މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން ރަސްމީ ޖެޓީ ހިމެނޭ ސަރަޙައްދާއި ގްރީން ޒޯނުން އުޅަނދުތައް ހުސްކުރުންޖެހޭ ވަގުތުތައް ފުލުހުން އާއްމުކޮށްފިއެވެ.
ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށީގެން ސިޓީ ގަރޑަންއާއި ދެމެދުން ކަނޑު އުޅަނދުތައް ނެގުމާއި އަދި ބޮޑުތަކުރުފާނު މަގާއި އަމީރު އަޙުމަދު މަގުގައި ހޮޓެޖް ޖެންއާ ހަމައަށް އޮންނަ ސަރަޙައްދާ ހަމައަށް އެއްގަމު އުޅަނދުތައް ނެގުމަށް ވަނީ އެދިފައެވެ.
ފުލުހުން ވަނީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިމަހުގެ 14 އިން 15 އަށް ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅާ ގުޅިގެން، ކަނޑައަޅާފައިވާ ސަރަހައްދުތަކުގައިވާ އެންމެހައި ކަނޑުއުޅަނދުފަހަރު މިމަހު 14 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، އަދި އެއްގަމު އުޅަނދުފަހަރު ހަމަ އެ ދުވަހުގެ ހަވީރު 16:00 ގެ ކުރިން ނެގުމަށް އަންގަވާފައެވެ.
މެލޭޝިޔާގެ ބޮޑުވަޒީރު، އޮންރަބްލް އަންވަރު އިބްރާހީމް 2026 ސެޕްޓެމްބަރު 14 އިން 15 އަށް ދިވެހިރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅާ ގުޅިގެން، ފާހަގަކޮށްފައިވާ ސަރަހައްދުތަކުގައިވާ އެންމެހައި ކަނޑުއުޅަނދުފަހަރު 2026 ސެޕްޓެމްބަރު 14 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، އަދި… pic.twitter.com/vyUqXj8Q1h
— Maldives Police (@PoliceMv) September 12, 2026
އެ ސަރަޙައްދަކީ ބޮޑުވަޒިރަށް ރަސްމީ މަރުޙަބާ ކިޔާ ސަރަޙައްދެވެ. ރަސްމީ ބައްދަލުކުރެއްވުންތައް، ރައީސުލްޖުމްހޫރިއްޔާގެ އޮފީގައި ކުރިއަށްދާނެއެވެ. ބޮޑުވަޒީރުގެ ދަތުރުފުޅުގެ ހަރަކާތްތައް އޮންނާނީ މިމަހުގެ 14 އަދި 15 ވަނަ ދުވަހުއެވެ.
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެ ވަޑައިގަތުމުގެ ދަޢުވަތު ރައީސުލްޖުމްހޫރިއްޔާ އަރުއްވާފައިވަނީ، 2025 ވަނަ އަހަރުގެ އޭޕްރީލް މަހު އެމަނިކުފާނު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ ބޮޑުވަޒީރު އަންވަރު އިބްރާހީމް، މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ޙަވާލުވެވަޑައިގަތުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި، މެލޭޝިއާގެ ބޮޑުވަޒީރު ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ. މި ވާހަކަފުޅުތަކުގައި ދެޤައުމުގެ ދެމެދުގައިވާ ގުޅުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމުގެ އިތުރުން، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވިދާނެ އައު ދޮރުތައް ހުޅުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.