޅުންތަކުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން، އުފެއްދި މިކޯލިޝަނުގައި ދިވެހިރާއްޖޭގެ އިތުރުން ސަޢޫދީ ޢަރަބިއްޔާއާއިއެކު ގާތްގުޅުންތައް ބާއްވާ ގިނަ ޤައުމުތަކަކުން ބައިވެރިވެފައިވާއިރު، މިކޯލިޝަނުގައި ދިވެހިރާއްޖެއިން ބައިވެރިވުމުން ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާއި ދެމެދުގައި އޮތް ގާތް އަޚްވަންތަ ގުޅުން އިތުރަށް ހަރުދަނާވެ، ކަނޑުމަގުން ދިވެހިރާއްޖެއަށް މުދާ ގެނައުމަށް ބޭނުންކުރާ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް ދިވެހިރާއްޖޭގެ މަސްލަޙަތުތައް ޙިމާޔަތްކުރުމުގައި ދިވެހިރާއްޖެއިން އަދާ ކުރާ ދައުރު އިތުރަށް ފުޅާވެގެންދާނެއެވެ.
މި ރަސްމިއްޔާތުގައި، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދާއި، ޚާރިޖީ ވަޒީރު އޮނަރަބަލް އިރުތިޝާމް އާދަމް އަދި ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވާފައިވާ ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްތާނީގެ އިތުރުން ޚާރިޖީ ވުޒާރާއާއި އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.