ޚަބަރު

މިއަދު ކުރި ވިއްސާރައިގައި ފޭދޫގެ، 9 ގެއަކަށް ފެންވަދެ ގެއްލުންވި


  • މިދިޔަ 2 ދުވަހު ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަށް ގެއްލުންތައް ލިބިގެން ރިޕޯޓުކޮށްފައިވޭ

  • މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ވަނީ އިލްތިމާސްކޮށްފައި

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފޭދޫގައި ފެންބޮޑުވެ، 9 ގެއަކަށް ފެންވަދެ ގެއްލުންވެފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މޭނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. މިއަދުގެ މިހާތަނަށް ސ. ފޭދޫގައި ފެންބޮޑުވެ، 9 ގެއަކަށް ފެންވަދެ ގެއްލުން ލިބިފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. މި ހާދިސާއާ ގުޅިގެން، ކައްކައި ކައިބޮއި ހެދުމަށް ދަތިވެފައިވާ 3 ގެއަކަށް ތިން ދުވަހުގެ މުއްދަތަށް ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދެވިފައިވާއިރު، 1 ގެއަކަށް ދިރިނޫޅެވޭވަރަށް ފެންބޮޑުވުމާއި ގުޅިގެން އެގޭގައި ދިރިއުޅޭ އާއިލާއަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ ޚިދުމަތް ތިން ދުވަހުގެ މުއްދަތަށް ވަނީ ފޯރުކޮށްދީފައެވެ.

މީގެއިތުރުން، ޏ. ފުވައްމުލަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގޭގޭގެ ފާޚާނާ ހޮޅިތައް ބެދިގެން ރިޕޯޓުކޮށްފައިވެއެވެ. މިކަމާ ގުޅިގެން ހާލުގައި ޖެހިފައިވާ އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، އެރަށު ފެނަކައާއި ކައުންސިލް އަދި މުއައްސަސާތައް ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ.

މިދިޔަ 2 ދުވަހުގެތެރޭ ފޭދޫގެ 70ގެއަށް ގެއްލުންވެފައިވާކަމަށް އެންޑީއެމްއޭއިން ވަނީ ވިދާޅުވެފައެވެ. އެގޮތުން އެކިވަރުގެ ގެއްލުންތައް ލިބިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން 01 ގެއެއްގައި ފެންބޮޑުވެ ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅި ދިރިނޫޅެވޭވަރަށް ހާލަތު ގޯސްވެގެން، އެ ގޭގައި ދިރިއުޅޭ 8 މީހަކު މިހާރު ވަނީ ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން ސ. މަރަދޫގެ 2 ގެއަކަށް ފެންވަދެގެން ވެސް ރިޕޯޓުކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ބުދަ ދުވަހާ ހަަމައަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ. މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.

ރާއްޖޭގެ ދެކުނުން ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫސިޓީގެ ރަށްތަކަށް ބޯކޮށް ވާރޭވެހި އެކިވަރުގެ ގެއްލުންތައް ލިބި ދަނީ ރިޕޯޓް ކުރަމުންނެވެ. އެގޮތުން ވިއްސާރައިގައި އައްޑޫސިޓީ ފޭދޫގެ ގިނަ އަދަދެއްގެ ގެތަކަށް ފެންވަދެ ގެއްލުން ލިބިފައިވެއެވެ. މި ވިއްސާރައިގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފާނެތީ ސަމާލުވުމަށް ކަމާއި ގުޅުންހުރި ފަރާތްތަކުން ޢިލްތިމާސްކުރައްވައެވެ.

ކުރިއަށް އޮތް 24 ގަޑިއިރުވެސް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ދަތުރުފަތުރު ކުރުމުގައާއި ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.