ޚަބަރު

ޖައްވަށް ހަތިޔާރު ފޮނުވާފައިވާކަމަށް އެމެރިކާއިން އެއްބަސްވެއްޖެ


ޖައްވަށް ނުވަތަ ދުނިޔޭގެ އޯބިޓަށް ހަތިޔާރު ފޮނުވާފައިވާ ކަމަށް އެމެރިކާއިން ފުރަތަމަ ފަހަރަށް އެއްބަސްވެއްޖެއެވެ. މިއާއެކު، ދުޝްމަނުންގެ ނުރައްކާތަކާ ދެކޮޅަށް ރައްދު ދިނުމަށް ޖައްވު ކޮންޓުރޯލު ކުރުމުގެ ޤާބިލުކަން ލިބިފައިވާ ކަމުގައި އެމެރިކާގެ ސްޕޭސް ފޯސްއިން ހާމަކުރިއެވެ. ދުޝްމަނުންގެ ހަރަކާތްތަކުން އެމެރިކާގެ އަސްކަރިއްޔާ ދިފާއުކުރުމުގެ ބާރު މި ހަތިޔާރުތަކަށް ލިބިގެންވާ ކަމުގައި، އެމެރިކާގެ ސްޕޭސް ފޯސްގެ ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ. ނަމަވެސް، އެ ނިޒާމުތަކުގެ ފަންނީ ތަފުސީލާއި، ޤާއިމުކުރި ސީދާ ޢަދަދެއް އެ ބަޔާނުގައި ހާމައެއް ނުކުރެއެވެ.

ޖައްވީ ދާއިރާ ކޮންޓުރޯލު ކުރުމަކީ ދުޝްމަނުންގެ އަސްކަރީ ޤާބިލުކަމަށް ހުރަސްއެޅުމަށް ޓަކައި ހަތިޔާރު ބޭނުންކޮށްގެންނާއި ހަތިޔާރަކާ ނުލައި ފިޔަވަޅު އެޅުން ކަމުގައި އެ ބަޔާނުގައި ބުންޏެވެ. އަދި، މި ވަސީލަތްތަކަކީ ހަމަލާދިނުމަށާއި ދިފާޢުވުމުގެ ބޭނުމުގައި ވެސް ބޭނުންކުރެވިދާނެ ވަސީލަތްތަކެއް ކަމުގައި އެމެރިކާއިން ބުނެއެވެ. އެމެރިކާއިން ޖައްވުގައި ހަތިޔާރު ޤާއިމުކުރަން ޖެހުނު މައިގަނޑު ސަބަބަކީ، އެ ގައުމުގެ ޖިއޯޕޮލިޓިކަލް މައި ދެ ވާދަވެރިން ކަމުގައިވާ ޗައިނާ އަދި ރަޝިއާގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް ކަމުގައި ވެސް ސްޕޭސް ފޯސްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޗައިނާއިން ޖައްވުގައި ހަތިޔާރު ޤާއިމުކޮށްފައިވާ ކަމަށާއި ކައުންޓަރ-ސްޕޭސް ހަތިޔާރު އުފައްދަމުންދާ ކަމުގައި، ޖާސޫސީ މަޢުލޫމާތައް ރިއާޔަތްކޮށް އެމެރިކާއިން ތުހުމަތު ކުރެއެވެ. އަދި، ޖައްވަކީ ހަނގުރާމައިގެ މައިދާނެއްގެ ގޮތުގައި ރަޝިއާއިން ދެކޭ ކަމަށް ވެސް އެމެރިކާއިން ޤަބޫލުކުރެއެވެ. ކުރިމަގުގެ ހަނގުރާމަތައް ކާމިޔާބު ކުރުމަށް ޖައްވީ ބާރުވެރިކަން ކޮންމެހެން މުހިންމު ކަމަށް ރަޝިޔާއިން ޤަބޫލުކުރާ ކަމުގައި ވެސް އެމެރިކާގެ އަސްކަރިއްޔާއިން ބުނެއެވެ. ޖައްވު އަސްކަރީ ކުރުމުގެ މަސައްކަތްތައް ފެށިގެން އައީ 1957 ވަނަ އަހަރު ސްޕަޓްނިކް ޖައްވަށް ފޮނުވާލުމާ ގުޅިގެންނެވެ. އެއާއެކު، ސެޓެލައިޓުތަކަށް ހަމަލަދީ ހަލާކުކޮށްލުމުގެ ޤާބިލުކަން ތަރައްޤީކުރުމުގެ ވާދަވެރިކަން އެމެރިކާއާއި ރަޝިއާއާ ދެމެދު ފެށުނެވެ.

ނިއުކްލިޔަރ ހަތިޔާރާއި ފަނާކުރަނިވި ބޮޑެތި ހަތިޔާރުތައް ދުނިޔޭގެ އޯބިޓަށް ފޮނުވުން 1967 ވަނަ އަހަރުގެ މުއާޙަދާއަކުން މަނާކުރިއެވެ. ނަމަވެސް އެމެރިކާ، ރަޝިއާ، ޗައިނާ އަދި އިންޑިޔާއިން އެ މުއާޙަދާގެ ބޭރުން ކައުންޓަރ ސްޕޭސް ހަތިޔާރުތައް ތަރައްޤީ ކުރަމުންދާ ކަމުގައި މަސްރަޙުގެ ދާރިސުން ބުނެއެވެ. މި ފަދަ ނިޒާމުތައް މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ މުވާސަލާތަށާއި، ފާރަލުމަށާއި، އަސްކަރީ ދަތުރުފަތުރުގެ ނެވިގޭޝަނަށް ކޮންމެހެން ބޭނުންވާ މުހިންމު ސެޓެލައިޓުތަކަށް ކަމުގައި އެ ފަރާތްތަކުން ބުނެއެވެ.