ސަޢުދީ ޢަރަބީއްޔާގެ އީސްޓް-ވެސްޓް ތެޔޮހޮޅިއަށް ދިން ޑްރޯން ހަމަލާއަކީ ސަރަޙައްދީ ސުލްޙައާއި ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ. ދިވެހި ސަރުކާރުން ވަނީ މި ހަމަލާ ކުށްވެރިކޮށްފައެވެ.
ރިޟާއި މަދީނާ ސަރަޙައްދުގައިވާ "އީސްޓް-ވެސްޓް" ތެޔޮ ހޮޅިލައިނަށް އަމާޒުކޮށް ޑްރޯން ހަމަލާތަކެއް ދިނުމާއި ގުޅިގެން އެ ހޮޅިތައް މިހާރު ވަނީ ބަންދުކޮށްފައިވެއެވެ.
މި ހަމަލާއާ ގުޅިގެން ދިވެހި ޚާރިޖީއްޔާއިން ނެރުނު ބަޔާނުގައި، ރިޟާއި މަދީނާ ސަރަޙައްދުގައިވާ "އީސްޓް-ވެސްޓް" ހޮޅިލައިނަށް އިރާޤު ސަރަޙައްދުގެ ތެރެއިން ދިން ހަމަލާގައި އާންމުންނަށް އަނިޔާވެ ހޮޅިލައިނަށް ގެއްލުން ވެފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
ދިވެހި ސަރުކާރުން ވިދާޅުވީ، މި ހަމަލާއަކީ މުހިންމު ޢުމްރާނީ ވަސީލަތަކަށް ދެވުނު ހަމަލާއެއްކަށްވާއިރު މިއީ އެ ޤައުމުގެ އިސްތިޤުލާލާއި ސަރަޙައްދީ މިނިވަންކަމަށް އަރައިގަތުން ކަމަށެވެ. އަދި ސަޢުދީ ޢަރަބިއްޔާއަށް ދެވުނު މި ހަމަލާއަކީ، ސަރަޙައްދުގެ ސުލްޙައަށާއި ރައްކާތެރިކަމާއި ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށް ދިވެހި ސަރުކާރުން ވިދާޅުވިއެވެ.
ދިވެހި ސަރުކާރުން ނެރުނު ބަޔާން ނިންމަވާލައްވާފައިވަނީ، ދިވެހި ރައްޔިތުން ތިބީ ސަޢުދީ ސަރުކާރާއި ރައްޔިތުންނާ އެކުކަން ހާމަކޮށެވެ. އަދި އެ ޤައުމުގެ ސަލަމާތާއި ރައްކާތެރިކަމަށާއި އިސްތިޤުލާލާއި އަދި ސަރަޙައްދީ މިނިވަންކަމަށް ކުރެވޭ ހުރިހާ މަސައްކަތަކަށް ތާޢީދުކުރަމުންދާނެކަމަށް ވިދާޅުވިއެވެ.