ލަންކާގެ ޖޫނިއާ ޗެމްޕިއަން ބަލިކޮށް ރާއްޖޭގެ ޒުވާން އަންހެން ސާފަރު އާލިޔާ މުހައްމަދު ލަތީފް ލަންކާ އިންޓަނޭޝަނަލް ސާފިން ޗެމްޕިއަންޝިޕުގެ ޖޫނިއާ ކެޓަގަރީ މުބާރާތް ކާމިޔާބުކޮށްފިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރާޅާއެޅުންތެރިން ވާދަކުރި މި މުބާރާތުގެ ފައިނަލް ހީޓުގައި 9 އަހަރުގެ އާލިޔާ ވާދަކޮށްފައިވަނީ ލަންކާގެ މިދިޔަ އަހަރުގެ ޖޫނިއާ ޗެމްޕިއަން ސަޔުނީ އަންޖަނާއާއެވެ. މުބާރާތުގެ ތިންވަނަ ލިބުނީ ސްވިޒަލެންޑުގެ ކެމީލް އެޓާއެވެ.
އާލިޔާ ހޯދި ކާމިޔާބީއަށް ސާފިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްއެސްއޭ) އިން ވަނީ މަރުހަބާ ކިޔާފައެވެ. ސާފިން އެސޯސިއޭޝަނުން ބުނީ އާލިޔާއަށްވުރެ އުމުރުން ދޮށީ ކުދިންނާ ވާދަކޮށް އާލިޔާ ދައްކުވައިދިނީ ތަފާތު ހުނަރަކާ ހިތްވަރެއް ކަމަށެވެ. އަދި އުންމީދަކީ ކުރިއަށް އޮތްތަނުގައި މިއަށްވުރެ ބޮޑެތި ކާމިޔާބީތައް އާލިޔާއަށް ލިބުން ކަމަށް އެމްއެސްއޭއިން ވަނީ ބުނެފައެވެ.
މީގެ ކުރިން އާލިޔާ ވަނީ މިދިޔަ އަހަރު ބޭއްވި ޤައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕުގެ އަންހެން ކެޓަގަރީގައި ވާދަކޮށް ޗެމްޕިއަންކަންވެސް ހޯދައިފައެވެ. މިއީ އާލިޔާ ބައިނަލްއަގްވާމީ މައިދާނުގައި ހޯދި ފުރަތަމަ ކާމިޔާބީއެވެ.