ކާށިދޫ ކަނޑަށް ދިޔަވާޏް ފެށި ސަޕްލައި ދޯންނާއި އެދޯނީގައި ތިބި މީހުން، އޭދަފުއްޓަށް ގެނެގޮސްފިއެވެ.
ފުލުހުން ވިދާޅުވީ ބ. އަތޮޅު ފުލުހުންގެ އެހީތެރިކަމާއެކު އެ ދޯންޏާއި ދޯނީގައި ތިބި މީހުން ރައްކާތެރިކަމާއެކު އޭދަފުއްޓަށް މިހާރު ގެންދެވިފައިވާކަމަށާއި ދޯނީގައި ތިބި 4 މީހުންގެ ހާލުވެސް ރަނގަޅުކަމަށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލެއިން ފުރައިގެން ރ. އަތޮޅު ރިސޯޓަކަށް ދަތުރުކުރަމުންދިޔަ "ސީލައިން 3" ނަމަކަށްކިޔާ ސަޕްލައި ދޯންޏެއް ކާށިދޫ ކަނޑުގައި ދަތުރުކުރަމުން ދަނިކޮށް، ދޯނީގައި ބަރުކޮށްފައި ހުރި ލަކުޑިތަކެއް ހިފެހެއްޓުމަށް އަޅާފައިވާ ބެލްޓު ކަނޑައިގެންގޮސް ދޯނި އަރިއަޅާލައި، ދިޔަވާ ކަމުގެ މައުލޫމާތު މިއަދު 09:57 އެހައިކަންހާއިރު އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި ހާދިސާގެ ރިޕޯޓު ލިބުމާ ގުޅިގެން، އެ ސަރަހައްދާ އެންމެ ކައިރީގައިވާ ބ. އޭދަފުށީ ޕޮލިސް ސްޓޭޝަންގެ ލޯންޗެއް އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. އަދި ދޯނި ސަލާމަތްކުރުމަށްޓަކައި ދޯނީގައި ހުރި ބައެއް މުދާ ކަނޑަށް ދޫކޮށްލާފައިވާ ކަމަށް އެ އިދާރާއިން ވިދާޅުވެއެއެވެ.
"ސީލައިން 3" ނަމަކަށްކިޔާ މި ސަޕްލައި ދޯނީގައި ތިބީ 4 މީހުންގެ ތެރޭގައި ހިމެނެނީ 3 ދިވެހި ފިރިހެނުންނާއި ބިދޭސީ ފިރިހެނެކެވެ.